އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް އެ ޕާޓީން އެދިފައިވާ މާލެއާއި އަތޮޅުތެރޭގެ ހުރިހާ ސްކޫލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހަމަޖައްސައިދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ ނިޒާމު ފައްކާކުރުމަށް ރައީސް ޑރ. މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން ވަނީ މުޅި މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ތާޅަފިލި ބޭނުންކޮށްގެން ސިޔާސީ ޖަލްސާތަކާއި އެއްވުންތައް އިސްތިހާރު ކުރުމުގެ ފުރުޞަތު ދީ، ކުރިން އެންގުމަކާ ނުލައި މާލޭގައި އެއްވެ އިހުތިޖާޖު ކުރެވޭނެ ތަންތަން އިތުރުކޮށްދީފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މި ސަރުކާރުގައި މުޒާހަރާ ކޮށްގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ޕީއެންސީއަށް ދިމާވި ދަތިތަކަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ޕީއެންސީ އުފެއްދުމަށް ބޭއްވި ޖަލްސާއަށާއި، އެ ޕާޓީގެ ޕްރައިމަރީ އަދި ދާއިރާތަކުގެ އިންތިޚާބުތަކަށް އެއްވެސް ސްކޫލެއް ދީފައި ނުވާ ކަމަށެވެ. އަދި އޭރު އެ ހަރަކާތްތައް ބާއްވަން ޖެހުނީ އަމިއްލަ ސްކޫލްތައް ކުއްޔަށް ހިފައިގެންނާއި ޕާޓީގެ ޖަގަހަތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ކުރީ ސަރުކާރުން މާލޭގައި ބޮޑެތި އެއްވުންތައް ބޭއްވުމުގެ ފުރުޞަތު ނުދީ، މާލެއާއި އަތޮޅުތެރޭގައި ތާޅަފިލި ބޭނުންކޮށްގެން ހިންގި ހަރަކާތްތައް ހުއްޓުވައި ތަކެތި އަތުލި ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ. އަދި މުޒާހަރާތަކުން އެތައް ސަތޭކަ ރައްޔިތުންނެއް ހައްޔަރުކޮށް، ޕާޓީ ދިދަ ބޭނުންކޮށްގެން ސައިކަލު ބުރު ބޭއްވުމުގެ ފުރުޞަތުވެސް އޭރު ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް ރައީސް ޑރ. މުޢިއްޒު ހުންނެވި ދުވަސްވަރު އެމްޑީޕީއަށްވެސް ހަމަހަމަކަމާއެކު ފުރުޞަތު ދެއްވިކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
މިކަންކަމަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ، މިއަދަކީ ޑިމޮކްރެޓިކް ނިޒާމަށް އެންމެ ފަރިތަ ބައެއްގެ ގޮތުގައި ދައުވާކުރި ފަރާތްތަކުން ލޯހުޅުވައި، މި ނިޒާމު ހިންގުމުގައި ރައީސް ޑރ. މުޢިއްޒުގެ އަރިހުން ފިލާވަޅު ނަގަންވީ ވަގުތު ކަމަށެވެ. އަދި މާޒީގައި ކުރެވުނު ނުރަނގަޅު ކަންކަން ރަނގަޅުކުރުމުގެ އަޒުމު އައުކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

