ބާ ކައުންސިލަށް ޖުޑިޝަރީ ކޮމިޓީން ދީފައިވާ އިރުޝާދަކީ، ޤާނޫނީ ފަންނުގެ މިނިވަންކަމަށް އަރައިގަތުންކަމަށް ގާނޫނީ ވަކީލު އަދި ބާ ކައުންސިލްގެ ކުރީގެ ރައީސް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ މިންގަނޑުތައް ދަށްކުރުމަށް ބާ ކައުންސިލަށް ޖުޑިޝަރީ ކޮމިޓީން ދީފައިވާ އިރުޝާދަކީ، ޤާނޫނީ ފަންނުގެ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ. އަދި މަތީ ފެންވަރުގެ ޤާނޫނީ ތަޢުލީމަކަށް އުންމީދުކުރުމުގެ ޙައްޤު ލިބިގެންވާ ޢާންމު ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއްކަމަށް މައުމޫން ވިދާޅުވިއެވެ.
ބާ ކައުންސިލަކީ ޤާނޫނުން މިނިވަންކަމާއެކު އަމިއްލައަށް ހިންގުމުގެ އިޚްތިޔާރު ދީފައިވާ މުއައްސަސާއެއް ކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ ޤާނޫނީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރުމަށާއި، މި ފަންނަށް ވަންނަ ފަރާތްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ދަށްކުރުމަށް ބާ ކައުންސިލަށް އަމުރުކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ލިބިގެން ނުވާނެ ކަމަށެވެ.
މައުމޫން މި ޕޯސްޓު ކުރައްވާފައިވަނީ ބާ އިމްތިހާނުތަކަށް ހާޒިރުވެގެން އިމްތިހާނު ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ގެނައި އައު ބަދަލުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާ ކުރުމަށް ލަފާދިނުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.
އެ ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށާއި، އައު އުސޫލަށް އަމަލުކުރަން ފަށާނީ ކުރިއަށް އޮތް ބެޗްތަކުގެ ދަރިވަރުންނަށް އެކަނި ކަމަށް ކަނޑައެޅުމަށް ބާ ކައުންސިލަށް ލަފާދިނުމަށެވެ.
މައުމޫން ހަމީދަކީ ގާނޫނީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ވަކީލެކެވެ. ޕްރިމިއާ ޗެމްބާސްގެ ސީނިއާ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ މައުމޫން ހަމީދަކީ ކޯޕަރޭޓް އަދި ކޮމާޝަލް ލޯ، ޖިނާއީ ދިފާއީ ވަކާލާތު، ޕަބްލިކް ލޯ އަދި ގާނޫނު ޑްރާފްޓްކުރުމުގެ ދާއިރާއިން ފުޅާ ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލް އުފެދުމާއެކު، 2019 ވަނަ އަހަރުގެ ޖުލައި މަހު އެ ކައުންސިލްގެ އެންމެ ފުރަތަމަ ރައީސްގެ މަގާމަށް މައުމޫން ހަމީދު އިންތިހާބުވެވަޑައިގެން، 2019 އިން 2022 ވަނަ އަހަރަށް އެ މަގާމު ފުރުއްވިއެވެ.

