ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިފަރެންޑަމަކަށް ދިއުމުގެ ކުރިން އެއްބަސްވުމުގައި އޮތް އެއްޗެއް އެނގެންޖެހޭ: އާޒިމް

"އަހާބަލަ" ނަމުގައި އެމްޑީޕީން ބާއްވާ އިހުތިޖާޖުގެ ތެރެއިން / ފޮޓޯ: އަހުނަފް އިބްރާހިމް (ސަންގު)
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުގެ ކުރިން، އެ މަޝްރޫޢުގެ އެއްބަސްވުމުގައި އޮތް އެއްޗެއް ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭނެ ކަމަށާއި އެނޫން ގޮތަކަށް އެފަދަ ވޯޓަކަށް ދިއުމަކީ ނުރައްކަލެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބޭއްވި ”އަހާބަލަ“ އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ، ރަސްމާލެ މަޝްރޫޢުން ރައްޔިތުންނަށް ލިބެނީ ކޮން އެއްޗެއްކަން ސާފުނުވާ ކަމަށެވެ. އަދި އިންވެސްޓްމަންޓުގެ ނަމުގައި ޤައުމަށް ބޮޑެތި ގެއްލުންތައްދީ، މުޅި ޤައުމު ފޭރި ހަލާކުކޮށްލަން އެކި ފަރާތްތައް ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ހަގީގީ އިންވެސްޓްމަންޓަކީ މީހުން ނިދާފައި ތިއްބަސް އަދި ދުނިޔޭގައި ނެތް ދުވަހަކުން ވެސް އަންނަން އޮތް ޖީލުތަކަށް އޭގެއިން އާމްދަނީއާއި ފާގަތިކަން ލިބޭނެ ކަންކަން ކަމުގައި ވީނަމަވެސް، ރަސްމާލެ މަޝްރޫޢުގެ ސަބަބުން ރައްޔިތުން ތާއަބަދަށް ނިކަމެތިވާ ގޮތަށް ކަންކަން ރޭވިފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ރާއްޖެއަށް ކްރިސްޓިއަން ދީން ގެންނަން ފެނޭތޯ ނުފެނޭތޯ ބެލުމަށް ރިފަރެންޑަމެއް ނުބޭއްވޭނެ ފަދައިން، ނޭނގޭ އެއްޗެއްގެ މައްޗަށް ވެސް ރިފަރެންޑަމެއް ނުނެގޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންނަށް ލިބެނީ ކޯންޗެއްކަން ނޭނގި އޮޅުމެއްގެ ތެރޭގައި އެފަދަ ކަމަކަށް ގޮސްގެން ނުވާނެ ކަމަށާއި ހަގީގަތް އެނގެންދެން ކަންކަން ހާމަކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”ރިފަރެންޑަމްއަކަށް ދިއުމުގެ ކުރިންވެސް އިނގެންޖެހޭ މީގައޮތީ ކޯއްޗެއްކަން. އެނޫން ގޮތަކަށް އަޅުގަނޑުމެން ރިފަރެންޑަމްއަކަށް ދިއުމަކީވެސް ނުރައްކަލެއް،“ އާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން، ޤައުމެއްގެ އެންމެ އަގުބޮޑު އެއްޗަކީ އެ ޤައުމެއްގެ ބިން ކަމަށާއި ސަރުކާރުން ރާއްޖޭގެ ބޮޑު ބިމެއް ވިއްކާލާއިރު ރައްޔިތުން ބަލަން ތިބެގެން ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މާލެ ސިޓީގެ ބިންތައް ކޮށާލުމަށްފަހު ޕާކިންއަށް ވިއްކި ގޮތަށް، މި ސަރުކާރުން މުޅި ޤައުމު ކޮށައި ބޭރުގެ ބަޔަކަށް ދެމުންދާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ. އެގޮތުން ސިޓީ ކައުންސިލާއި ސަރުކާރުގެ ބިންތައް އަގުކުޑަކޮށް، އަމިއްލަ ފަރާތްތަކަށް ކޮންޓްރެކްޓް ހަދައިގެން ދޫކޮށްފައިވާ ކަމަށް ވިދާޅުވެ އާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭގެ މިސާލެއްގެ ގޮތުން 13،000 އަކަފޫޓުގެ ބިމެއް 13،000 ރުފިޔާއަށް އަދި 1،000 އަކަފޫޓުގެ ބިމެއް 3،000 ރުފިޔާއަށް ދީފައިވާ ކަމަށާއި، ބައެއް ބިންތައް ދޫކުރި އަގުވެސް ނޭނގޭ ކަމަށް ވިދާޅުވިއެވެ.

ރިސޯޓެއް 99 އަހަރަށް ދިނުމުން އޭގެއިން ލިބޭ ކުއްޔާއި، ޓެކްސް އަދި ޖުމްލަ އާމްދަނީ އެނގޭއިރު، ރަސްމާލެ މަޝްރޫޢުން ޤައުމަށް ލިބެނީ ކޯންޗެއްކަން ނޭނގޭ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އަދި މިއީ ހަމައެކަނި މާލެއަށް ނިސްބަތްވާ ކަމެއް ނޫން ކަމަށާއި، ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުރިހާ ރައްޔިތުން ވެސް މިކަމުގައި އަޑުއުފުލައި، ޤައުމުގެ މިލްކިއްޔާތަކީ ރައްޔިތުންގެ އެއްޗެއްކަން ހަނދާންކޮށްދޭން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: