ދިވެހިރާއްޖެއަށް އަންނަ ބޮޑެތި އިންވެސްޓްމެންޓްތަކަށް ހުރަސްއެޅުމުގެ ބަދަލުގައި، ޒުވާނުން ނިކުމެ އެފަދަ އިންވެސްޓްމެންޓްތަކަށް މަރުހަބާ ކިޔަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ޖާބިރު ވިދާޅުވީ ވިޔަފާރިތަކަށް ހުރަސްއެޅޭ ގޮތަށް ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ގައުމު ތަރައްގީކުރުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އިންވެސްޓްމެންޓެއް އަންނަ ކޮންމެ ފަހަރަކު މުޒާހަރާކޮށް، ރައްޔިތުންނަށް ކަންކަން އޮޅުވާލުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށާއި، ޒާތީ ކަންކަމުން އެއްކިބާވެ، ސަރުކާރަށް އެއްބާރުލުން ދީގެން ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”ރާއްޖޭގެ ހުރިހާ ޒުވާނުންވެސް މިހެން އަންނަ ބޮޑެތި އިންވެސްޓުމަންޓުތަކަށް ހުރަސްއަޅަން މީހުން މިކުރާ މަސައްކަތަށް ޒުވާނުންވެސް ނިކުންނާށޭ. ޒުވާނުން ނިކުމެ ވެލްކަމް ކުރާށޭ އިންވެސްޓުމަންޓުތަކަށް. ވިޔަފާރިތަކަށް ހުރަސްއެޅޭ ގޮތަށް ދޮގު ބުހުތާނު ވާހަކަ ދެއްކުން ހުއްޓާލާފަ ގައުމު ތަރައްޤީ ކުރަންވީ އެންމެން،“ ޖާބިރު ވިދާޅުވިއެވެ.
ގައުމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ޖާބިރު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރު ދުވަހަކީ ކާމިޔާބު ދުވަސްތަކެއް ކަމަށާއި، އެއްވެސް އަނިޔާވެރިކަމެއް ނެތި ގައުމުގައި ވަރަށް ބޮޑު ހަމަޖެހުމެއް ގާއިމުވެފައިވާ ކަމަށެވެ. ހާއްސަކޮށް، ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނަށް އިސްކަންދެއްވައިގެން ލޯނުގެ ފުރުސަތުތަކާއި ތަމްރީނު ޕްރޮގްރާމްތައް ހުޅުވާލައްވާފައިވާކަން ފާހަގަކުރައްވައި، މިއީ ޒުވާނުން ގޭގައި ތިބުމުގެ ބަދަލުގައި އަމަލީ މައިދާނަށް ނެރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. ދިވެހިރާއްޖެއަކީ މީސްކޮޅު މަދު ގައުމަކަށްވާއިރު، މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ، ބޯހިޔާވަހިކަމަށް ބޭނުންވާ ފަރާތްތަކަށް ލުއި ފައިނޭންސިން ފެސިލިޓީތައް ހަމަޖައްސައިދިނުމާއި، ރައްޔިތުންގެ ބޭނުންތައް ދެނެގަނެގެން ސަރުކާރުން ކަންކަން ހަމަޖައްސަމުންދާ ކަމަށެވެ.
މީގެއިތުރުން، ދުނިޔޭގެ އިގްތިސާދީ ހާލަތު އުނދަގޫ ދަނޑިވަޅެއްގައިވެސް އަސާސީ ހިދުމަތްތަކަށް ހުއްޓުމެއް ނައިސް ގައުމު ހިންގަމުންދާތީ ޖާބިރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދަންނަވާފައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއުތަކުގެ އިތުރުން ޓައުންޝިޕް ޕްރޮޖެކްޓްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބެމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

