މަސްތުވާތަކެއްޗާއެކު، ތިމަރަފުށިން މީހަކު ހައްޔަރުޖޮށްފައިވާކަމަށް މޯލޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ފުލުހުން މިއަދު ހާމަކުރިގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ، ތިމަރަފުށީގައި މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް، އެ ރަށުގައި ތިބޭ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ޖޫން މަހުގެ 6 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ.
މި ގޮތުން އެ އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ، 38 އަހަރުގެ ދިވެއްސެއްކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، 38 އަހަރުގެ އެ މީހާ ބަލައި ފާސްކުރުމުގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށެވެ.
އެހެންކަމުން މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމުގެ ގޮތުން 05 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށާއި، އެ ގޮތުން ތިމަރަފުށި ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށް ވެސް ފުލުހުން ބުނެއެވެ.

