އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގައި، ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަލައިނުގަތުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ފިޔާޒާއި ހަސަންގެ ފަރާތުން ރައީސް މުއިއްޒު ހެއްކެއްގެ ގޮތުގައި ހުށަހެޅުމުން، އެ ހެކިބަސް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ރައީސްގެ ހެކިބަހަކީ މި މައްސަލައިގެ ދިފާއުގައި ވަރަށް މުހިންމު ހެއްކަކަށް ވާތީ ކަމަށް އެ ދެ ބޭފުޅުންގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދާއިރު މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. ކްރިމިނަލް ކޯޓުން އެކުލަވާލާފައިވާ ތާވަލާ އެއްގޮތަށް ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 1، 3 އަދި 7 ވަނަ ދުވަހުއެވެ.
ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށްފަހު، ދިފާއީ ހެކިންގެ ހެކިބަސް ނެގުން ތާވަލުކޮށްފައިވަނީ ޑިސެމްބަރު 9 އަދި 13 ވަނަ ދުވަހަށެވެ.
މި މައްސަލައިގައި ދެފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން ޑިސެމްބަރު 24 އަށް ތާވަލުކޮށްފައިވާއިރު، މައްސަލައިގެ ހުކުމް އިއްވާނެ ތާރީޚެއް ޝަރީއަތުގެ ތާވަލުގައި އަދި ހިމަނާފައެއް ނުވެއެވެ.

