ސިއްރުގައި ވީނަމަވެސް އަދި ފާޅުގައި ވިީނަމަވެސް ފާޙިޝު ޢަމަލުކުރުކުރުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަމެއްކަމާއި، ފާޙިޝު ޢަމަލުތައް ފާޅުގައި ކުރިޔަސް އަދި ސިއްރުގައި ކުރިޔަސް ހުއްޓާލަންޖެހޭކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކޮށްފައިވަނީ ”فاحش ޢަމަލުތަކާ ދުރުހެލިވާށޭ“ މި މައުޞޫއަށެވެ.
އެގޮތުން އިސްލާމްދީނުގައި ފާޙިޝު ކަންކަމޭ ކިޔަނީ ބަހާއި ޢަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކޮންމެ ކަމަކައްކަން ހުކުރު ހުތުބާގައި ވަނީ ބުނެފައިއެވެ.
މީގެ އިތުރުން ބޭރުފުށުގެ ފާފަޔާއި، އެތެރެފުށުގެ ފާފަތައް ދޫކޮށްލާ، އަދި ފާޅުވެގެންވާ ކަންތަކާއި ސިއްރުވެގެންވާ ކަންތައްތަކާއި ކައިރި ނުވާން މާތް ﷲގެ ހަދީސްފުޅު ތަކުން ބުނެދީފައިވާ ކަން ހުތުބާގައި ވަނީ ބުނެފައިއެވެ. އަދި ފާޙިޝު އެތައް ކަމެއް ޙަރާމްކުރައްވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ ތެރޭން މާތް ﷲއާ ޝަރީކު ކުރުމާއި ފަޤީރު ކަމުގެ ސަބަބުން ދަރިން މެރުމާއި އަދި ﷲ ހިރިމަތްތެރި ކުރައްވައިފައިވާ ނަފުސެއް ހައްޤަކާއި ނުލައި ޤަތުލުކުރުން ހިމެނެއެވެ.
މީގެ އިތުރުން، ފާޙިޝު ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ފާފަވެރިވުން ބޮޑު ޢަމަލުތަކަކީ ޒިނޭއާއި ލިވާޠާއި އަދި ސިޙާޤުއެވެ. އަދިހަމަ އެހެންމެ، މުއުމިނުންގެ ތެރޭގައި އެކި ސިފަސިފައިގެ ފާޙިޝުކަންތައް ފަތުރާމީހުންނަށް ދެ ދުނިޔޭގައި ވެސް ގަދަފަދަ ވޭންދެނިވި ޢަޛާބުހުރިކަމަށް ހުތުބާގައިވަނީ ހަނދާންކޮށްދީފައި އެވެ. ޒިނޭކުރުމަކީ ހުތުރުވެގެންވާ ބޮޑު ފާފައެއް ކަންވެސް ވަނީ ހުތުބާގައި ހަނދާން ކޮށްދީފައިއެވެ.
”މުސްލިމް އަޚުންނޭވެ! ފާޙިޝު ޢަމަލުތަކަކީ އޭގެ ސަބަބުން ޠާޢޫނުބައްޔާއި ވޭންދެނިވި އެތައް ބައްޔެއް ފެތުރޭ ކަމެކެވެ. މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ މިފަދަ ނުރައްކާތެރި ބަލިތައް އެންމެ ގިނައީ ފާޙިޝު ޢަމަލުތައް ހިންގާ މީހުންގެ މެދުގައެވެ. މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި އެޗް.އައި.ވީ ވައިރަހާއި އެއިޑުސް ބައްޔާއި މި ނޫނަސް ނުރައްކާތެރި އެތައް ބައްޔެއް އެންމެ ގިނައީ އެއްޖިންސުން ގުޅުން ހިންގާ ޒުވާނުންގެ ތެރޭގައެވެ. ފާޙިޝު ޢަމަލުތަކުގެ ސަބަބުން އެޗް.އައި.ވީއާއި އެއިޑުސްގެ އިތުރަށް، ލެޔާއި ހަށިގަނޑުގެ ދިޔައިގެ ޒަރީޢާއިން ފުރަމެއަށް ޖެހޭ ނުރައްކާތެރި ބަލިތައް ފަސޭހައިން ފެތުރެއެވެ.“
އިންސާނާގެ ޠަބީޢަތުގައިވާ ޣަރީޒާތަކަށް އިޖާބަދިނުމުގައި އިސްލާމްދީން ހުއްދަކޮށްފައިވާ ގޮތް އިޚުތިޔާރުކުމަށް ވެސް ވަނީ ހުތުބާގައި ބުނެފައިއެވެ. އަދި މާތް الله ދެ ޖިންސުން އިންސާނުން ޚަލްޤުކުރެއްވީ، އިންސާނުން އެމީހުންގެ ނަސްލު ދަމަހައްޓައި ޙަލާލު ގޮތުގައި ޒަވާޖީ ޙަޔާތުގެ އުފާ ލިބިގަތުމަށް ޓަކައިއެވެ. މީގެ އިތުރުން ފާޙިޝު ޢަމަލުތައް ފެތުރުނަނުދިނުމަށް ޓަކައި މުސްލިމުންގެ ތެރޭ ތަނަވަސްކަން ހުރި މީހުން، ޒުވާނުންގެ ތެރޭ ކާވެނިކުރުމުގެ ތަނަވަސްކަން ނެތް މީހުން ކާވަނިކުރުމަށް އެހީތެރިވުމަށް ދީން ބާރުއަޅުށްވާފައިވާ ކަމަށް ހުތުބާގައިވަނީ ހަންދާން ކޮށްދީފައިއެވެ.
މިއަދު ދުނިޔޭގައި ވިޔަފާރީގެ އުޞޫލުން ފާޙިޝު ޢަމަލުތައް ހިންގާ މީހުން އެ ކަން ހިންގަނީ ފާޅުގައިކަމާއި އެކިއެކި މަންސަތަކުގައި އަގުތައް އިޢުލާނުކޮށްގެން ކަމުން، މިފަދަ ނުރައްކާތެރި ވަބާތަކުން ޤައުމު ސަލާމަތްކުރަން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަންވެއްޖެކަން ހުތުބާގައި ގޮވާލާފައިވެއެވެ. އެހެންނޫން ނަމަ، ގިނަ ބަޔަކު ފާފަވެރިވުމުގެ އިތުރަށް ޖިންސީ ގޮތުން ފެތުރޭ ނުރައްކާތެރި ބަލިތަކުގެ ޝިކާރައަކަށްވެ، މުޅި ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެކަމަށް ބުނެފައިވެއެވެ.
”މުސްލިމް އަޚުންނޭވެ! ލިވާޠުކުރުން ފަދަ ބަދުއަޚުލާޤީ ޢަމަލުތަކުގެ ސަބަބުން ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް މާތް ﷲ ފޮނުއްވެވި ވޭންދެނިވި ޢަޛާބުން ތިޔަބައިމީހުން ޢިބުރަތްލިބިގަންނާށެވެ!“
ދުނިޔޭގެ އުފަލާއި އަރާމަކީ ވަގުތީ ކަމެއްކަމާއިި އެ އުފަލާއި އަރާމު ޙާޞިލުކުރުމުގައި އިސްލާމީ ޝަރީޢަތުގެ ހަމަތަކަށް ތަބަޢަވާން ވަނީ ހުތުބާގައި ގޮވާލާފައިއެވެ. އަދި މާތް الله ޙަރާމްކުރެއްވި މަގަކުން އެއިން އެއްވެސް ކަމެއް ޙާޞިލުނުކުރުމަށާއި، މާތް اللهއަށް ބިރުވެތިވެ، އާޚިރަތް ދުވަހުން ތަޤުވާވެރީންނަށް ލިބޭނޭ އުފަލާއި އަރާމަށް އެދި އުންމީދުކުރަންވެސް ހުތުބާގައި ގޮވާލާފައި ވެއެވެ. އަދި އިސްލާމްދީނާއިގެން ވަޑައިގެންނެވި މާތް ނަބިއްޔާ مُحَمَّدٌ ދެއްކެވި ނަމޫނާގައި ވަރުގަދައަށް ހިފަހައްޓައި، އެކަލޭގެފާނު އަހަރެމެންނަށް ޓަކައި ދޫކުރެއްވި ތަރިކަ ދޫކޮށްނުލާންވެސް ގޮވާލާފައިވެއެވެ. އެއީ اللهُ تَعَالَىގެ ފޮތާއި ކައުއިތުރު ރަސޫލާގެ ސުންނަތެއްކަން ހަންދާން ކޮށްދީފައިވެއެވެ.

