ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ބިން ދޫކުރަން ނިންމާފައިވަނީ އެ ބިމުގެ އަގު ނުވަތަ ފައިނޭންޝަލް ވެލުއޭޝަނެއް ނުހަދައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ ވިދާޅުވީ ވިދާޅުވީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ އެ މަޝްރޫއާ މެދު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުން ގިނަ ކަމަށެވެ. އީވާ ފާހަގަކުރެއްވި ގޮތުގައި މި މައްސަލައިގައި ދިވެހިންގެ މައިގަނޑު ދެ ކަންބޮޑުވުމެއް އެބައޮތެވެ. ފުރަތަމަ ކަމަކީ ހުދު އެ ޕްރޮޖެކްޓާ މެދު އޮތް ކަންބޮޑުވުމެވެ. އެގޮތުން ރައްޔިތުންގެ ފައިސާއިން އެއް ބިލިއަނާ ގާތްކުރާ އަދަދަކަށް ރަސްމާލެ މަޝްރޫއަށް ހަރަދުކޮށްފައިވާކަމަށާއި، ރާއްޖޭގެ އިގްތިސާދު މިހާރު ވެއްޓިފައިވާ ހާލަތާއި ޑޮލަރުގެ ދަތިކަމަކީ އެފަދަ ހޭދަތަކާ ގުޅިފައިވާ ކަންކަންކަމަށް އީވާ ވިދާޅުވިއެވެ. ކުދި އަދި ބޮޑެތި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކާއި އަސާސީ ބޭނުންތަކަށް ޑޮލަރު ނުލިބޭ މައްސަލައަކީ މި ސަރުކާރުން ރަސްމާލެއަށް ކުރި ހަރަދުތަކުގެ ނަތީޖާކަމަށް ތަކުރާރު ކުރެއްވި އެވެ.
ދިވެހިރާއްޖޭގެ އިގްތިސާދު މިއަދު މި ހިސާބަށް އައިސްފައި މި އޮތީ… ކެރަޓް ކިލޯއެއް ވެސް ނުލިބެނީ އެހެންވެގެން ޕީޓީއެއް ހަދާލަން ޑޮލަރު ކޮޅެއް ނުލިބެނީ ވެސް އެހެންވެގެން. ބޮޑު ވިޔަފާރިއެއް އަދި ކުޑަމިނުން ކުޑަ ވިޔަފާރިއެއް ވެސް މިހާރު އުނދަގޫވެގެން މި އުޅެނީ ހަމަ ރަސްމާލޭ ޕްރޮޖެކްޓަށް ޑރ މުއިއްޒުގެ ސަރުކާރުން ކުރި ހޭދައާއި ހުރެ..
މީގެއިތުރުން، އެ ބިންތައް ބޭރު ބަޔަކަށް ދޫކޮށްލާއިރު އެއްވެސް ވަރަކަށް ވެލުއޭޝަނެއް ހަދާފައި ނުވާކަމަށް އީވާ ވިދާޅުވިއެވެ. ވިޔަފާރީގެ އުސޫލުން ބެލިޔަސް އެއްޗެއް ދޫކޮށްލާނީ އަގުކޮށްފައިކަމަށް ފާހަގަކުރައްވައި އީވާ ވިދާޅުވީ، މަޖިލީހަށް ހުށަހެޅި ބިލުން ވެސް ފެންނަނީ ބިމުގެ ވެލުއޭޝަނެއް އަދި ފައިނޭންޝަލް ފީޒިބިލިޓީއެއް ހަދާފައި ނެތް މަންޒަރު ކަމަށެވެ. ބިމުގެ އަގު ނުހަދައި ބޭރުގެ ކުންފުންޏަކާ އެކު ނެގޯސިއޭޝަނަށް ދާއިރު ދިވެހި ދައުލަތަށް ލިބޭނީ ކިހާވަރެއްކަން ސަރުކާރަށް ވެސް ނޭނގޭކަމަށާއި، މިވަރުގެ ޑޮލަރުގެ ތާށިކަމެއް އޮތް ވަގުތެއްގައި މި މަޝްރޫއުން ވަގުތުން ދިވެހިންނަށް ލިބޭ މަންފާއެއް ނެތްކަމަށް އީވާ ވަނީ ވިދާޅުވެފަ އެވެ.
އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި އީވާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދާތީ އޮތް އިތުބާރު ނެތުމުގެ މައްސަލައެވެ. މި ސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރު އިގްތިސާދީ ނުވަތަ އުފެއްދުންތެރި އެއްވެސް ބޮޑު މަޝްރޫއެއް ހިންގިފައި ނުވާކަމަށާއި، ކުޑަ ރަށެއްގެ މަގެއް ހަދައި ވެސް ނިންމާލެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، ޕްރޮޖެކްޓް ހަވާލުކުރަނީ ކޮން ބަޔަކަށްކަމާއި އެއްބަސްވުމުގެ ޝަރުތުތަކަކީ ކޮބައިކަން ރައްޔިތުންނަށް ސާފުނުވާ ކަމަށެވެ. އަދި މިވަރުގެ ބޮޑު މަޝްރޫއެއް މި ސަރުކާރަށް ހިންގޭނެ ކަމުގެ އެއްވެސް އިތުބާރެއް އަދި ޔަގީންކަމެއް ދިވެހި ރައްޔިތުންގެ ނެތްކަމަށް އީވާ ވިދާޅުވިއެވެ.

