ހިނގަމުންދާ ނޮވެމްބަރު މަހުގެ ފުރަތަމަ 17 ދުވަހުގެ ތެރޭގައި ރާއްޖެއަށް 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން މި މަހުގެ 18 ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 1 އިން 17 ގެ ނިޔަލަށް ރާއްޖެއަށް ވަނީ 103,778 ފަތުރުވެރިން އައިސްފައެވެ. ނަމަވެސް، މިއީ ވޭތުވެދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.8 އިންސައްތައިގެ ދަށްވުމެކެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރު 17 ގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,900,838 މީހުން ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 1,866,529 ފަތުރުވެރިންނެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.1 އިންސައްތައިގެ ދަށްވުމެކެވެ. މި މުއްދަތުގައި އެވްރެޖްކޮށް ދުވާލަކު 5,815 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްތަކަށް ބަލާއިރު އެއްވަނައިގައި އަދިވެސް އޮތީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 342,376 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނައިގައި އޮތް ރަޝިއާއިން 272,052 ފަތުރުވެރިން އައިއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ ތިންބައިކުޅަ އެއްބަޔަކީ މި ދެ ގައުމުގެ ފަތުރުވެރިންނެވެ.
މީގެ އިތުރުން ތިންވަނައިގައި 145,464 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތް އޮތްއިރު، ހަތަރުވަނައިގައި އޮތީ 129,609 ފަތުރުވެރިންނާއެކު ޖަރުމަނުވިލާތެވެ. އަދި އިޓަލީން 111,847 ފަތުރުވެރިން އަދި އިންޑިއާއިން 109,741 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 1,378,541 ފަތުރުވެރިންނެވެ. ގެސްޓްހައުސްތަކުގައި 406,806 ފަތުރުވެރިން ހޭދަކުރިއިރު، ހޮޓާތަކުގައި 41,576 ފަތުރުވެރިން އަދި ސަފާރީ އުޅަނދުފަހަރުގައި 36,523 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
ފަތުރުވެރިކަމުގެ ޚިދުމަތް ދިނުމަށް ރާއްޖޭގައި މިހާރު 68,222 އެނދު އޮޕަރޭޓް ކުރަމުންދެއެވެ. މީގެ ތެރޭގައި ހިންގަމުންދާ 180 ރިސޯޓާއި، 927 ގެސްޓްހައުސްގެ އިތުރުން 17 ހޮޓަލާއި 164 ސަފާރީ އުޅަނދު ހިމެނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ބައެއް މަސްތަކުގައި ރަނގަޅު ކުރިއެރުމެއް ފެނުނު ނަމަވެސް، މާޗް އަދި އޭޕްރިލް މަހު އައި ބޮޑު ހީނަރުކަމުގެ އަސަރު އަދިވެސް ފަތުރުވެރިކަމުގެ ޖުމްލަ އަދަދުތަކުން ފެންނަން އެބަހުއްޓެވެ. މިއާއެކު، އަހަރުގެ ބާކީ އޮތް މުއްދަތުގައި މި ދަށްވުން ފޫބައްދައި، ކުރިއެރުން ދެމެހެއްޓުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެވެއެވެ.

