ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ޢައްބާސް އިބްރާހީމަށް އަރުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، މ. ސިލްވަރކްލައުޑް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް އަރުވައިފިއެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ޢައްބާސް އިބްރާހީމަކީ، ދިވެހިބަހުގެ ގަވާއިދުގެ ތެރެއަށް ވެދެވަޑައިގެން ހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުމުގެ ފަންނުގައި ލާމަސީލު ނަމޫނާއެއްގެ އިތުރުން އެމަނިކުފާނަކީ އަދަބީ އެކި ރޮނގުރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބަހުގެ އުސްތާޛެކެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް އެމަނިކުފާނަށް ވެދެވަޑައިގެންނެވުމުގެ އެންމެބޮޑު ސަބަބަކަށް ވެގެންދިޔައީ، ނޫސްވެރިކަމަށް ޢައްބާސްގެ ހިތްޕުޅުގައި އުފެދިފައިވާ ލޯތްބެވެ. ޚަބަރުގެ ދާއިރާއަށް 1959 ވަނަ އަހަރު ޢައްބާސް އިބްރާހީމް ވެދެވަޑައިގެންނެވުމާއެކު ޚަބަރު ލިޔުއްވަން ފެށްޓެވިއެވެ. ބޭރުގެ ޚަބަރު، ރޭޑިއޯއިން އަޑުއައްސަވައިގެން ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެންނެވެ. ބޭރު ބަސްބަހުން ހުންނަ ކުދިކުދި ވާހަކަ އެ ދުވަސްވަރު ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ މަސައްކަތްވެސް ޢައްބާސް އިބްރާހީމް ކުރެއްވިއެވެ. ތަރުޖަމާ ކުރެއްވުމުގެ މަސައްކަތުގައިވެސް ބޭރު ބަސްތައް ނުހިމަނައި، ރީތި ދިވެހިބަހުން އެ ވާހަކަތައް ގެނެސްދެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ.

ދިވެހިބަހަށް އެންމެގިނަ ޚިދުމަތެއް ކުރެއްވުމުގެ ފުރުޞަތު ޢައްބާސް އިބްރާހީމަށް ލިބިވަޑައިގަތީ، 22 ޑިސެންބަރު 1996ގައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ ރައީސްކަމުގެ މަގާމު ސަރުކާރުން ދެއްވި ހިސާބުން ފެށިގެންނެވެ. އޭގެފަހުން، އެ މަޖިލީހުގެ ނަން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ނަމަށް ބަދަލުކުރެއްވިއެވެ. އެ މަގާމުގައި ޚިދުމަތް ކުރެއްވި 12 އަހަރެއްހައި ދުވަހު، ދިވެހިބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ޢައްބާސް ކުރެއްވިއެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއްކަމަކީ، 2000ވަނަ އަހަރު ދިވެހިބަސް ފޮތް ޑިޖިޓަލް ކުރައްވައި، ކޮމްޕިއުޓަރުން ބޭނުންކުރެވޭގޮތަށް ބަދަލު ކުރެއްވުމެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، ޢައްބާސް އިބްރާހީމް ކުރެއްވި މަސައްކަތްޕުޅުތަކަކީ، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެކެވެ.

އެމަނިކުފާނު ދިވެހިބަހާއި އަދަބިއްޔާތަށް ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ޚިދުމަތަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ އެކީގައި ބައްލަވައި، ދިވެހިބަހުން ރަނގަޅަށް ދޭހަވާގޮތަށް ބަސްތައް ފުރިހަމަކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅެވެ. ދިވެހިބަހުގެ އެކެޑަމީގައި އޮންނަ ”ބަސްކޮމިޓީ“ގެ މެންބަރެއްގެ ގޮތުގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވިއެވެ. އެ އެކެޑަމީގެ ދިވެހިބަހުގެ ގަވާއިދު ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި މިހާރުވެސް ހުންނެވީ އެ މަނިކުފާނެވެ. މީގެ އިތުރުން ވާހަކަ ލިޔުއްވުމާއި، އެކިއެކި މައުޟޫޢުތަކަށް މަޒުމޫނު ލިޔުއްވުމާއި އަދި ބޭރު ބަސްބަހުން ހުންނަ ބައެއް ވާހަކަ ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެން ވާހަކަ ފޮތް ލިޔެ ޝާއިޢު ކުރުމާއި އެކިއެކި މުނާސަބަތާ ގުޅިގެން ތަފާތު މައުޟޫޢުތަކަށް މަޒުމޫނު ލިޔުއްވައި، ނޫސްތަކުގައި ޝާއިޢު ކުރެއްވުމާއި ދިވެހި އަދަބިއްޔާތުގެ މުހިންމު ބައެއް ކަމަށްވާ ޅެންވެރިކަމުގެ ރޮނގުގައިވެސް ޢައްބާސް އިބްރާހީމްގެ މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ.

1979ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 27ވަނަ ދުވަހު ރޭޑިއޯ މޯލްޑިވްސްއާ ޢައްބާސް އަލުން ގުޅިވަޑައިގަތުމަށްފަހު، ރޭޑިއޯގެ ޕުރޮގުރާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. ހަމައެއާއެކުގައި ޕުރުގުރާމްތަކުގެ ތެރެއިން ދިވެހި ބަހާއި އަދަބިއްޔާތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ.

ދިވެހިބަހާއި އަދަބިއްޔާތަށް އަދި މި ރޮނގުން ދިވެހި ޤައުމަށާއި ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކުގައި ޢައްބާސް އިބްރާހީމް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު، ދައުލަތުން ވަނީ އެކިފަހަރުމަތިން ވަޒަންކުރައްވައި، އެކަމުގެ ޝަރަފު އަރުވައިފައެވެ. މިގޮތުން، ނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1985ވަނަ އަހަރު، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، ނޫސްވެރިކަމުގެ ރޮނގުން 2004ވަނަ އަހަރު ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޢައްބާސް އިބްރާހީމަށް ވަނީ ލިބިވަޑައިގެންފައެވެ. މިނިވަން 25ގެ އިނާމުވެސް 1990ވަނަ އަހަރު ޢައްބާހަށް ލިބިވަޑައިގެންފައި ވެއެވެ.

ނޫސްވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ނޫސްވެރިކަމުގެ ރަން ގަލަމާއި، ނޫސްވެރިކަމަށް 75 އަހަރު ފުރުމާ ގުޅިގެން ދެއްވި ”އަލިމަސް ގަލަން“ ވެސް ޢައްބާހަށް ލިބިވަޑައިގެންފައި ވެއެވެ. މީގެ އިތުރުން، މީޑިއާ ކައުންސިލުން ދެއްވި ”ޙަޔާތުގެ އަރުތަ“ އިނާމުވެސް ޢައްބާހަށް ލިބިވަޑައިގެންފައިވެއެވެ.

ޢައްބާސް އިބްރާހީމް މިހާރު ހުންނެވީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ މުޝީރުގެ މަގާމުގައެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި އެ މަނިކުފާނު ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 67 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. އެ މަނިކުފާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ، 26 ޖުލައި 2013 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: