ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ނިންމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަންފުޅު ފޮނުއްވީ މި ހިނގާ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ނަންފުޅު މަޖިލީހަށް ފޮނުއްވީ، އެ މަގާމަށް ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެއްވި ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވީ، އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވަން ނިންމެވުމާ ގުޅިގެންނެވެ. އެއާއެކު ހުސްވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން އާންމުކޮށް ހުޅުވާލުމުން، ކުރިމަތިލެއްވީ އަލީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ޖޭއެސްސީން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އިންޓަވިއުއާއި ވަނަވަރަށް ބެލުމަށްފަހު، އެންމެ ގާބިލު ބޭފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ނަން ފޮނުއްވީ އަލީ ސަމީރުގެއެވެ.

ޝަރުއީ އަދި ގާނޫނީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަލީ ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހައި ކޯޓުގެ ފަނޑިޔާރުކަމުގެ އިތުރުން އޭނާ ވަނީ މަދަނީ ކޯޓުގެ އިސްގާޒީކަމުގެ މަގާމު ވެސް ކާމިޔާބުކަމާއެކު އަދާކުރައްވައިފައެވެ.

ފަނޑިޔާރުކަމުގެ ދާއިރާއިން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށްފަހު، އަލީ ސަމީރު ވަނީ ދައުލަތުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވައިފައެވެ. އަދި އޭގެ ފަހުން މިހާތަނަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ އަމިއްލަ ލޯފާމެއްގެ އިސް ވަކީލެއްގެ ގޮތުގައެވެ.

ރައްޔިތުންގެ މަޖިލީހުން އަލީ ސަމީރު އައްޔަންކުރުމަށް މިއަދު ފާސްކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޭނާ މަގާމަށް އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު ވަރަށް އަވަހަށް އަރުވާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: