ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް މީހަކު ޢައްޔަންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވެވި ނަންފުޅު އަނބުރާ ގެންދަވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ، މިހާރު ކުރިއަށްދާ ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 03 ވަނަ ޖަލްސާގައެވެ.
މި ކަން ހާމަކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް މީހަކު ޢައްޔަންކުރުމަށްޓަކައި، ވޭތުވެދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު، ރައީސް ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަންފުޅު އަނބުރާ ގެންދަވާފައިވާކަމަށެވެ.
މި ގޮތުން، އޭޕްރީލް 19 ވަނަ ދުވަހު ރައީސް ޞާލިޙް ފޮނުވާފައިވާ ނަންފުޅަކީ، ގދ.ހިރިޔާ އަލްފާޟިލާ ޝިޔާމަތު ހާޝިމްގެ ނަންފުޅެވެ.
ނަމަވެސް،މިހާރު އެ ކަމަނާ މި ކަމަށް އުޒުރުވެރިވެވަޑައިގަންނަވާތީއާއި، މިހާރުކަންތައްތައް ހުރިގޮތުން، އެ ކަމަނާއަށް މި ކަމުގައި އުޅުއްވެންނެތްކަމުން، ޝިޔާމަތު ހާޝިމްގެ ނަންފުޅު ރައީސް ޞާލިޙް އަނބުރާ ގެންދަވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
”ޤާނޫނު ނަންބަރު 2019/19 އިގެ ދަށުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ 113 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް މީހަކު އެބަ ރައީސުލުޖުމްހޫރިއްޔާ އައްޔަންކުރައްވަންއެބަޖެހޭ. 19 އޭޕްރީލްގައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ނަންފުޅަކީ، ގދ.ހިރިޔާ އަލްފާޟިލާ ޝިޔާމަތު ހާޝިމްގެ ނަންފުޅު. އެހެންނަމަވެސް މިހާރު އެބޭފުޅާ އުޒުރުވެރިވެވަޑައިގަންނަވާތީއާއި، މިހާރުކަންތައްތައް ހުރިގޮތުން އެބޭފުޅާއަށް މިކަމުގައި އުޅުއްވެންނެތްކަމުން ރައީސުލްޖުމްހޫރިއްޔާވަނީ އެބޭފުޅާގެ ނަންފުޅު އަނބުރާ ގެންދަވާފަ“ ރައީސް ނަޝީދު
މި ގޮތުން އެހެން ނަންފުޅެއް ގެނައުމުގެ ކަންތައްތައް ބައްލަވަމުންގެންދަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

