މިދިއަ އަހަރު އެކުލަވާލި ފަޤީރުންގެ ލިސްޓަކަށް މިއަހަރު ޒަކާތުގެ ފައިސާ ބެހި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިއާން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ މިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓަށް މިއަހަރު ޒަކާތު ފައިސާ ބެހުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
ޝިޔާންގެ ސިޓީއާ ގުޅިގެން އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ.
ޝިޔާން ވިދާޅުވީ ސާކިއުލާއެއް މެދުވެރިކޮށް، 1440 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ 1439 ވަނަ އަހަރުގެ ލިސްޓަކަށްކަން ކައުންސިލްުތަކަށް އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތޯ އެ މައްސަލަ އިސްކަމެއް ދީގެން ބައްލައިދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ޒަކާތް އޭގެ ހައްގުވެރިންނަށް އިންސާފުވެރި ކަމާއެކު ބެހުމަށް އިސްލާމް ދީނުގައި ދީނުގައި ބާރުއަޅާފައިވީނަމަވެސް އިސްލާމިކް މިނިސްޓްރީއިން އަމަލުކޮށްފައިވަނީ ޒަކާތުގެ ހައްގުވެރިންގެ ހައްގަށް އުނިކަން އަންނާނެ ގޮތަކަށް ކަމަށް ވިދާޅުވެފައިވެއެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މާލެ އިން އެކަނިވެސް 2.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ފިތުރު ޒަކާތުގެ ފައިސާ މިއަހަރު ދޫކުރާނީ މިދިޔަ އަހަރު އެކުލަވާލާފައިވާ ފަޤީރުންގެ ލިސްޓްގައި ހިމެނޭ މީހުންނަށް ކަމަށާއި އެމީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރާގޮތަށް ހަމަޖައްސާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ކުރިން ވިދާޅުވެފައިވެއެވެ.
މޭމަހުގެ ތެރޭގައި ދައުލަތުގެ މީޑީއާއަށް ދެއްވި އިންޓަވިއު އެއްގައި އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ މިހާތަނަށް 53،597 މީހަކު މާލެ ސަރަޙައްދުން އޮންލައިންކޮށް ޒަކާތް ދައްކާފައިވާ ކަމަށާއި އަދި ޒަކާތުގެ ގޮތުގައި މިހާތަނަށް ދެ މިލިޔަން ހަތަރުލައްކަ އަށްޑިހަ ދެހާސް ރުފިޔާ ލިބިފައިވާކަމަށެވެ.
ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓްގައި ޖެހެން މިއަހަރު ހުޅުވައިނުލީ ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކާ ހެދި، ރާއްޖޭގައި މިހާރު އޮތް ހާލަތުގައި ފޯމް ފުރަން ބައެއް މީހުންނަށް އުނދަގޫވެ، ހަމަހަމަ ފުރުސަތު ނުބިދާނެތީ ކަމަށާއި ހާލަތު ބަދަލުވުމުން ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ޖެހުމުގެ ފުރުސަތު، މިހާލަތުން އަރައިގަނެވުނުހާ އަވަހަކަށް ހުޅުވާލާނެ ކަމަށެވެ. މި ރަމަޟާން މަހުގެ ކުރިން ވެސް އެ ދަފްތަރުގައި ޖެހުމަށް ހުޅުވައިލުމަށް އާމިލުން ނަގަން ވެސް އިއުލާނުކޮށްފައި ވާނެ ކަމަށާއި ނަމަވެސް ކޮވިޑް-19 ފެތުރެން ފެށުމުން، ފޯމު ފުރުމާއި ލިޔެކިއުންތައް ފުރިހަމަކުރުމުގައި ދަތިތަކާ ކުރިމަތިވީ ކަމަށް ވެސްް އެބަޔާނުގައިވެ އެވެ.

