މިރޭ ފަނޑު ހިޔަނީގެ ހަނދުކޭތައެއް ހިފާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ، ހަނދުކޭތަ ނަމާދުކުރާގޮތަށް ހަމަޖައްސާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ހާމަކޮށްފިއެވެ.
މި ކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން، ބުރާސްފަތިދުވަހުގެ ރޭ ނެރުނު ސަރކިއުލަރއެއްގައި ބުނީ، މިރޭ ރާއްޖޭ ގަޑިން 22:45 އިން ފެށިގެން ފަނޑު ހިޔަނީގެ ހަނދުކޭތައެއް ހިފާނެކަމަށެވެ.
އަދި އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނީ މިރޭގެ މެންދަމު 00:24 ގައި ކަމަށާއި، ހަނދުކޭތަ ވީއްލާނީ މެންދަމު 02:04 ގައިކަމަށާއި، މި ކޭތައަކީ ފަނޑު ހިޔަނީގެ ކޭތައަކަށްވުމުން، ކޭތަ އެހާ ބޮޑަށް ފާޅުނުވާނެކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި ކޭތައާއި ގުޅިގެން، ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި މިރޭގެ މެންދަމު 00:15 ގައި ކޭތަނަމާދުކުރުން އޮންނާނެކަމަށެވެ.
މިގޮތުން އިސްލާމިކް މިނިސްޓްރީންވަނީ، ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި ކޭތަނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސިޓީ ކައުންސިލުތަކަށާއި، ރަށު ކައުންސިލުތަކަށް އަންގާފައެވެ.

