ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަން ހަރުދަނާކުރުމުގެ އައު ބިލު މަޖިލީހަށް: އިޒްރޭލް ޕާސްޕޯޓް މަނާކުރުމާއެކު މުހިންމު ބަދަލުތަކެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ މަތިން ހިންގައި ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ ފަރާތުން ”ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު“ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ.

ސަރުކާރުން ހުށަހެޅި މުހިންމު ބިލްތަކުގެ ތަފްސީލު ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިމިގްރޭޝަންގެ މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އެ ޚިދުމަތް ދިނުމުގައި ގެންނަންޖެހޭ ޒަމާނީ އަދި މުހިންމު ބަދަލުތަކާއެކު، ޤައުމީ ސަލާމަތާއި ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ އެންމެހައި ކަންކަން ހިންގުމަށްޓަކައި ”މޯލްޑިވްސް އިމިގްރޭޝަން“ގެ ނަމުގައި މަދަނީ ވަކި ޚިދުމަތެއް ޤާއިމުކުރުމެވެ. އަދި ހަރުދަނާ، ދެފުށް ފެންނަ، ޖަވާބުދާރީކުރެވޭ ނިޒާމެއްގެ ދަށުން އެ ޚިދުމަތް ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމެވެ.

މީގެއިތުރުން، ދިވެހިރާއްޖެއަށް މީހުން އެތެރެވުމާއި ރާއްޖެއިން ފުރުމުގެ ޢާންމު އަދި ޚާއްޞަ އުސޫލުތައް ކަނޑައެޅުމާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ހުޅުވާލެވޭ ވައިގެ އަދި ކަނޑުގެ ބަނދަރުތަކުގައި އިމިގްރޭޝަންގެ ޚިދުމަތް ދިނުމުގެ އެންމެހައި އިންތިޒާމުތައް ހަރުދަނާކުރުން މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ދިވެހި ރައްޔިތުންނާއި ބިދޭސީންނާ ގުޅޭ އުސޫލުތައް

މި ބިލުގައި ދިވެހި ރައްޔިތުންނަށް ޕާސްޕޯޓާއި ދަތުރުފަތުރުކުރުމަށް ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ދޫކުރުމާއި، އެ ލިޔެކިޔުންތައް ބޭނުންކުރުމާ ގުޅޭ ހަރުދަނާ މިންގަނޑުތަކެއް ވަނީ ބަޔާންކޮށްފައެވެ.

ހަމައެއާއެކު، ބިދޭސީން ރާއްޖެއަށް އައުމާއި ރާއްޖޭގައި ތިބުމުގެ ހުއްދަ ދިނުމުގެ އުސޫލުތަކުގެ އިތުރުން:

  • ހުއްދަނެތި ރާއްޖެއަށް އެތެރެވާން އުޅޭ ބިދޭސީން ވަގުތުން އަނބުރާ ފޮނުވާލުމުގެ އުސޫލުތައް.
  • ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ ނުވަތަ ޤާނޫނާ ޚިލާފުވާ ބިދޭސީން ޑީޕޯޓްކުރުމުގެ ހަރުކަށި އިޖުރާއަތުތައް.
  • ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް ވަނީ ތަފްސީލުކޮށްފައެވެ.

އިޒްރޭލު ޕާސްޕޯޓް މަނާކުރުން މުތުލަޤުކުރުން

މިހާރު ޢަމަލުކުރަމުންދާ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ރާއްޖެއަށް އެތެރެވުން މަނާ ފަރާތްތައް ކަނޑައަޅާފައިވީ ނަމަވެސް، އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކޮށްފައި އޮންނަނީ ވަކި ހާލަތްތަކަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. ނަމަވެސް އަލަށް މަޖިލީހަށް ހުށަހެޅި މި ބިލުގައި އެ އުސޫލު ވަނީ ބަދަލުކޮށްފައެވެ.

އައު ބިލުގައި ވަކި ހާލަތަކަށް ރިޢާޔަތްކުރުމެއް ނެތި، މުތުލަޤަށް (ކަނޑައެޅިގެން އެއްވެސް އިސްތިސްނާއެއް ނެތި) ބަޔާންކޮށްފައިވަނީ އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖެއަށް އެތެރެނުވެވޭނެ ކަމަށެވެ. މިއީ ސަރުކާރުން އިޒްރޭލާ ދެކޮޅަށް އަޅަން ނިންމާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް ބާރުދިނުމުގެ ގޮތުން ގެނައި މުހިންމު ބަދަލެކެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ދިވެހިރާއްޖޭގެ އިމިގްރޭޝަނާ ގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ކަމާބެހޭ ވަޒީރަށެވެ. މީގެއިތުރުން މޯލްޑިވްސް އިމިގްރޭޝަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަރަށް ސާފުކޮށް މި ބިލުގައި ތަރުތީބުކޮށްފައިވެއެވެ.

އިމިގްރޭޝަންގެ ޚިދުމަތް ޒަމާނީ ފެންވަރަކަށް ގެންދިއުމަށްޓަކައި، އިމިގްރޭޝަންގެ އޮފީސްތައް އިތުރަށް ތަރައްޤީކުރުމާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ޓެކްނޮލޮޖީ ބޭނުންކުރުމާއި، އަދި އިމިގްރޭޝަންގެ މުވައްޒަފުން ފަންނީ ގޮތުން ތަމްރީނުކޮށް ހުނަރުވެރި ކުރުމާ ގުޅޭ ޚާއްޞަ މާއްދާތަކެއްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: