އިސްތިއުމާރީ އަޅުވެތިކަން ދުށް ގައުމަތުގެ ތެރެއިން ތަރައްގީ ކަށަވަރު ކުރެވުނީ ފޮރިންގ ޑައިރެކްޓް އިންވެސްޓްމެންޓަށް މަރުހަބާ ކީ ގައުމުތަކަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައިކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިސްތިއުމާރީ އަޅުވެތިކަން ދުށް ގައުމަތުގެ ތެރެއިން ތަރައްގީ ކަށަވަރު ކުރެވުނީ ފޮރިންގ ޑައިރެކްޓް އިންވެސްޓްމެންޓަށް މަރުހަބާ ކީ ގައުމުތަކަށް ކަމަށެވެ. އެ އިންވެސްޓްމެންޓަކީ ރޯ މެޓީރިއަލް ނެގުން އެކަނި ކަމަށް ވެގެން ނުފުދޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރޯ މެޓީރިއަލް ޕްރޮސެސްކޮށް އުފެއްދުންތެރި ކަމަށް މަގުފަހިވުން ލާޒިމް ކަމަށެވެ. ސިންގަޕޫރު ނުވަތަ ސައުތު ކޮރެއާގެ މިނިވަން ކަމަށް ނުވަތަ އިސްތިގުލާލަށް ފޮރިންގ ޑައިރެކްޓް އިންވެސްޓްމެންޓަކައުން އަސަރު ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި އެ ގައުމުތަކުގެ އިގްތިސޯދު ވަރުގަދަވެ އެ ބާރުގައި އިސްތިގުލާލް ހިމާޔަތް ކުރުމުގެ ފެންވަރު ލިބި، ބައިނަލްއަގުވާމީ ދަނޑުގައި ޖާގަކަށަވަރުވީ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ޕާޓީ އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގައި ރަސްމާލެ މަޝްރޫއު ހިންގަން ޖެހޭނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު ކަމަށާއި އެކަން އެހެން ސަރުކާރުން ނުކުރާނަމަ މަގުމައްޗަށް ނިކުންނަން ޖެހޭ ކަމަށް ބުނެ ވަނީ ގަރާރެއް ފާސްކޮށްފައެވެ.
އެމްޑީޕީގެ ގިނަ މެޖޯރިޓީ މެމްބަރުން މި މަޝްރޫއުއާއި ދެކޮޅަށް ވަކާލާތު ކުރައްވާއިރު، އެ މެމްބަރުންގެ ކަންބޮޑުވުމަކަށްއޮތީ އެއްބަސްވުން ހާމަނުކުރުމާއި ރައްޔިތުންގެ ބަހެއް މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ނެތުމުންނެވެ. އެހެންނަމަވެސް ރައީސް ނަޝީދު މީގެކުރިންވެސް ވިދާޅުވީ އެމަނިކުފާނު މި މަޝްރޫއުއަށް ފުރިހަމައަށް ތާއިދުކުރައްވާ ކަމަށެވެ.
ސަރުކާރުންވެސް މިމަޝްރޫއުއާއި ގުޅިގެން އެކިގޮތްގޮތަށް ވާހަކަތައް ދައްކަވަމުންދާއިރު، މމި މަޝްރޫއުއާއި ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

