ދިވެހިރާއްޖޭގައި އާންމު ރައްޔިތުންނަށް ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމްއެއް ބޭނުންކުރުން ހުއްޓުވުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭކަމަށާއި، މިހާރު މަޝްވަރާކުރަމުން ދަނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުންކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ސޯޝަލް މީޑިއާ މަނާކުރުމަށް ކެބިނެޓަށް ކަރުދާހެއް ހުށަހަޅާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، ރައީސް އޮފީހުގައި މިއަދު އިހުސާން ބައިވެރިވެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފަ އެވެ. އިހުސާން ވިދާޅުވީ ސޯޝަލް މީޑިއާ ބޭން ކުރަން އުޅޭކަމަށް ބުނެ ހަގީގަތް އޮޅުވާލައިގެން ދޮގު ވާހަކަތައް ބަޔަކު ފެތުރީ ގަސްދުގައިކަމަށާއި، އެއީ އެ މީހުންގެ ދުވަހުގެ އާދަ ކަމަށެވެ. އިހުސާން ވިދާޅުވީ އެފަދަ އެއްވެސް ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް ހުށަހަޅާފައި ނުވާނެކަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދާ މަސައްކަތަކީ 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ ވަކި ޕްލެޓްފޯމުތައް މަނާކުރުމާ ގުޅޭގޮތުން މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ސިޔާސަތާ ގުޅިގެން ކުރަންޖެހޭ ދިރާސާތަކާއި މަޝްވަރާތަކެވެ. އެގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ކެބިނެޓުގެ ސޯޝަލް ކައުންސިލްގެ ލަފައަކަށް އިއްޔެ ކަރުދާހެއް ހުށަހަޅާފައިވާކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ކުޑަކުދިންނަށް އިންޓަނެޓްގެ ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. ރާއްޖޭގައި ވެސް މި ފިޔަވަޅުތައް އެޅުމުގައި އުމުރުން 10 އަހަރުން މަތީގެ ކުދިންނަށް ”އީ-ފާސް“ މެދުވެރިކޮށް އުމުރު ކަށަވަރުކުރުމަށް ފަހު، ތައުލީމީ އަދި ބޭނުންތެރި މައުލޫމާތު ލިބޭ ޕްލެޓްފޯމުތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވިސްނަމުންދާކަމަށް ވިދާޅުވި އެވެ.
މިއީ 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުން ކުރުމާއި ގުޅޭ އުސޫލުގެ ނަމުގައި، މި އުސޫލުގެ ބޭނުމަކީ ކާކުކަން ނޭނގޭ އެކައުންޓުތައް ހުއްޓުވުމާއި އީފާސް މެދުވެރިކޮށް ކާކު ބޭނުން ކުރާ އެކައުންޓެއް ދެނެގަތުންތޯ ”ސަންގު“ އިން ސުވާލު ކުރުމުން އިހުސާން ވިދާޅުވީ އެފަދަ އެއްވެސް ނިޔަތެއް ނެތްކަމަށެވެ. އިހުސާން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތު ވަރަށް ސާފު ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް އެއްވެސް ޕްލެޓްފޯމެއް މަނާކުރުމުގެ ނުވަތަ މީހުން ދެނެގަނެވޭ ގޮތަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގެ ނެތްކަމަށް ވިދާޅުވި އެވެ.

