ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގައި އިސްތިއުނާފީ މަރުހަލާގެ ފުރަތަމަ ކޯޓު ކަމަށްވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އިން 15 އަށް އިތުރުކުރުމަށާއި، ދަށު ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރުމަށް ލިބޭ މުއްދަތު ބޮޑުތަނުން ކުރުކުރުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވައި ސްޕޮންސާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 15 އަށް އިތުރުކުރުން
ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާގައި މިހާރު ބަޔާންކޮށްފައި އޮންނަނީ ހައިކޯޓު އެކުލެވިގެންވަނީ އިސް ފަނޑިޔާރާއި 10 ފަނޑިޔާރުންނާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. ނަމަވެސް ސަރުކާރުން ހުށަހެޅި މި އިސްލާހުގައި ވަނީ ހައިކޯޓުގެ ބެންޗަށް އިތުރު ހަތަރު ފަނޑިޔާރުން އިތުރުކޮށް، ޖުމްލަ އަދަދު 15 އަށް ބަދަލުކުރުމަށެވެ. ހައިކޯޓުގައި މައްސަލަތައް އާންމުކޮށް ބަލަމުން އަންނަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ބެންޗަކުން ކަމަށްވާއިރު، ފަނޑިޔާރުންގެ އަދަދު އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ ކޯޓުގައި ނުނިމި ހުރި މައްސަލަތައް އަވަސްކޮށް ޝަރުއީ މަރުހަލާ ހަލުވިކުރުމެވެ.
އިސްތިއުނާފު ކުރުމުގެ މުއްދަތު 30 ދުވަހަށް ކުރުކުރުން
ކޯޓުތަކުގެ ގާނޫނުގައި މިހާރު އޮންނަ އުސޫލުން މާލޭގެ ދަށު ކޯޓަކުން ނިންމާ މައްސަލައެއް އިސްތިއުނާފު ކުރުމަށް 90 ދުވަހުގެ މުއްދަތެއް ލިބެއެވެ. އަދި އަތޮޅުތަކުގެ ރަށު ކޯޓަކުން ނިންމާ މައްސަލައެއް ނަމަ 180 ދުވަސް އަދި ޓްރައިބިއުނަލަކުން ނިންމާ ނިންމުމެއް ނަމަ 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ.
ނަމަވެސް އަލަށް ހުށަހެޅި ބިލުގައި ވަނީ އެ މުއްދަތުތައް އެއްހަމަކޮށް، މައްސަލަ ނިންމި ތާރީހުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމެނޭ ގޮތަށް 30 ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަހަޅަން ޖެހޭ ގޮތަށް ކަނޑައަޅާފަ އެވެ. އެހެން ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ހުށަނޭޅުނީ މީހާގެ އަމިއްލަ އިހުތިޔާރުން ބޭރުގައިވާ، އަމިއްލަ ބާރު ނުފޯރުވޭ ފަދަ ސަބަބެއް މެދުވެރިވެގެންކަން ޝަރީއަތަށް ސާބިތުކޮށްދެވިއްޖެ ހާލަތެއްގައި އެފަދަ މައްސަލަތައް ބަލައިގަތުމުގެ އިހުތިޔާރު ހައިކޯޓަށް ލިބިގެންވާ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ލިޔެކިޔުންތައް ފޮނުވުމާއި ރެޖިސްޓްރާގެ ނިންމުންތައް އިސްތިއުނާފު ކުރުން
ހައިކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ލިޔެކިޔުންތައް ދަށު ކޯޓުތަކުން ހައިކޯޓަށް ފޮނުވުމަށް މިހާރު ގާނޫނުގައި އޮންނަނީ ދެ މުއްދަތެކެވެ. އެއީ މާލޭގެ ކޯޓުތަކުން ނަމަ ހަތް ދުވަސް އަދި ރަށްރަށުގެ ކޯޓުތަކުން ނަމަ ގިނަވެގެން 20 ދުވަހެވެ. މަޖިލީހަށް ހުށަހެޅި ބިލުގައި އެ މުއްދަތު އެއް އުސޫލަކަށް ފައްތައި، މައްސަލައިގެ ލިޔެކިޔުންތައް ފޮނުވަން ޖެހޭނީ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މީގެ އިތުރުން، ހައިކޯޓުގެ ރެޖިސްޓްރާ ނިންމަވާ ނިންމުންތައް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމަށް މިހާރު ލިބޭ ހަތް ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ. އަދި ހައިކޯޓުގެ ރެޖިސްޓްރާ އާއި އެސިސްޓެންޓް ރެޖިސްޓްރާގެ ގާނޫނީ މަސްއޫލިއްޔަތުތަކާއި ބާރުތައް ސާފުކޮށް ބަޔާންކުރުމަށް ވެސް ބިލުގައި މާއްދާތަކެއް ވަނީ ހިމަނާފަ އެވެ.
އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވުން ލާޒިމުކުރުން
މިހާރު އަމަލުކުރަމުންދާ ގާނޫނުގައި އޮންނަ ގޮތުން ހައިކޯޓުގެ ޝަރީއަތެއް އެއްކޮށް ނުވަތަ ޝަރީއަތުން ބައެއް ނަމަވެސް އާންމުކޮށް ހުޅުވާނުލައި ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކުރިއަށްގެންދިއުމުގެ ފުޅާ އިހުތިޔާރެއް ފަނޑިޔާރުންނަށް އޮވެއެވެ.
އަލަށް ހުށަހެޅި ބިލުގައި މި މާއްދާގެ އިބާރާތް ބަދަލުކޮށް، ގާނޫނުއަސާސީ ނުވަތަ ގާނޫނަކުން ސީދާ އިސްތިސްނާކުރާ ހާލަތްތަކުގައި ފިޔަވައި އެހެން ހުރިހާ ހާލަތެއްގައި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދިއުމާއި ހުކުމް އިއްވުން ވެސް އޮންނަންވާނީ އާންމުކޮށް ހުޅުވާލެވިފައިވާ ޝަރީއަތުގެ މަޖިލީހެއްގައި ކަމަށް ވަނީ ކަނޑައަޅާފައެވެ. މިއީ ޝަރީއަތްތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަަށް ގެމްމަ ބަދަލެއް ކަމަށް ސަރުކާރުން ބުނެއެވެ.
ކޮންމެ ރަށެއްގައި ފަނޑިޔާރަކު ގާއިމުވެ ހުންނަންޖެހޭ ގޮތަށް ބަދަލުކުރުން
ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި މެޖިސްޓްރޭޓު ކޯޓުތަކުގެ އޮނިގަނޑަށް ގެންނަ މުހިންމު ބަދަލެއް ވެސް ހިމެނެ އެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ދާއިމީކޮށް ފަނޑިޔާރަކު ގާއިމުވެ ހުންނަން ޖެހެނީ މެޖިސްޓްރޭޓު ކޯޓު ހުންނަ ރަށްރަށުގެ ތެރެއިން އާބާދީގައި 500 މީހުން ހަމަވާ ރަށްރަށުގަ އެވެ.
ނަމަވެސް މެންބަރު އިސްމާއީލް ނިޒާރު ހުށަހެޅުއްވި ބިލުގައި އެ ޝަރުތު އުވާލައި، މެޖިސްޓްރޭޓް ކޯޓެއް ގާއިމުކޮށްފައިވާ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގައި ދާއިމީކޮށް ގާއިމުވެ ހުންނަ ފަނޑިޔާރަކު ހުންނަންވާނެ ކަމަށް ވަނީ ހިމަނާފަ އެވެ. މީގެ ސަބަބުން ރަށްރަށުގެ ކޯޓުތަކަށް އެހެން ރަށްރަށުން މެޖިސްޓްރޭޓުން ދަތުރުކުރަން ޖެހޭ ޖެހުމަށް ނިމުމެއް އައިސް، ރަށްރަށުން ރައްޔިތުންނަށް ލިބޭ ޝަރުއީ ހިދުމަތްތައް މެދުކެނޑުމެއްނެތި އަވަހަށް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

