ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކަށް މެޑިކަލް އިކުއިޕްމަންޓް ސަޕްލައިކުރި ކަމަށް ބުނެ، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން ދެ މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކޮށް، ހައިކޯޓުން ދަމަހައްޓާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިއްޔެ ބާޠިލުކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ، ދަޢުވާކުރި ފަރާތުން ހުށަހެޅި ލިޔުންތަކާއި ހެކިބަހުން ދައުލަތަށް މުދާ ރައްދުކޮށް ޙަވާލުކުރިކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުނުވާ ކަމަށް ކަނޑައެޅުމަށް ފަހުގައެވެ.
މައްސަލައިގެ ފެށުން އަދި ޝަރީޢަތަށް އައި ގޮތް
މި މައްސަލައަކީ 2007 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، ރާއްޖޭގެ އެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދިނުމާ ގުޅޭގޮތުން އުފެදුނު މައްސަލައެކެވެ.
ސެންޓަރ އެންޓަރޕްރައިސަސްއިން 2022 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ބުނެފައިވަނީ، 2008 ވަނަ އަހަރު އެ އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްދީފައިވާ ކަމަށާއި، ނަމަވެސް އެ މުދަލުގެ އަގަށްވާ ފައިސާ ދައުލަތުން ދައްކާފައި ނުވާ ކަމަށެވެ. އެހެންކަމުން މުދަލުގެ އަގުގެ ގޮތުގައި 2,011,510.99 ޑޮލަރު އަދި ސަރޗާޖުގެ ގޮތުގައި 3,637,940.00 ޑޮލަރާއެކު ޖުމްލަ 5.1 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އެ ކުންފުނިން ދަޢުވާކުރިއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން 2022 ގައި ޙުކުމްކުރީ، ސަޕްލައިކުރި މުދަލުގެ އަގަށްވާ 2,011,510.99 ޑޮލަރު ދައުލަތުން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ސަރޗާޖަކީ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވާ ’ޕެނަލްޓީ ކްލޯޒް‘ އެއް ކަމަށް ބަލައި، ސަރޗާޖުގެ ފައިސާ ނަގައިދެވެން ނެތް ކަމަށް ދަށު ކޯޓުން ނިންމިއެވެ.
މި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، 2025 ފެބްރުއަރީ 11 ގައި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ސިވިލް ކޯޓުގެ ޙުކުމް ދެމެހެއްޓުމަށެވެ. ނަމަވެސް އެ މައްސަލައިގައި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ޙުސައިން މަޒީދު ވަނީ ދަށު ކޯޓުގެ ނިންމުމާ ދެކޮޅަށް ތަފާތު ރައުޔެއް ނެރުއްވާފައެވެ.
ކޯޓުގައި ދައުލަތުންނާއި ކުންފުނިން ދެއްކި ވާހަކަތައް
ހައިކޯޓުގެ ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ދައުލަތުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ މުދާ ޙަވާލުކުރިކަމަށް ބުނެ ހުށަހެޅި ލިޔުންތަކުގެ ޞައްޙަކަމާމެދު އުފެދޭ ސުވާލުތަކެވެ. އެގޮތުން، މުޢާމަލާތް ހިނގިތާ 15 އަހަރު ފަހުން ދަޢުވާ ކުރުމުގެ ސަބަބުން ދައުލަތަށް ދިފާޢުވުމަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށާއި، މި މުޢާމަލާތާ ގުޅޭ އެއްވެސް ރަސްމީ ލިޔުމެއް ދައުލަތުގެ އިދާރާތަކުން ފެންނަން ނެތް ކަމަށް ބަޔާންކުރިއެވެ. އަދި ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހަޅާފައިވަނީ މުދާ ބަލައިގަތީ ކާކުކަމާއި، ޑެލިވަރީ ހެދީ ކޮން ތަނަކަށްކަން ސާފުނުވާ އާދައިގެ ޖުމްލަ ޑެލިވަރީ ނޯޓެއް ކަމަށާއި، ހެކިވެރިންގެ ބަހާއި ހުށަހެޅި ލިޔުންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ދައުލަތުން ފާހަގަކުރިއެވެ. މީގެއިތުރުން، ދަށު ކޯޓުގެ ޚުލާޞާ ބަޔާނާއެކު ހުށަހެޅި މާލީ ބަޔާންތަކާއި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓަށް ރިޢާޔަތްކުރަން ޖެހޭނެ ކަމަށްވެސް ދައުލަތުން ބުންޏެވެ.
މި ވާހަކަތަކަށް ރައްދުދެމުން ސެންޓަރ އެންޓަރޕްރައިސަސްއިން ބުނީ، ދަޢުވާކުރުން ލަސްވުމުގެ ސަބަބުން ދިފާޢުވުމަށް ހުރަސްއެޅުނު ކަމަށް ބުނާ ނުކުތާއަކީ ހައިކޯޓުގެ މަރުޙަލާގައި ދައުލަތުން ފާހަގަކޮށްފައިނުވާ އައު ނުކުތާއެއް ކަމަށެވެ. އަދި ހެކިވެރިންގެ ހެކިބަހުގައި އެއްވެސް ފުށުއެރުމެއް ނެތް ކަމަށާއި، ދައުލަތުން ހުށަހެޅި އޮޑިޓް ރިޕޯޓާއި މާލީ ލިޔުންތަކަކީ ’އާމިނަތު ނާޒްލީ ޤަޟިއްޔާ‘ ގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އައު ހެކި ބަލައިގަތުމުގެ ޝަރުޠުތަކަށް ފެތޭ އެއްޗެއް ނޫން ކަމަށްވެސް ކުންފުނިން ވަކާލާތުކުރިއެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާއި ޙުކުމުގެ ސަބަބުތައް
މި މައްސަލަ ބެއްލެވުމަށްފަހު ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމުގައި ކަނޑައެޅީ، އެއްބަސްވުމެއްގެ ދަށުން މުދަލުގެ އަގު ހޯދުމަށް ދަޢުވާކުރާއިރު އެ މުދަލެއް ދައުލަތަށް ރައްދުކޮށް ޙަވާލުކުރިކަން ސާބިތުކޮށްދިނުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހެޅި ހެކިންގެ ހެކިބަހުގައި ބަޔާންކޮށްފައިވަނީ ރަށްރަށުގެ މަރުކަޒުތަކަށް މުދާ ޙަވާލުކޮށް، އެ ރަށްރަށުން ސޮއިކުރުވާފައިވާ ވަކިވަކި ޑެލިވަރީ ނޯޓުތަކެއްގެ ވާހަކަ ކަމަށް ވިޔަސް، ޝަރީޢަތަށް ހުށަހަޅާފައިވަނީ ކާކު ބަލައިގަތްކަމެއް އަދި ކޮން މަރުކަޒަކަށް ޑެލިވަރކުރިކަމެއް އެނގެން ނެތް އާންމު ޖުމްލަ ނޯޓެއް އެކަންޏެވެ.
މީގެއިތުރުން، ރާއްޖެއިން ބޭރުން ގެނައި ކަމަށް ބުނާ މި މުދާތައް ރާއްޖެއަށް އެތެރެކުރިކަމުގެ ކަސްޓަމްސް ލިޔެކިޔުމެއް ނުވަތަ މުދާ ބަލައިގަތުމުގެ އިންސްޕެކްޝަނެއް ހެދިކަން އެނގެން ނެތްއިރު، އެކަންކަމާ ގުޅޭގޮތުން ހުށަހެޅި ހެކިތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން އެންމެ މަތީ ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ހަމައެކަނި ޖުމްލަ ޑެލިވަރީ ނޯޓަކާއި އިންވޮއިސްއެއްގެ މައްޗަށް ބިނާކޮށް މުދާ ފޯރުކޮށްދިންކަން ޤާނޫނީ ހަމަތަކުން ސާބިތުނުވާ ކަމަށް ކަނޑައަޅައި، ދައުލަތުން ފައިސާ ދައްކަން ޖެހޭނެ ކަމަށް ކުރި ޙުކުމް ސުޕްރީމް ކޯޓުން ވަނީ ބާޠިލުކޮށްފައެވެ. މިއާއެކު މި މައްސަލައިގައި ދައުލަތުގެ މައްޗަށް ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ދެއްކުމަށް އޮތް ޒިންމާއިން ދައުލަތް ވަނީ ސަލާމަތްވެފައެވެ.

