ގެދޮރު ބިނާކުރުމަށް އަނބުރާ ދައްކަން ނުޖެހޭގޮތަށް ސަރުކާރުން ދޫކުރާ މާލީ އެހީއަށް އެދުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލަން ނިންމައި، އެކަމާ ގުޅޭ އުސޫލު ގެޒެޓްކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ”ހެލްޕް-ޓު-ބިލްޑް ސްކީމު“ގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައެވެ. މި ސްކީމަށް ފޯމު ހުށަހަޅަން ޖެހެނީ ހިޔާވެހި ޕޯޓަލް (hiyaavehi.housing.gov.mv) މެދުވެރިކޮށެވެ.
އަލަށް އާންމުކުރި އުސޫލުގައިވާ ގޮތުން، މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ގެދޮރު އެޅުމަށް ހިލޭ އެހީގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 200,000 ރުފިޔާއެވެ. އަދި ފުރަމާލޭގައި ގެދޮރު އެޅުމަށް 200,000 ރުފިޔާއިން ފެށިގެން 1,000,000 ރުފިޔާއާ ހަމައަށް އެހީ ލިބޭނެއެވެ. ނަމަވެސް މާލޭގައި މި އެހީ ދޫކުރާނީ ގޯތީގެ ވެރިފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ކޮންމެ މީހަކަށް 200,000 ރުފިޔާގެ މަގުން، ގިނަވެގެން 5 މީހުންނަށް ނިސްބަތްވާ ގޮތަށެވެ.
މި ސްކީމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި، އެހީއަށް އެދޭ ގޯތި ހުރި ރަށަކީ އެ މީހަކު ދިރިއުޅޭ ރަށް ކަމުގައި ވުމުގެ އިތުރުން ރާއްޖޭގެ އެއްވެސް ތަނެއްގައި ދިރިއުޅެވޭ ފަދަ އެކަށީގެންވާ ގެދޮރެއް ނެތުން ހިމެނެއެވެ. އަދި ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ނުވަތަ ސަރުކާރު ކުންފުންޏެއްގެ ހެޔޮއަގުގެ ހައުސިންގ ލޯނެއް ލިބިފައި ނުވުމަކީ ވެސް ޝަރުތެކެވެ. މީގެ އިތުރުން، ޝަރުތު ހަމަވާ އެހެން ފަރާތަކާ ގުޅިގެން ޖޮއިންޓްކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާ ސީދާ އެދޭ ފަރާތަކަށް ދިނުމުގެ ބަދަލުގައި ޖަމާކުރާނީ މާލީ އިދާރާއެއްގައި ހުޅުވާ އެސްކްރޯ އެކައުންޓަކަށެވެ. އަދި އެ ފައިސާ ދޫކުރާނީ މަސައްކަތް ހަވާލުކުރެވޭ ކޮންޓްރެކްޓަރަށެވެ. މީގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންވާ އިތުރު ފައިސާ ހަމަޖައްސަން ޖެހޭނީ މާލީ އިދާރާއަކުން ނަގާ ފައިނޭންސިންގ ފެސިލިޓީއެއް މެދުވެރިކޮށެވެ. ނަމަވެސް، ކުރިން ނަގާފައިވާ ފެސިލިޓީއެއް ރީފައިނޭންސް ކުރުމަށް މި އެހީ ބޭނުމެއް ނުކުރެވޭނެއެވެ.
ހެލްޕް-ޓު-ބިލްޑް ސްކީމުގެ ދަށުން އެހީ ލިބިގެން ހަދާ ގެދޮރު 25 އަހަރު ދުވަހުގެ ތެރޭގައި އެހެން ފަރާތަކަށް ވިއްކާލައިފިނަމަ، ސަރުކާރުން ދިން ހިލޭ އެހީގެ ފައިސާ ދައުލަތުގެ ހައުސިންގ ފަންޑަށް އަނބުރާ ދައްކަން ޖެހޭނެއެވެ. މި ސްކީމުން ޝޯޓްލިސްޓްވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅި ތަރުތީބުން ކަނޑައަޅާފައިވާ ކޯޓާއަށް ބަލައި ކޮންޑިޝަނަލް އޮފަރ ދޫކުރަން ވަނީ ނިންމާފައެވެ.

