ރާއްޖޭގެ ތާރީހުގައި ވެސް ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސްގެ ހިޔާނާތުގެ މައްސަލައިގައި ތަހުގީގު ލަސްކޮށްފައި ނުވާނެ ކަމަށާއި މި ސަރުކާރުން ތަހުގީގަށް އެއްވެސް ހުރަހެއް ވެސް އަޅާފައި ނޯންނާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އިމްރާން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް ނުފޫޒެއް ނެތް ކަމަށެވެ. މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ހިޔާނާތްތަކާއި، ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށްކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ ސަރުކާރުން އެންމެ ފުރަތަމަ ވެސް ނެގި ފިޔަވަޅުތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކޮށް ކުރިޔަށް ގެންދިއުމަށް އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދުން ހިމެނޭ ކަމަށެވެ.
އިމްރާން ވިދާޅުވީ ކޮމިޝަނުން ދަނީ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރަމުން ކަމަށާއި މިހާތަނަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ތަހުގީގުގެ ތެރެއިން ކުރިޔަށް ގެންދަން ޖެހޭ ބައިތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިޔަށް ގެންދާއިރު، އަމަލީ ތަހުގީގު ކުރިޔަށް ގެންދަނީ ފުލުހުންގެ މުވައްސަސާއިން ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ ތިން އިދާރާ ވެސް މަސައްކަތް ކުރަމުން ދަނީ އެކީގައި ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގު ކުރާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދާއިރު މައްސަލައިގައި މިހާތަނަށް ދައުވާއެއް އުފުލި ޖަލު ހުކުމެއް ކުރެވުނު ފަރާތަކީ ކުރީގެ ރައީސް ޔާމީން ކަމާއި މިހާ ދުވަސް ވެގެން އައިއިރު އިތުރު އެއްވެސް މީހަކަށް ދައުވާއެއް ނުވަތަ ތުހުމަތެއްގެ ތަހުގީގު ވެސް ނުފެށި ލަސްވަމުން އަންނަނީ ބައެއްގެ ނުފޫޒުންތޯ ސުވާލު ކުރުމުން އިމްރާން ވިދާޅުވީ ތަހުގީގުތައް ކުރިޔަށް ދާއިރު، ކޮވިޑާއި ގުޅިގެން މަސައްކަތަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައިސްފައިވާ ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީނަށް އިޝާރާތްކޮށް އިމްރާން ވިދާޅުވީ އެއީ މިދިޔަ އަހަރު ނިމިގެން ދިޔައިރު މައްސަލައިގެ ތަހުގީގު ގޮސްގައި އޮތް ހިސާބު ކަމަށެވެ.
އިމްރާން ވިދާޅުވީ ކޮވިޑާއި ގުޅިގެން ލޮކްޑައުންގެ ހާލަތެއް ގެނެސްފައިވާއިރު، ތަހުގީގަށް މީހުން ހާޒިރު ކުރުމާއި އެއްތަނުން އަނެއްތަނަށް ދިއުން ދަތިވެފައިވާކަމަށެވެ. އެހެން ނަމަވެސް އޮންލައިންކޮށް ކުރިޔަށް ގެންދަންޖެހޭ ބައިތައް ފުރިހަމައަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އެހެން ވީމަ އަޅުގަނޑެއް ގަބޫލެއް ނުކުރަން އެ ކަމުގައި ފަސްޖެހުމެއް، އަދި ބޮޑު މަޑުޖެހުމެއް އައިސްފައިވާ ކަމަކަށް. އެކަން ސަރުކާރުން ދެންނެވިގޮތަށް ކުރުމުގެ މަސައްކަތް ކުރަމުން ގެންދަވަނީ. ދެން މިކަމަކީ އެނގިވަޑައިގަންނަވާނެ އެތައް ދުވަހެއް ވެފައި އޮތް، އުނދަގޫ ބޮޑު މައްސަލައެއް. އެހެން ވީމަ އެކަން ތަހުގީގުކޮށް އެކަމުގެ ތަހުގީގާއި ހަމައަށް ވާސިލްވުން އެއީ އެހާ ފަސޭހަ ކަމެއް ނޫން“ އިމްރާން
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއްކޮށް ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ އޭރު ކުންފުނީގެ މެނޭޖިން ޑައިރެކްޓަރުކަމަށް ހުރި އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާ އުފުލާފައެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެ 08 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް މި ސަރުކާރު އައުމަށްފަހު ވަނީ މަޖިލީސް އިންތިހާބާއި ދިމާކޮށް އޭނާ ގޭ ބަންދަށް ބަދަލުކޮށްފައެވެ. އަދި ޒިޔަތު ވަނީ ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ގެންދިޔައިރު އެމަނިކުފާނާއި ދެކޮޅަށް ހެކި ބަސް ވެސް ދެއްވާފައެވެ. އޭގެ އިތުރުން އޭރުގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ހިޔާނާތާއި ގުޅިގެން އެކި ދައުވާތަކެއް އުފުލުނެވެ. ނަމަވެސް ހަމަ އެ ހުކުމްތައް ވަނީ ބާތިލުކޮށްފައެވެ. އަދީބުގެ މައްޗަށް މިހާރު ކުރިޔަށް ދާ މައްސަލައަކީ ޓަގު ބޯޓެއްގައި ފިލި މައްސަލައާއި އެކު ޅ. މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެކުއިޒިޝަން ކޮސްޓްގެ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި މައްސަލައިގައި އިސްތިއުނާފް މައްސަލައެވެ. އަދީބާއި ޒިޔަތު ވެސް ގޭބަންދަށް ބަދަލުކޮށްފައިވަނީ ސިއްހީ ހާލަތު ގޯސްވެގެން ކަމަށް ބުނެއެވެ.
މިކަމާއި ގުޅޭގޮތުން ޕްރޮގްރާމުގައި ސުވާލު ކުރުމުން އިމްރާން ވިދާޅުވީ އެ ދެ ޝަރީއަތް ވެސް ކުރިޔަށް ދާ ކަމަށެވެ. އެހެން ނަމަވެސް ކޮވިޑު ރާއްޖެއިން ފެނުމާއި ހަމައަށް އަދީބުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ތާވަލު ކުރި ނަމަވެސް އެންމެ ފަހު ވަގުތު ކެންސަލް ކުރެއެވެ. ސީދާ ސާފު ޖަވާބެއް ނުދެއްވާ އިމްރާން ވިދާޅުވީ މިއީ ބޮޑު މައްސަލައެއް ކަމަށާއި، މަސައްކަތް ކުރަނީ ގޮންޖެހުންތަކާއި އެކު ވެސް ކުރިޔަށް ދިއުމަށް ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހާވެސް ބޮޑު އިންސާފެއް ގެނެވޭނެ ގޮތަށް މަސައްކަތް ކުރުމަށް ކަމަށެވެ.
”ރައީސުލް ޖުމްހޫރިއްޔާ ވަނީ ހާއްސަ ކޮމިޝަނެއް މި މައްސަލައިގައި އުފައްދަވާފައި. މަސައްކަތް ކުރަމުން މިދަނީ ރިކަވާ ކުރެވެން އޮތް އެންމެ ބޮޑަށް ރިކަވާ ކުރުމަށް. އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ މީގެ ފަހަތުގައި އެތައް ކަންތަކެއް ހުންނާނެކަން. އެހެންވީމަ އަޅުގަނޑު ހިތުން އެ މައްސަލައިގެ ސާފު ހަގީގަތް ރައްޔިތުންނަށް ހާމަވެގެންދާނެ މި ތަހުގީގު އެއްކޮށް ނިމިގެންދާއިރު“ އިމްރާން
އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލައާއި ގުޅިގެން ރިޕޯޓެއް އެކުލަވާލުމާއި އަދި އެ ނޫންވެސް ގޮތްގޮތުން އާއްމުކުރި މައުލޫމާތުތަކުގައި ސަރުކާރުގެ އިސް ބައެއް މީހުންނާއި މަޖިލީހުގެ މިދިޔަ ދައުރު އަދި މި ދައުރުގެ ބައެއް މެމްބަރުންނަށް ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ބުނާއިރު އެ މައްސަލަ ނުބަލައި ދޫކޮށްލަން ނޫޅޭކަމަށް އިމްރާން ވިދާޅުވިއެވެ. މަސައްކަތް ދަނީ ދާންޖެހޭ އުސޫލުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރިޕޯޓުތައް ދައްކާގޮތުން ވެސް މި ސަރުކާރުގެ ތެރޭގައި ވެސް ތުހުމަތުވާ މެމްމަބަރުން ތިބިކަމާއި އެ މައްސަލަ ނުބެލެނީ ކީއްވެގެންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން މްރާން ވިދާޅުވީ ތަހުގީގު ދާނީ އިންސާފުވެރިކަމާއި އެކު ކަމަށެވެ. އެއާއި އެކު ރައީސުލްޖުމްހޫރިއްޔާއާއި މައްސަލައިގައި ސުވާލު ކުރަންޖެހިއްޖެއްޔާ އަމަލު ކުރަނީ ކިހިނަކުންތޯ ސުވާލު ކުރުމުން އިމްރާން ވިދާޅުވީ ރައީސްގެ އެއްވެސް ދައުރެއް މިކަމުގައި ނޯންނާނެކަމާއި މެދު ޔަގީންކަން އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ”އަތް ލާން ޖެހޭ ހިސާބެއްގައި އަތް ލެވޭނެ“ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިދިކޮޅުން ވެސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންވެސް އެންމެ ބޮޑަށް ފާހަގަކުރާ ކަމަކީ މައްސަލައިގައި ރައީސް ޔާމީނަށް އެކަނި ދައުވާ ކުރުމެވެ. އަދި މިއީ ސިޔާސީ ދައުވާއެއްކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

