ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19އާއި ގުޅިގެން ޔޫއޭއީއިން 77.3 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓް ރާއްޖެއަށް!

ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން 77.3 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓް ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ޔޫ.އޭ.އީއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ރިއަލް ޓައިމް ޕީސީއާރް ސިސްޓަމްސް، ޕީސީއާރް އެކްސްޓްރެކްޝަން މެޝިން، ކޮވިޑް-19 ޑައިގްނޯސްޓިކް އެކްސްޓްރެކްޝަން ކިޓް، 30 ހާސް ޓެސްޓް ހެދޭނެ ޕީސީއާރް ކިޓް، ޕީޕީއީ (ޑިސްޕޯސަބަލް ކަވަރޯލްސް، ޝޫ ކަވަރ، ފޭސް މާސްކް، ފޭސް ޝީލްޑް، މާސްކް އަދި އަންގި ހިމެނޭ ގޮތަށް) އަދި ހޭންޑް ސެނިޓައިޒަރ އެވެ. މީގެ ތެރޭގައި ހިމެނޭ ޕީ.ސީ.އާރް މެޝިނުން ގަޑިއަކު 96 ޓެސްޓް ހެދޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މިއާއެކު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ސްޕީޑް އަވަސްވެ، ބައްޔާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ހިލޭ އެހީގެ ގޮތުގައި ޔޫ.އޭ.އީ އިން ފޯރުކޮށްދިން މި އެހީގެ ތަކެތީގެ ބަރުދަނުގައި 70 ޓަނު ހުރިއިރު، މިތަކެތި ރާއްޖެ ގެނެސްފައިވަނީ މިއަދު މިކަމަށް ޚާއްސަކޮށް ޔޫ.އޭ.އީއިން ފޮނުވި ޚާއްސަ މަތިންދާބޯޓެއްގައެވެ.

މިދިޔަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ޔޫ.އޭ.އީ ގެ ފޮރިން މިނިސްޓަރ ޝައިޚް އަބްދުﷲ ބިން ޒައިދް އަލް ނަޙްޔާން އާއި ފޯނުން ގުޅުއްވައި، ރާއްޖޭގެ ހާލަތާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ބެހޭ މައުލޫމާތު ޔޫ.އޭ.އީ ސަރުކާރަށް އެދުވަހު މިނިސްޓަރ ޝާހިދު ވަނީ އަރުވާފައެވެ.

މިނިސްޓަރ ޝާހިދު ވަނީ ޔޫ.އޭ.އީގެ ވެރިންނާއި، ސަރުކާރާއި އަޚުވަންތަ ރައްޔިތުންނަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. ޔޫއޭއީ އިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޤާބިލްކަން އިތުރުކުރެވި، ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރެވޭނެ ކަމަށާއި އަދި މިއީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީ، ’ނިއު ނޯމަލް‘ އާ ދިމާއަށް ރާއްޖެއިން މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި މިމަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

 1970 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ޔޫއޭއީ ސަރުކާރުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ. ޚާއްސަ ގޮތެއްގައި ރާއްޖޭގެ އުމްރާނީ ތަރައްގީއަށް އެގައުމުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. މިދިޔަ މާޗް މަހުގެ 9 ވަނަ ދުވަހުވެސް ހިލޭ އެހީގެ ގޮތުގައި ޔޫ.އޭ.އީ އިން ރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިނިސްޓަރ ޝާހިދު ވަނީ އަބޫދާބީގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހިރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑުތަނުން އިތުރަށް ހަރުދަނާވެފައެވެ. މިހާތަނަށް އެމަނިކުފާނު ޔޫއޭއީއަށް 2 ފަހަރެއްގެ މަތިން ޒިޔާރަތްކުރައްވާފައިވާއިރު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ޔޫއޭއީއަށް ވަނީ ވަޑައިގެންފައެވެ. އޭގެ ފަހުން އެކި ފަހަރުމަތިން ޔޫއޭއީއަށް ވަޑައިގެން އެގައުމުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި، މަޝްވަރާތައް ބާއްވަވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: