ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދިނުމަށް ކަނޑައަޅާފައިވާ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ހުޅުވާލައިފި އެވެ.
އެމްއެމްބީސީން ކުރި އިއުލާނެއްގައި ބުނި ގޮތުގައި، އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް މި އަހަރު ދޫކުރާ މާލީ އެހީއަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހެވެ. އަދި މާލީ އެހީއަށް އެދި ހުށަހަޅަން ޖެހެނީ ”ވަންގަވް“ ޕްލެޓްފޯމުގައި ގާއިމުކޮށްފައިވާ ހާއްސަ ޕޯޓަލް ”މީޑިއާއެޕް“ މެދުވެރިކޮށެވެ.
މި ފޯމުތަކާއި ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރުމަށްފަހު، ޝަރުތު ހަމަވާ މީޑިއާތަކަށް މި އަހަރު ނިމުމުގެ ކުރިން އެހީގެ ފައިސާ ހަވާލުކުރާނެކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މި އެހީ ދިނުމުގެ އުސޫލަށް މި ފަހަރު ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކުރިން އޮތް އުސޫލުގައި ރަޖިސްޓަރީކޮށްގެން ހިންގާތާ 3 އަހަރު ވެފައިވާ މީޑިއާތަކަށް އެކަނި އެހީއަށް އެދެވޭ ގޮތަށް އޮތް ނަމަވެސް، އަލަށް ގެނައި އިސްލާހާއެކު ރަޖިސްޓަރީކުރިތާ 1 އަހަރު ވެފައިވާ މީޑިއާތަކަށް ވެސް މިހާރު ވަނީ ފުރުސަތު ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ.
އެންމެ ފުރަތަމަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ޔޫތު މިނިސްޓްރީންނެވެ. ނަމަވެސް މީޑިއާ ކޮމިޝަން އުފެދުމާ ގުޅިގެން މިހާރު މި މަސައްކަތް ރަސްމީކޮށް ކުރިއަށްގެންދަނީ އެ ކޮމިޝަނުންނެވެ.

