ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން އެއްވެސް މުވައްޒަފަކަށް ސިޔާސީ ކަމެއްގައި ވަޒީފާގެ ބިރެއް ނުދައްކާނެ: ފަލާޙް

ޕީއެންސީގެ ޕީޖީ ލިޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު:/ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެއްވެސް މުވައްޒަފަކަށް ސިޔާސީ ކަމެއްގައި ބިރުދައްކައި، ވަޒީފާގެ މަޖުބޫރުކަން ކުރިމަތިނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

މެންބަރު ފަލާޙް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ހުށަހެޅުއްވި ވަޒީފާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމުގެ ދެ ދައުރު ވެސް ފެނިވަޑައިގެންނެވި ކަމަށާއި، އޭރު ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބިރުދައްކައި މުވައްޒަފުންނަށް އަނިޔާ ދީފައިވާ ކަމަށެވެ. އަދި އޭރު ދާއިރާތަކުގެ އިންޖީނުގެތަކުގައި މަސައްކަތްކުރި މުވައްޒަފުން، އެމްޑީޕީއަށް ސޮއިނުކޮށްގެން ވަޒީފާއިން ވަކިކޮށް، ދަށްކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މި ސަރުކާރުން ނުފޫޒުގެ ބޭނުންކޮށްގެން އެއްވެސް މުވައްޒަފަކަށް ސިޔާސީ ބިރުވެރިކަމެއް ކުރިމަތިނުކުރާނެ ކަމަށް ފަލާޙް ވިދާޅުވިއެވެ.

މީގެއިތުރުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ބޮޑުވަމުންދަނީ މަޖުބޫރުކޮށްގެން ނޫންކަން ފާހަގަކުރައްވަމުން ފަލާޙް ވިދާޅުވީ، 2023 ވަނަ އަހަރު ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެ ޕާޓީގައި ތިބީ ގާތްގަނޑަކަށް 3،000 މެންބަރުން ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ޕާޓީތަކަށް މީހުން ވަންނަ މިންވަރާއި ވަކިވާ އަދަދުތައް ސާފުކޮށް ފެންނަން ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ފަލާޙް ވަނީ، އެ ޕާޓީގެ އެތެރޭގެ އިންތިޚާބަކާ ދިމާކޮށް ގިނަ އަދަދެއްގެ މެންބަރުން ވެއްދި ނަމަވެސް، މެންބަރުންގެ ޢަދަދު 58،000 އިން 54،000 އަށް ވެއްޓިގެން ދިޔަ ސަބަބާމެދު ސުވާލު އުފައްދަވާފައެވެ.

ފަލާޙް ވިދާޅުވީ، ސިޔާސީ ކަންކަމުގައި މީހުންނަށް ބިރުދެއްކުމަކީ މި ސަރުކާރުން އެއްވެސް އިރެއްގައި ޤަބޫލުކުރާ އުޞޫލެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ދިވެހި ރައްޔިތުންނަކީ އަމިއްލަ މިނިވަންކަމާއި އިޚްތިޔާރުގައި ހުރިހާ ކަމެއް ނިންމައިގެން ދިރިއުޅޭ ބަޔަކަށް ހެދުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: