ހުޅުމާލެ ފޭސް 1 ގެ ދިއްގާމަގު ބީޗް ސަރަހައްދުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 22:50 އެހައިކަންހާއިރު އެ ސަރަހައްދަށް ފުލުހުން ގޮހެވެ. އަދި އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވެއެވެ. މީގެ އިތުރުން އޭނާ ހުރި ސަރަހައްދު ބަލައިފާސްކުރުމުގެ ތެރޭގައި 3 ވަޅި (ބަޔޮނެޓް) އަދި ކަޓަރެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހާ ހައްޔަރުކުރުމުގެ އިތުރުން، މިކަމާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު 5 މީހަކު ވަނީ ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

