ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާތުކުރުމުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް މުޢިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމާއި އަމިއްލަ ސިޔާދަތު ކަށަވަރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރިތާ 38 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މީސްމީޑިއާގައި ޙިއްޞާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.

މި މުނާސަބަތުގެ ހެޔޮއެދުންތައް ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އަދި އެ ޤައުމުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުޞްޠަފާގެ އިތުރުން އަޚުވަންތަ ފަލަސްޠީނުގެ އެންމެހައި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ފަލަސްޠީނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ދެއްވި މެސެޖުގައި، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އަދި އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން، މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ކުރާ ތާއީދު ވަނީ އަލުން ތަކުރާރުކުރައްވާފައެވެ. ފަލަސްޠީނުގެ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން، ފަލަސްޠީނުގެ މައްސަލައަކީ ދިވެހިރައްޔިތުންގެ ހިތްތަކާ ނުހަނު ގުޅިފައިވާ މުހިންމު މައްސަލައެއްކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ އެކި މަންސަތަކުގައްޔާއި ޚާރިޖީ ސިޔާސަތުގެ ތެރެއިން އެ ޤައުމުގެ ޙައްޤުގައި ވަކާލާތުކުރުން ދިވެހިރާއްޖެއިން ހުއްޓުމެއްނެތި ކުރިއަށްގެންދާނެކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫ ޙާލަތްތަކުން އަރައިގަނެ، އެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ދެމުންގެންދާނީ އެއްވެސް ޝަރުޠަކާ ނުލައި ދެވޭ ސާބިތު އެއްބާރުލުމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ފަލަސްޠީނުގެ މައްސަލައަށް ދާއިމީ އަދި ޢަދުލުވެރި ޙައްލެއް ލިބެންދެން ރާއްޖޭގެ ޢަޒުމަށް އެއްވެސް ގުޑުމެއް ނާންނާނެކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ޕޯސްޓު ނިންމަވާލައްވާފައިވަނީ ފަލަސްޠީނުގެ މިނިވަންކަމުގެ ޖިހާދަށް ހިތްވަރު ދެއްވައި، ”ކޯރުން ފެށިގެން ކަނޑާ ހަމައަށް، ފަލަސްޠީނު މިނިވަންވާނެ“ ކަމުގެ ވަރުގަދަ ބަސްފުޅުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: