މުސޫމީ ބަދަލުތައް މިއަދުވެފައި ވަނީ އިގްތިސާދީ ނުރައްކަލަކަށްކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޕެންޝަން އޮފީހާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން ބޭއްވި ފައިނެންސް ފޯރަމްގައި ޒަރީރު ވިދާޅުވީ، މޫސުމީ ބަދަލުތަކަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫންކަމަށާއި، އެއީ އިޤްތިޞާދީ ނުރައްކަލެއް ކަމަށެވެ. އަދި އެކަންތައްތައް ދެމެހެއްޓެނިވި ގޮތުގައި މެނޭޖްކޮށް ވިލުންތެރި އިޤްތިޞާދެއް ގާއިމްކުރަން ޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ފޯރަމަކީ މާލީ އިދާރާތައް އަދި ދާއިރާގެ ތަޖުރިބާކާރުން ހިމެނޭހެން 130 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެގެން ބޭއްވި ފޯރަމެކެވެ. މި އަހަރުގެ ފޯރަމުގެ ޝިއާރަކީ ”ގްރީން ފައިނޭންސް: ރާއްގޭގައި ދެމެހެއްޓެނިވި އިންވެސްޓްމެންޓާއި މާލީ ރައްކާތެރިކަން“ އެވެ. މިނިސްޓަރ ވިދާޅުވީ، އިންވެސްޓްމެންޓްތައް ބިނާވެފައިވަނީ އިތުބާރުގެ މައްޗަށްކަމަށާއި، އެ އިތުބާރު ހަރުދަނާވަނީ ގަވާއިދުތަކާއި، އިތުބާރުކުރެވޭ މައުލޫމާތާއި، ގަބޫލުކުރެވޭ އިންވެސްޓްމެންޓް ފުރުސަތުތަކުން ކަމަށެވެ.
ފޯރަމް ހުޅުއްވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޔަޒްމީދު މުޙައްމަދު ވިދާޅުވީ، ދެމެހެއްޓެނިވި އިންވެސްޓްމެންޓްތައް ކުރިއަށް ގެންދަންވާނީ ޕެންޝަން އޮފީހުގެ ފިޑިއުޝަރީ ޒިންމާތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަމަށެވެ.
”ގްރީން އިންވެސްޓްމެންޓްގެ މާނައަކީ މާލީ އިންޒިބާތު ދޫކޮށްލުމެއް ނޫން،“ ޔަޒްމީދު ވިދާޅުވިއެވެ. ”ކޮންމެ އިންވެސްޓްމެންޓަކީވެސް ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ހިރާސްތައް ވަޒަންކުރެވިފައިވާ، އަދި މާލީ ގޮތުން ފައިދާހުރި ކަމެއްކަން ސާބިތުވާ އިންވެސްޓްމެންޓަކަށް ވަންޖެހޭ“ އޭނާ ވިދާޅުވިއެވެ.
ޔަޒްމީދު ވިދާޅުވީ، މޫސުމީ ފައިނޭންސިންގ ހިމެނޭހެން ތިމާވެއްޓާއި، އިޖުތިމާއީ ކަންކަމާއި، ގަވަރނަންސްއާ ގުޅޭ މަސައްކަތްތަކަށް އެހީތެރިވެވޭނެ ފުރުސަތުތައް ޕެންޝަން އޮފީހުން ހޯދަމުންދާ ކަމަށެވެ.
މީގެއިތުރުން ރަސްމިއްޔާތުގައި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ އިކޮނަމިސްޓް ޝުހާދު އިބްރާހީމް ހުށައެޅުއްވި ޕްރެޒެންޓޭޝަނުގައި، މުސުމީ ބަދަލުތަކުން ގޭބިސީތަކަށާއި ވިޔަފާރިތަކަށާއި މުޅި އިގްތިސާދަށް އަސަރުކުރާގޮތާއި، ދެމެހެއްޓެނިވި ފައިނޭންސްގެ ދާއިރާއިން ރާއްޖޭގެ މިހާރުގެ ހާލަތަށް އަލިއަޅުވާލިއެވެ.
ހެނދުނުގެ ދަންފަޅީގައި ކުރިއަށްދިޔަ ”އުސޫލުތަކުން އަމަލީ މާހައުލަށް“ މި މަޝްވަރާ ބައްދަލުވުމުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ، އޮޑިޓަރ ޖެނެރަލް އޮފީސް އަދި ފިނޭންސް މިނިސްޓްރީގެ މަންދޫބުން ބައިވެރިވެވަޑައިގެން، ދެމެހެއްޓެނިވި އިންވެސްޓްމެންޓްތަކަށް ބޭނުންވާ އިދާރީ އޮނިގަނޑުތަކާ ބެހޭގޮތުން ވާހަކަދެއްކެވިއެވެ.
އެއަށް ފަހު މެންދުރުފަހުގެ ދަންފަޅީގައި ޔޫ.އެން.ޑީ.ޕީގެ އެސް.ޑީ.ޖީ ފައިނޭންސް ޕޮލިސީ އެޑްވައިޒަރ ޗާލްސް ޔޫ، ކުދި ޖަޒީރާ ގައުމުތަކުގައި ދެމެހެއްޓެނިވި ފައިނޭންސް ބޭނުންކުރަމުންދާ ގޮތުގެ ބައިނަލްއަގުވާމީ ތަޖުރިބާތައް ހިއްސާކުރެއްވިއެވެ. އެގޮތުން ”ގްރީން އެންޑް ބްލޫ ބޮންޑް“، ”ބްލެންޑަޑް ފައިނޭންސް“ އަދި ”ކޮންސެޝަނަލް ފައިނޭންސިންގ“ ފަދަ މާލީ ވަސީލަތްތައް ރާއްޖެ ފަދަ ގައުމުތަކުގައި ބޭނުންކުރެވިދާނެ ގޮތްތައް އޭނާ ބަޔާންކުރެއްވިއެވެ.
ފޯރަމްގެ ފަހު ޕެނަލް މަޝްވަރާ ކަމުގައިވާ ”ސްޓްރެޓެޖީއެއްގެ ގޮތުގައި ދެމެހެއްޓެނިވިކަން: މޫސުމީ ނާޒުކުކަން ވިޔަފާރީގެ ފުރުސަތަކަށް ބަދަލުކުރުން“ މި ސެޝަންގައި، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ފައިދާހުރި އިންވެސްޓްމަންޓް ފުރުސަތުތައް އުފެއްދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން ހާއްސަ އިގްތިސާދީ ސަރަހައްދުތަކާއި، ބައިނަލްއަގުވާމީ މޫސުމީ ފަންޑުތަކުން މާލީ އެހީ ހޯދުމުގެ އިތުރުން، ރާއްޖޭގެ މާލީ ބާޒާރަށް ދެމެހެއްޓެނިވި ލޯނާއި ލީސިންގ ފަދަ ވަސީލަތްތައް ތައާރަފުކުރުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ.
މި ފޯރަމްގެ މައިގަނޑު އަމާޒަކަށްވީ، އެކުލަވައިލެވިފައިވާ ސިޔާސަތުތަކާއި އުސޫލުތައް އަމަލީ މަސައްކަތްތަކަކަށް ބަދަލުކޮށް، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް ބޭނުންވާ ބޮޑެތި ރައުސްމާލު ހޯދޭނެ ގޮތްތައް ދެނެގަތުމެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ ފަދަ ހަރުދަނާ އިގްތިސާދެއް ބިނާކުރުމަށްޓަކައި، ސަރުކާރާއި، ރެގިއުލޭޓަރީ އިދާރާތަކާއި، މާލީ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން މި ފޯރަމުން ވަނީ ހާމަވެގެން ގޮސްފައެވެ.

