ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި ބޭންކުތަކަށްވުރެ ބޮޑެތި އަދަދުތަކުން ބައެއް މަނީ ޗޭންޖަރުން ފައިސާ ދައުރުކުރި: މުނައްވަރު

މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހިންގާ ބައެއް ކުދި ލައިސަންސްޑް ބޭންކުތަކަށްވުރެ ވެސް ބޮޑެތި އަދަދުތަކުން ބައެއް މަނީ ޗޭންޖަރުން ފައިސާ ދައުރުކުރަމުންދާކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން ފޮރިން އެކްސްޗޭންޖްގެ ރަސްމީ މާކެޓަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކުރިން މަނީ ޗޭންޖަރުން އެކަށީގެންވާ ގޮތެއްގައި ރެގިއުލޭޓް ނުކުރެވުމުގެ ސަބަބުން، ފަތުރުވެރިކަމުން ވަންނަ ޑޮލަރުގެ ބޮޑު ބައެއް ދައުރުވަމުން ދިޔައީ ރަސްމީ ބޭންކިންގ ނިޒާމުން ބޭރުން ކަޅު ބާޒާރުގައެވެ. މީގެ ސަބަބުން ބޭންކުތަކުން ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ އަގު އުފުލި، ތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި އެމްއެމްއޭއިން ވަނީ ފޮރިން އެކްސްޗޭންޖާ ބެހޭ އައު ގަވާއިދެއް އެކުލަވާލައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ ވަކި އުސޫލުތަކެއްގެ ދަށުން ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި މުނައްވަރު ފާހަގަކުރެއްވި ގޮތުގައި، އެމްއެމްއޭގެ ގާނޫނީ ޒިންމާތަކުގެ ތެރެއިން ޕްރައިސް ސްޓެބިލިޓީ ނުވަތަ ތަކެތީގެ އަގުތައް ހަމަހަމަކޮށް ހިފެހެއްޓުމަކީ އެންމެ އިސް އެއް މަސްއޫލިއްޔަތެވެ. ރާއްޖޭގައި މި ލަނޑުދަނޑި ހާސިލުކުރުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަނީ ދިވެހި ރުފިޔާ ޑޮލަރާ އަޅާބަލާއިރު ވަކި ވަރެއްގައި ހިފަހައްޓާފައި ބަހައްޓާ ޕެގް އެކްސްޗޭންޖް ރޭޓް ސިސްޓަމެކެވެ. ނަމަވެސް އިގްތިސާދީ އެކި ހާލަތްތަކާ ގުޅިގެން މި ޕެގަށް އަބަދުވެސް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވާކަމަށާއި، ރާއްޖޭގެ މާލީ ތާރީހަށް ބަލާއިރު އެކްސްޗޭންޖް ރޭޓް މިސްއެލައިންވެގެން، ކޮންމެ 10 އަހަރަކުން އެއްފަހަރު ގޮތަކަށް އެކްސްޗޭންޖް ރޭޓަށް ބަދަލު ގެނެސްފައިވާކަން މުނައްވަރު ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 ގެ ދުވަސްވަރުވެސް އެކްސްޗޭންޖް ރޭޓަށް އައި ބޮޑެތި ބަދަލުތަކާއި، މިސްއެލައިންމަންޓަށް އިޝާރާތް ކުރައްވައި މުނައްވަރު ވިދާޅުވީ، މިހާރުވެސް އިގްތިސާދަށް އެ ޕްރެޝަރު ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށެވެ. އެހެންކަމުން އެކްސްޗޭންޖް ރޭޓާ ގުޅޭ ކަންކަމަކީ އެމްއެމްއޭއިން ވަރަށް ކައިރިން މޮނިޓަރކޮށް ބަލަމުން އަންނަ ކަމެއްގެ ގޮތުގައި ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި މިކަމުގައި ބައިނަލްއަޤްވާމީ މާލީ އިދާރާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ލަފައާއި މަޝްވަރާ ވެސް ދަނީ ހޯދަމުންނެވެ. އެގޮތުން 2019 ވަނަ އަހަރު، ކުރީގެ ގަވަރުނަރު އަލީ ހާޝިމްގެ ދައުރުގައި އައިއެމްއެފް އިން ރާއްޖެއަށް ހުށަހެޅި ފަންނީ ރިޕޯޓުގައި ވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ލަފާދީފައިވަނީ ފޮރިން އެކްސްޗޭންޖާ ގުޅޭ ހާއްސަ ގާނޫނެއް ގެނައުމަށްކަމަށް މުނައްވަރު ވިދާޅުވި އެވެ.

މިއީ މީގެ ކުރިން ވެސް އެތައް ފަހަރަކު މަޝްވަރާ ކުރެއްވި، އޭރުގެ އެމްއެމްއޭ މެނޭޖްމަންޓުން 40 އިންސައްތަ މާރުކުރުމުގެ ޕަސެންޓޭޖެއް ކުރީގެ ސަރުކާރަށް ހުށަހެޅިކަމަށް މުނައްވަރު ވިދާޅުވިއެވެ. ނަމަވެސް އެކަންކަން އަމަލީ ގޮތުން ތަންފީޒު ނުވެ އޮތުމަށްފަހު، މި ގަވާއިދުތަކާއި އުސޫލުތައް ހަރުދަނާކޮށް ތަންފީޒުކުރަން ފެށުނީ މި ސަރުކާރުގެ ތެރޭގައިކަން ފާހަގަކުރި އެވެ.

މުނައްވަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ ގައުމެއްގެ ފައިސާގެ އަގު ހިފެހެއްޓުމަށްޓަކައި އެޅޭ އެންމެ އަސާސީ ފިޔަވަޅަކީ އެތެރެވާ ބޭރު ފައިސާ 100 ޕަސެންޓް އެ ގައުމެއްގެ ފައިސާއަށް ކޮންވާޓް ކުރުން ކަމަށެވެ. އަދި ބޭރު ފައިސާ ދިވެހި ރުފިޔާއަށް މާރުނުކުރާކަމުގައި ވާނަމަ، ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް ގެއްލިގެންދާނެކަމަށާއި، ފޮރިން އެކްސްޗޭންޖް ގަވާއިދު ތަންފީޒުކުރުން މިވަގުތަށް މަޖުބޫރުވެގެން ދިޔަ މައިގަނޑު ސަބަބަކީ ވެސް އެއީކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ކޮވިޑަށްފަހު ޕެރަލަލް މާކެޓްގެ ރޭޓު ވަރަށް ބޮޑަށް އުފުލިގެން ދިޔައިރު، އެ މާކެޓުގައި މަނީ ޗޭންޖަރުންގެ ދައުރު އިންތިހާއަށް ބޮޑުވެގެން ދިޔަކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން ރަސްމީ މާކެޓުން ބޭރުވެ، ރެގިއުލޭޓް ނުކުރެވި އޮތް މި މާކެޓުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ފެންމަތިވިކަމަށާއި، ފަހުން ބެލި ބެލުމުން ލައިސަންސް އޮތް ކުދި ބޭންކުތަކަށްވުރެ ވެސް މާ ބޮޑެތި އަދަދުތަކުން ބައެއް މަނީ ޗޭންޖަރުން ފައިސާ ދައުރުކޮށްފައިވާކަން ހާމަވިކަމަށް ވިދާޅުވިއެވެ. ރަސްމީ ބޭންކިން ނިޒާމުން އަންއޮފިޝަލް މާކެޓަށް މިހާ ބޮޑު އަދަދެއް ދިޔުމަކީ ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުންކަމަށްވާއިރު މިކަމަށް ސްޓްރަކްޗަރަލީ ހައްލުތަކެއް ގެންނަންޖެހޭ ސަބަބަކީ އެއީކަމަށް މުނައްވަރު ފާހަގަކުރެއްވިއެވެ.

އެހެންވީމާ އޮފިޝަލް މާކެޓުން އަންއޮފިޝަލް މާކެޓެއް ވަރަށް ބޮޑަށް، ވަރަށް ބޮޑުތަނުން ދެންމެ ފާހަގަކުރައްވައިފި އެމްއެމްއޭއިން ކްރިމިނަލައިޒް ކުރުމަށްޓަކައި އެ ނޫން މަގްސަދަކީ އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ މަނީ ޗޭންޖަރުން ރެގިއުލޭޓް ނުކުރެވުމުގެ ސަބަބުން އެ ބޭފުޅުންގެ މާކެޓު.. އެހެންވީމާ ބައެއް މަނީ ޗޭންޖަރުން އަޅުގަނޑުމެންނަށް ފަހުން މި ބަލާލި ހިސާބުތަކުން މި ފެނޭ ކުދިކުދި ބޭންކުތަކަށްވުރެ ތިބި ލައިސަންސް ބޭންކުތަކަށްވުރެ އެ ބޭފުޅުން ދައުރުކޮށްފައި ހުރި އަދަދުތައް މިއަށްވުރެ މާ ބޮޑު… އެހެންވީމާ އޮފިޝަލް މާކެޓުން އަންއޮފިޝަލް މާކެޓަށް މިހާ ބޮޑު އަދަދެއް ވަދެގެންދިޔައީމާ މި އެންމެ ބޮޑު އެއް ޗެލެންޖަކީ.. އެހެންވީމާ ސްޓްރަކްޗަރަލީ އަޅުގަނޑުމެން ގެންނަންޖެހޭ ބަދަލެކޭ އަޅުގަނޑު ދަންނަވަނީ އެހެން ބަދަލު ގެންނައިރު  ކަންދިމާކުރި ގޮތުން އަޅުގަނޑުމެން މި އަހަރު މި ވެގެން މި ދިޔައީ ވަރަށް ޗެލެންޖިން އަހަރަކަށް

މި އަހަރަކީ އިގްތިސާދީ ގޮތުން ވަރަށް ގޮންޖެހުން ބޮޑު އަހަރެއްގެ ގޮތުގައި ވިދާޅުވެ މުނައްވަރު ވަނީ ދުނިޔޭގެ ބާޒާރުގައި ހިނގަމުންދާ ހަނގުރާމަތަކާއި ކުރިމަތިވި މާލީ ކްރައިސިސްތަކުގެ ނޭދެވޭ އަސަރު ސީދާ ރާއްޖެއަށް ކުރަމުންދާކަމަށް ވިދާޅުވެފަ އެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް ގޮންޖެހުންތައް ކުރިމަތިވެ، ތެލާއި، ކާބޯތަކެއްޗާއި، އަދި ދަތުރުފަތުރުގެ އަގުތައް މުޅި ދުނިޔޭގައި އުފުލި، ރާއްޖެއަށް ބޮޑު ”އެކްސްޓާނަލް ޝޮކެއް“ ކުރިމަތިވެފައިވާކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި މިފަދަ ބޮޑު ޝޮކެއް އެބްޒޯބްކޮށް ހަމައަކަށް އެޅުވުމަށް ވަގުތު ބޭނުންވާނެކަމަށް ވިދާޅުވިއެވެ.

ނަމަވެސް، މި ބަދަލުތައް ތަންފީޒުކުރަން ފެށުމާއެކު، ކުރިން އަންއޮފިޝަލް މާކެޓުގައި ހުރި ބޭރު ފައިސާ މިހާރު ރަސްމީ ބޭންކިންގ ސިސްޓަމްގެ ތެރެއަށް ވަންނަން ފަށައި، ވަރަށް ބޮޑެތި ކާމިޔާބީތަކެއް ފެންނަމުންދާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ މި ބަދަލުތަކަކީ އެއްރެއިން އަނެއްރެއަށް ނުވަތަ އެއްފަހަރާ އަންނާނެ ބަދަލުތަކެއް ނޫން ކަމަށެވެ. އެހެންނަމަވެސް، މި އިސްލާހީ މަސައްކަތްތަކާއެކު މާކެޓަށް ބޭރު ފައިސާ ލިބެމުންދާ ވަރަކަށް އެކްސްޗޭންޖް ރޭޓަށް އޮތް ޕްރެޝަރު ކުޑަވެގެންދާނެކަމަށާއި، ދިގު މުއްދަތުގައި ރާއްޖޭގެ މާލީ ނިޒާމަށް އޮނިގަނޑީ ބޮޑު ހަމަޖެހުމެއް ލިބިގެންދާނެކަމަށް މުނައްވަރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: