ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ މުޢާމަލާތްތަކުގެ އަގުތައް ބަދަލުކޮށް، ޤާނޫނު ރަޖުޢީކޮށް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ދެކޮޅަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.
މި މައްސަލައަކީ ޓްރޭޑަރސް ހޮޓެލް މާލެ ޕްރައިވެޓް ލިމިޓެޑުން ހޮޓަލުގެ މުދާ ގަތުމާ ގުޅިގެން ކެޕިޓަލް އެލަވަންސް ހިސާބުކުރި ގޮތާމެދު އުފެދުނު ދެބަސްވުމެއްގައި ނިންމާފައިވާ މައްސަލައެކެވެ.
ސުޕްރީމް ކޯޓުން 9 ނޮވެމްބަރު 2026 ގައި އިއްވި ޙުކުމުގައި ވަނީ، މީރާގެ ނިންމުމަށް ތާއީދުކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލުންނާއި ހައިކޯޓުން ކޮށްފައިވާ ޙުކުމްތައް ބާޠިލުކަމަށް ކަނޑައަޅައި، ޓްރޭޑަރސް ހޮޓެލާ އެއްކޮޅަށް މައްސަލަ ނިންމާފައެވެ. މި ޙުކުމް ނެރުއްވާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން، ޚިޔާލު ތަފާތުވި ރައުޔަކާ އެކުގައެވެ.
މި މައްސަލައިގެ އަސްލަކީ 30 ސެޕްޓެމްބަރު 2010 ގައި މާލެ ހޮޓެލް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއި ޓްރޭޑަރސް ހޮޓެލް މާލެ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު ސޭލް އެންޑް ޕަރޗޭސް އެގްރީމަންޓެއްގެ ދަށުން، ޓްރޭޑަރސް ހޮޓެލުން އެ ހޮޓަލުގެ މުދާ ގަތުމެވެ. ދިވެހިރާއްޖޭގައި ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ އެ މުޢާމަލާތް ހިނގިތާ ގާތްގަނޑަކަށް ދިހަ މަސްދުވަސް ފަހުން، 18 ޖުލައި 2011 ގައެވެ.
ނަމަވެސް، 2011 އަދި 2012 ވަނަ އަހަރުގެ މުއްދަތަށް މީރާއިން ކުރިއަށްގެންދިޔަ އޮޑިޓުގެ ރިޕޯޓުގައި (31 ޑިސެމްބަރު 2015)، ޓްރޭޑަރސް ހޮޓެލުގެ މާލީ ފޮތްތަކުގައިވާ މުދާ ގަތް އަގު ބަލައިގަތުމުގެ ބަދަލުގައި، މުދާ ވިއްކި ފަރާތުގެ ފޮތްތަކުގައިވާ ރިޓްން ޑައުން ވެލިއުއަށް ބަލައިގެން ކެޕިޓަލް އެލަވަންސް އަލުން ހިސާބުކުރިއެވެ. މީގެ ސަބަބުން ޓްރޭޑަރސް ހޮޓެލުން ދައްކަންޖެހޭ ޓެކްސްގެ އަދަދު ބޮޑުވެގެން ދިޔުމުން، އެ ކުންފުނިން މީރާއަށް އޮބްޖެކްޝަން ހުށަހެޅި ނަމަވެސް، މީރާއިން ވަނީ އެ ޝަކުވާތައް ބަލައިނުގަނެ ދޫކޮށްލާފައެވެ.
މީރާގެ އޮބްޖެކްޝަން ރިވިއު ރިޕޯޓާ ގުޅިގެން ޓްރޭޑަރސް ހޮޓެލުން އެ މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިއެވެ. ޓްރައިބިއުނަލުން ނިންމީ ހޮޓެލް ހުރި ބިމާ ގުޅިގެން ދައްކާފައިވާ ފައިސާއާ ބެހޭ ބައި ފިޔަވައި، މީރާގެ އޮބްޖެކްޝަން ރިވިއު ރިޕޯޓަށް ބަދަލު ގެންނަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
މި ނިންމުމާމެދު ހިތްހަމަނުޖެހިގެން ޓްރޭޑަރސް ހޮޓެލުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުންވެސް ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅައި، މީރާއާ އެއްކޮޅަށް ޙުކުމް ދަމަހައްޓާފައެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން މައިގަނޑު ގޮތެއްގައި ގޮތެއް ކަނޑައަޅަން ޖެހުނު ޤާނޫނީ ސުވާލުތަކަކީ:
- ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ހިނގާފައިވާ މުޢާމަލާތެއްގެ ”މުދާ ގަތް އަގު“ ބަދަލުކޮށް، ވިއްކި ފަރާތުގެ ފޮތްތަކުގައިވާ އަގަށް ބަލައި ކެޕިޓަލް އެލަވަންސް ހިސާބުކުރުމުގެ އިޚްތިޔާރު ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 46 ވަނަ މާއްދާގެ ދަށުން މީރާއަށް ލިބިގެންވޭތޯ؛ އަދި
- ޓެކްސް ޤާނޫނު އައުމުގެ ކުރީގެ މުޢާމަލާތްތަކަށް ބައިނަލްއަޤްވާމީ މާލީ މިންގަނޑުތައް ނުވަތަ އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަރޑްސް ރަޖުޢީކޮށް ތަޠުބީޤު ކުރެވިދާނެތޯއެވެ.
ޓްރޭޑަރސް ހޮޓެލުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ޤާނޫނެއް ވުޖޫދަށް އައުމުގެ ކުރިން ދެފަރާތެއްގެ ދެމެދުގައި އިޚްތިޔާރީ އެއްބަސްވުމެއްގެ ދަށުން އަގު ކަނޑައަޅައި ނިމިފައިވާ މުޢާމަލާތްތަކުގެ އަގުތަކަށް، ފަހުން ހަދާ ޤަވާޢިދެއްގެ ދަށުން ބަދަލު ގެނައުމަކީ ޤާނޫނީ ހަމަތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި ޤާނޫނުގައި ސީދާ އެފަދަ ބާރެއް ދީފައި ނުވަނީސް، ރަޖުޢީކޮށް ޓެކްސްގެ އިލްތިޒާމުތައް ބޮޑުވާނެހެން މާނަކުރުމަކީ ވިޔަފާރިތަކުގެ މަޞްލަޙަތާއި ޤާނޫނީ ޔަޤީންކަން ގެއްލިގެންދާނެ ކަމެއް ކަމަށް ވަކާލާތު ކުރިއެވެ.
ސުޕްރީމް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ، ޤާނޫނުގައި ސަރީޙަކޮށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ޤާނޫނެއް ނުވަތަ ޤަވާޢިދެއް މާޒީގައި ހިނގާފައިވާ މުޢާމަލާތްތަކަށް ރަޖުޢީވާ ގޮތަށް ތަންފީޒު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ޓެކްސް ޤާނޫނު އައުމުގެ ކުރިން ހިންގާފައިވާ ވިޔަފާރީގެ މުޢާމަލާތްތަކުގެ އަގުތައް މީރާއިން ބަދަލުކޮށް، ވިއްކި ފަރާތުގެ ފޮތްތަކުގައިވާ އަގަށް ބަލައިގެން ކެޕިޓަލް އެލަވަންސް ކުޑަކުރުމަކީ ޤާނޫނީ އަސާސެއް ނެތް ނިންމުމެއް ކަމުގައި ކަނޑައެޅިއެވެ.
މި ޙުކުމާއެކު، ހައިކޯޓާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ބާޠިލުވެ، ޓްރޭޑަރސް ހޮޓެލުން މުދާ ގަތް އަސްލު އަގަށް ބަލައިގެން ކެޕިޓަލް އެލަވަންސް ދޭންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުމަކީ ރާއްޖޭގެ ޓެކްސް ނިޒާމުގައި، ޤާނޫނުތައް ވުޖޫދަށް އައުމުގެ ކުރީގެ މުޢާމަލާތްތަކާ ގުޅޭގޮތުން ޓެކްސް އިދާރާތަކުން ނިންމާ ނިންމުންތަކުގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އިމާއި ހަމަތައް ސާފުކޮށްދިން ނިންމުމެކެވެ.

