ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަށް މަޝްރޫއުތައް ފެށުމުގެ ބަދަލުގައި އިސްކަންދެނީ ހުއްޓިފައި ހުރި މަސައްކަތްތައް ނިންމަން: މުއްޠަލިބު

މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑަށް ބޭނުންފުޅުވަނީ އަލަށް އައު މަޝްރޫޢުތައް ފެށުމުގެ ބަދަލުގައި، ކުރިން ފެށާފައި ހުރި މަޝްރޫޢުތައް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންގޮސް ނިންމުމަށް ކަމަށް ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު، ލ. ކުނަހަންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށް ނުދާތީ، އެ މަސައްކަތް އަލުން ފަށައި ނިންމާލެވޭނީ ކޮން ތާރީޚެއްގައިތޯ ސުވާލުކުރެއްވުމުން ދެއްވި ޖަވާބުގައެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު އެތައް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި ހުރި ކަމަށެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށް، އެ ކުންފުނިން އެހެން ފަރާތްތަކާ ސަބްކޮންޓްރެކްޓް ހަދައި، އެޑްވާންސް ފައިސާ ދައްކާފައި ހުރި ނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް ހުރި ރަށްތަކުގެ ތެރޭގައި ކުނަހަންދޫ ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އޭރު މަސައްކަތް ހުއްޓިފައި ހުރި ކުންފުނިތަކާއެކު މަސައްކަތް ކުރިއަށް ގެންދެވޭތޯ ބެލުމަށްފަހު، އެކަން ނުވުމުން އެ މަޝްރޫޢުތައް އެމްޑަބްލިއުއެސްސީއާ ޙަވާލުކުރި ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުގެ ތެރެއިން ހުރިހާ ޕްރޮޖެކްޓުތަކަކަށް ޚަރަދުކުރުން ދަތިވުމުން، އެންމެ ރަނގަޅު ގޮތަކަށް ފެނުނީ އާމްދަނީ ލިބޭ ކުންފުންޏެއްގެ ގޮތުން އެމްޑަބްލިއުއެސްސީގެ ކޭޝްފްލޯގެ ތެރެއިން މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެ ކުންފުންޏަށްވެސް ފައިސާ ހޯދުމުގައި ދިމާވި ދަތިތަކާ ގުޅިގެން ބައެއް ރަށްރަށުގެ މަސައްކަތްތައް ލަސްވި ނަމަވެސް، މިހާރު މަސައްކަތުގެ ޝެޑިއުލް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، މި ހިނގާ ނޮވެމްބަރު މަހުން ފެށިގެން ކުނަހަންދޫގެ މަޝްރޫޢަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޑިސެމްބަރު މަހުގެ ނިޔަލަށް ރަށަށް ތަކެތި ގެންގޮސް ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މަސައްކަތް 2027 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ބަޖެޓުން މަޝްރޫޢުތަކަށް ކުރާ ޚަރަދު %36 ދަށްވެފައިވާތީ އެކަމާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރު ބަދަލުވިއިރު ހުއްޓިފައި ހުރި މަޝްރޫޢުތައް ދޫކޮށްލުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދިނީ އެއީ މި ސަރުކާރުގެވެސް އަމިއްލަ ޕްރޮޖެކްޓުތަކެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ކުޑަވި ނަމަވެސް، ބަޖެޓު ފަރުމާކުރެވިފައިވަނީ އައު މަޝްރޫޢުތައް މަދުކޮށް، މި އަހަރު ފެށިފައިވާ މަޝްރޫޢުތައް ނިންމުމަށް އިސްކަންދީގެން ކަމަށް މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: