އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބޭނުންވާ ލެބޯޓަރީ ސާމާނުތަކެއް މާކެޓް އަގަށްވުރެ ބޮޑު އަގުގައި ގަތް މައްސަލައިގައި، އެ ހޮސްޕިޓަލުގެ އިސް 4 މުވައްޒަފެއްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލައިދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި ދަޢުވާކުރަން ފޮނުވާފައިވަނީ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި އިސް އޮފިޝަލާއި، ކަމާގުޅޭ ބިޑު ކޮމިޓީގެ 3 މެންބަރެއްގެ މައްޗަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ސިއްޙީ މަރުކަޒުތަކަށް ހަތަރު މަސްދުވަހުގެ މުއްދަތަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް 2025 ވަނަ އަހަރު ކުރި އިޢުލާނަކާ ގުޅިގެންނެވެ. އެ އިޢުލާނުގައި ހިމެނޭ ތަކެތީގެ ތެރެއިން 40,000 (ސާޅީސް ހާސް) މައިކްރޯޕިޕެޓް ޓިޕްސް ގަތުމަށް ހުޅުވާލުމުން ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންނެވެ.
އޭސީސީގެ ތަޙުޤީޤަށް ފާހަގަކުރެވުނު ގޮތުގައި، އެންމެ ފަރާތަކުން ބީލަން ހުށަހަޅާފައިވީ ނަމަވެސް، އެ ފަރާތުން ހުށަހެޅި އަގަކީ ބާޒާރުގައި އެ ތަކެތި ލިބެންހުރި އަގާ އަޅާބަލާއިރު އެކަށީގެންވާ އަގެއްތޯ ބަލާފައެއް ނުވެއެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023/R-158) އާ ޚިލާފަށް، މާކެޓް އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައި އެ ތަކެތި ހޯދުމަށް އެޕްރޫވްކޮށް ގަނެފައިވާކަން ތަޙުޤީޤުން ވަނީ ކަށަވަރުވެފައެވެ.
މި މައްސަލައިގައި ޝާމިލުވެގެން ދަޢުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ އޭއީއެޗްގެ 4 މުވައްޒަފެކެވެ. އެ ފަރާތްތަކަކީ:
- މުޙައްމަދު ޞާއިން އަޙްމަދު (ފިޔަނޫމާގެ / ސ. ހިތަދޫ) – ޕްރޮކިއުމަންޓް އޮފިސަރ އަދި ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި ފަރާތް (ބީލަމުގެ އިވެލުއޭޝަން އެޕްރޫވްކުރި ފަރާތް)
- ޢަޡީމް ލަޠީފް (އެވެރެސްޓު / ސ. ހިތަދޫ) – ސީނިއަރ ހެލްތުކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ (ކުންފުނިން ހުށަހެޅި އަގުގައި ތަކެތި ސަޕްލައިކުރުމަށް ނިންމި ބިޑު ކޮމިޓީގެ ޗެއަރޕާސަން)
- ޢަބްދުﷲ ވަޙީދު (ތައުރުއްގެ / ސ. ހިތަދޫ) – ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ (ބިޑު ކޮމިޓީގެ މެންބަރު)
- ޑރ. ފާތިމަތު އަމާނީ ނަސީރު (ހަންހާރުގެ / ސ. ހިތަދޫ) – ޕީޑިއެޓްރީޝަން (ބިޑު ކޮމިޓީގެ މެންބަރު)
އޭސީސީން މި ފަރާތްތަކުގެ މައްޗަށް އުފުލުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ މައިގަނޑު ދެ މާއްދާއެއްގެ ދަށުންނެވެ. އެއީ:
- ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން: ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.
- ޤާނޫނުލްޢުޤޫބާތުގެ 517 ވަނަ މާއްދާގެ (ހ) ގެ ދަށުން: ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ.
މީގެއިތުރުން، ޤާނޫނުލްޢުޤޫބާތުގެ 517 ވަނަ މާއްދާގެ ދަށުން މި މައްސަލަ ބަލާތީ، މި މުޢާމަލާތުގެ ސަބަބުން ދައުލަތަށް ލިބުނު މާލީ ގެއްލުމުގެ އަދަދު ޙިސާބުކުރުމަށް އޭސީސީން ވަނީ ނިންމާފައެވެ. އަދި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރި އޭއީއެޗްގެ މުވައްޒަފުންގެ އިދާރީ މައްސަލަ ބަލައި، އެ ފަރާތްތަކުން ދައުލަތަށް އަނބުރާ ދައްކަންޖެހޭ ފައިސާގެ އަދަދުތައް ކަނޑައަޅައި، އެ ފައިސާ ހޯދުމަށް އެންގުމަށްވެސް ވަނީ ނިންމާފައެވެ.

