ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫޢުގައި ރައްޔިތުން ކައިރީ އަހަންޖެހޭ، މުޒާހަރާވެސް ކުރަންޖެހޭނެ: އިންތި

އިންތި "އަހާބަލަ" އެއްވުމުގައި ވާހަކަދައްކަވަނީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ބިންތަކާ ގުޅޭގޮތުން ސަރުކާރުން ނިންމަވާ ނިންމެވުންތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހަންޖެހޭނެ ކަމަށާއި، އެ އަޑު އެހުމާ ހަމައަށް ރައްޔިތުން ނުކުމެ މުޒާހަރާވެސް ކުރަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ އީގަލް ހިލްސްއިން ރަސްމާލޭގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓާއި ގުޅޭ ރިފެރެންޑަމްއަށް ގޮވާލައި އިދިކޮޅު އެމްޑީޕީން ކުރިޔަށް ގެންދިޔަ ”އަހާބަލަ“ އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އިންތި ވިދާޅުވީ، ”ދިވެހީންގެ ރާއްޖެ“ ނުވަތަ ދިވެހީންނަށް ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން، މި ސަރުކާރުން ފުރަތަމަވެސް ކުރައްވާ ކަމަކީ ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑުކޮށް ފެންނަން އޮތް ހުސް ބިން ވިއްކާލުން ކަމަށެވެ. އަދި ސަރުކާރުން ކުރައްވާ ހުރިހާ ކަމެއްވެސް ފެންނަނީ އެކޮޅުކޮޅުން، އިދިކީލަކޮށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަންތަން ބިން މި އުސޫލުން ވިއްކަވާ އިރުގައި ދިވެހީންނަށް ސާފުވާންޖެހޭ އެ ކަން ކުރައްވާ ގޮތެއް. ދިވެހީންނަކީ މާ ހަރުކަށި ބައެއް ނޫން“ އިންތި ވިދާޅުވިއެވެ

އިންތި ވިދާޅުވީ ދިވެހި ރައްޔިތުންގެ ބިން މިފަދަ އުސޫލަކުން ވިއްކަވާ އިރު، އެކަން ކުރައްވާ ގޮތެއް ދިވެހިންނަށް ސާފުވާންޖެހޭނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަކީ މާ ހަރުކަށި ބައެއް ނޫން ކަމަށާއި، ރައްޔިތުން އެދެނީ ވަރަށް އާދައިގެ، އިންސާފުވެރި އަދި ހަމަޖެހޭ އުސޫލުތަކަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، އެމްޑީޕީއަކީ ހުޅުވިފައިވާ ވިޔަފާރިތަކަށާއި އިންވެސްޓްމަންޓްތަކަށް އަބަދުވެސް މަރުހަބާ ކިޔާ ޕާޓީއެއްކަން ފާހަގަކުރައްވާ އިންތި ވިދާޅުވީ އެއްވެސް އެއްބަސްވުމެއް ސިއްރު ނުކޮށް، ސަރުކާރުން ކުރައްވަން އުޅޭ ކަންކަން ހާމަކޮށް، ރައްޔިތުންނަށް ގެއްލުން ނުވާނެހެން ކަންކަން ކުރިއަށްގެންދަންޖެހޭކަމަށެވެ.

ރާއްޖޭގެ ބިންތަކުގެ އަގު ދުވަހެއް ދުވަހަކަށް އުފުލެމުންދާކަމަށާއި މާފުށީގެ ކުޑަ ބިންކޮޅެއްގެ އަގުވެސް ވަނީ އުފުލިފައިކަމަށް އިންތި ވިދާޅުވިއެވެ. އެހެންކަމުން މާލެއާ މާ ކައިރީގައި އޮތް ފުށިދިއްގަރު ފަޅުގެ ބިމުގެ އަގުވެސް އެނގެންޖެހޭ ކަމަށާއި، އެ ބިން ދޫކޮށްލަނީ ކޮން އަގެއްގައި، ކިހާ ވަރަކަށް ކަން ނޭނގޭ ކަމަށް ވިދާޅުވެ، އެކަމުގެ ތަފުސީލު ހާމަކުރުމަށް އޭނާ ގޮވާލެއްވިއެވެ.

އިންތިވަނީ މިއީ ސަރުކާރުގެ މެނިފެސްޓޯގައި ވެސް އޮތް ކަމަކަށް ނުވާއިރު، މިފަދަ ބޮޑު ކަމެއް ކުރާއިރު ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

”ދިވެހިރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުން އެ ކަމެއްގައި އަހަންޖެހޭނެ. އަހަންޖެހޭނެ. އަހަންދެން އަޅުގަނޑުމެން މުޒާހަރާވެސް ކުރަންޖެހޭނެ. އަޅުގަނޑުމެން އެންމެން ނުކުންނަންޖެހޭނެ،“ އިންތި ވިދާޅުވިއެވެ

އިންތިވަނީ އެއްބަސްވުން ހާމަކުރެއްވުމަށް ސަރުކާރަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. އަދި ރާއްޖޭގެ މަސްލަހަތަށް ނޫންގޮތަކަށް އެއްވެސް ކަމެއް ނުކުރުމަށް ޤާނުނު އަސާސީގައިވެސް ބަޔާންކޮށްފައިވާއިރު ރައްޔިތުންގެ ކަންބޮޑުވުންތަކުގައި ރައްޔިތުން ކައިރީ އަހަން ޖެހޭނެކަމަށާއި އަހަންދެން ހުއްޓުމެއްނެތި މުޒާހަރާ ކުރަންޖެހޭނެކަމަށް އިންތި ތަކުރާރުކުރެއްވިއެވެ.

 

 

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: