އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ މެންބަރު ޤައުމުތަކުގެ 31 ވަނަ ބައްދަލުވުން ނުވަތަ ”ކޮޕް 31“ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި މަހުގެ 10 އިން 14 ގެ ނިޔަލަށް ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވާނެއެވެ. މީގެއިތުރުން، ސަމިޓުގެ ހަވާސާގައި ބޭއްވޭ މަތީ ފަންތީގެ އެކި ޙަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެކި ޤައުމުތަކުގެ އިސް ވެރިންނާއެކު ދެފަރާތުގެ ގުޅުން ބަދަހިކުރުމަށާއި މޫސުމީ މައްސަލަތަކާ ގުޅޭގޮތުން ރަސްމީ ބައްދަލުވުންތައް ބޭއްވެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ދުނިޔޭގެ ލީޑަރުންނާއި، ޔޫ.އެން.އެފް.ސީ.ސީ.ސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ސަމިޓެވެ.
މި ސަމިޓުގައި ހަމައެކަނި ސަރުކާރުތަކުގެ މަންދޫބުންގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންގެ އިތުރުން މަދަނީ ޖަމުޢިއްޔާތައް ބައިވެރިވެ އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ޙިއްސާކުރާނެއެވެ. މިއީ އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމާޢީ ޙައްލުތަކެއް ހޯދުމަށް މަގުފަހިކޮށްދޭ މުހިންމު ފުރުޞަތެކެވެ.
މިއަހަރު ބާއްވާ ކޮޕް ސަމިޓަކީ 1992 ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީޚީ ޔޫ.އެން.އެފް.ސީ.ސީ.ސީ މުޢާހަދާގެ ދަށުން ބާއްވާ 31 ވަނަ ސެޝަނެވެ. މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ދުނިޔޭގެ ޤައުމުތައް އެއްބަސްވި މި މުޢާހަދާއަކީ، 2015 ވަނަ އަހަރު ދުނިޔޭގެ އެންމެހައި ޤައުމުތަކުން އިއްތިފާޤުވި ތާރީޚީ ޕެރިސް އެގްރީމެންޓުގެ ވެސް އަސްލެވެ.
ދިވެހިރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު، ތިރި ޖަޒީރާ ޤައުމަކަށް ވާތީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ހޯދުމަށާއި، ބޮޑެތި ޤައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ބާރުއެޅުމުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރެއެވެ. މިގޮތުން މިފަހަރުގެ ސަމިޓުގައި ވެސް ރާއްޖޭގެ ފަރާތުން އިއްވަވާ ބަޔާނުގައި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައްޔާއި ރާއްޖޭގެ ތަރައްޤީއަށް މޫސުމީ ރައްކާތެރިކަން ހޯދުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާނެ ކަމަށް ބެލެވެއެވެ.

