ދިވެހިރާއްޖެއާއި ޕާކިސްތާނުގެ އިޤްތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންގޮސް، ދެ ޤައުމުގެ ބަނދަރުތައް ގުޅުވާލައި ކަނޑުމަގުން ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް ފުޅާކުރުމަށްޓަކައި ޚާއްޞަ ”ޖޮއިންޓް ވޯކިންގ ގްރޫޕް“ އެއް އެކުލަވާލަން ދެ ޤައުމުން ނިންމައިފިއެވެ.
ނޮވެމްބަރު 18 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ.
ޕާކިސްތާނުގެ ފަރާތުން ފެޑެރަލް މިނިސްޓަރ ފޯ މެރިޓައިމް އެފެއާޒް މުޙައްމަދު ޖުނައިދު އަންވަރު ޗައުދަރީއާއި، ފެޑެރަލް މިނިސްޓަރ ފޯ ކޮމާސް ޖާމް ކަމާލް ޚާން އަދި ޕްރައިމް މިނިސްޓަރުގެ އެޑްވައިޒަރު އޮން އިންޑަސްޓްރީޒް އެންޑް ޕްރޮޑަކްޝަން ހާރޫން އަޚްތަރު ޚާން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމާއި، އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރު ކެޕްޓަން މުޙައްމަދު ޝަފީޤު ހިމެނިވަޑައިގަންނަވާހެން ދެ ޤައުމުގެ ކަމާބެހޭ ވުޒާރާތަކާއި މުއައްސަސާތަކުގެ އިސް ވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި ފުޅާކުރުމާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާއި، ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދު ކުރިއެރުވުން ނުވަތަ ”ބްލޫ އިކޮނޮމީ“ ގެ ދާއިރާއިން އިންވެސްޓްމަންޓް ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުންނެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މުދާ އުފުލުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި އެއް ބަނދަރުން އަނެއް ބަނދަރަށް ކުރެވޭ ދަތުރުތައް އިތުރަށް ހަލުވިކުރުމުގެ މުހިންމުކަން ދެ ފަރާތުން ވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕާކިސްތާނުގެ މިނިސްޓަރު ޖުނައިދު ޗައުދަރީ ވިދާޅުވީ، ދެ ޤައުމުގެ ބަނދަރުތައް އެކަށީގެންވާ ގޮތެއްގައި ގުޅުވާލައި، މުއައްސަސާތަކާއި ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށްގެން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރީގެ މުޢާމަލާތްތައް 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަކީ މައިގަނޑު އަމާޒެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ބާޒާރަށް ބޭނުންވާ ހަނޑޫ، ހަކުރު، މޭވާ، ތަރުކާރީ، ބޭސް އަދި ފޭރާމުގެ ބާވަތްތައް އެތެރެކުރުން އިތުރުކުރުމަށް ޕާކިސްތާނުން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އަމާޒުތައް ޙާޞިލުކުރުމަށްޓަކައި އުފައްދާ ޖޮއިންޓް ވޯކިންގ ގްރޫޕުގެ މައިގަނޑު މަސައްކަތަކަށް ވާނީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ އައު ފުރުޞަތުތައް ދެނެގަނެ، އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމަށް ބޭނުންވާ ހުށަހެޅުންތައް އެކުލަވާލުމެވެ. މީގެއިތުރުން މި މަޝްވަރާތައް ޢަމަލީ ސިފައަކަށް ގެނައުމުގެ ގޮތުން، ޕާކިސްތާނުގެ އިޤްތިޞާދީ އަދި ޞިނާޢީ ދާއިރާތައް ތަމްސީލުކުރާ މަތީ ފަންތީގެ ވަފުދެއް ވަރަށް އަވަހަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

