މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ޔޫރަޕިއަން ކޮންޒަވޭޓިވްސް އެންޑް ރީފޯމިސްޓް ގްރޫޕް ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް އާއްމުކޮށްފިއެވެ.
ޔޫރަޕިއަން ކޮންޒަވޭޓިވްސް އެންޑް ރީފޯމިސްޓް ގްރޫޕް (އީސީއާރު) އިން އާއްމު ކުރި ބަޔާނުގައި ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ މަޖިލީހުގައި ހިނގައިދިޔަ އަމަލަކީ ޑިމޮކްރަސީއަށް ލިބިގެން ދިޔަ ހުތުރެއް ކަމަށެވެ. އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް، ސަރުކާރު ހިންގާ މައި ޕާޓީގެ މެމްބަރުންތަކެއް އަނިޔާ ކުރި މަންޒަރު ފެނިގެން ދިއުމަކީ، ޑިމޮކްރަސީއަށް ކުރި މަލާމާތެއްގެ ގޮތުގައި ސިފަކޮށް އެ ޕާޓީން ބުނެފައިވަނީ ޝިޔާމަށް ގަސްދުގައި ދިން ހަމަލާތަކަށް ކަންބޮޑުވާކަމަށެވެ.
އީސީއާރުން ބުނެފައިވަނީ، ޝިޔާމަށް ދިން އަނިޔާތަކާއި ގުޅިގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށެވެ. އަދި އެއީ ވެރިކަން ކުރާ ޕާޓީއެއްގެ މެމްބަރުންގެ ފަރާތުން ފެނިގެން ނުވާނެ އަމަލަކަށް ވާއިރު މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ކުރިޔަށް ގެންދިޔަ ޖަލްސާއަށް މެމްބަރުން ވަނުމަށް ހުރަސް އެޅިކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. އަދި އޭގައި ބުނެފައިވާގޮތުން މަޖިލީހުގައި 87 މެމްބަރުން ތިބޭއިރު އިދިކޮޅަށް ނިސްބަތްވާ ތިބީ 09 މެމްބަރެކެވެ. އެހެން ނަމަވެސް މެމްބަރުންނަށް ފަހުން ޗެމްބަރަށް ވަނުމުގެ ފުރުސަތެއް ނުދިންކަމަށް ޕީސީއާރްއިން ވަނީ ބުނެފައެވެ.
ޕީސީއާރުއިން ބުނެފައިވަނީ މިފަދަ އަމަލުތަކެއް ހިންގަނީ، މަޖިލީހުގައި ތިބި އިދިކޮޅު މެމްބަރުންނަށް އެ މީހުންގެ ގަދަބާރު ދެއްކުމަށް ކަމަށެވެ. މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓު ކުރުމަށް އިދިކޮޅުން ނިންމި އެންމެ ބޮޑު ސަބަބަކީ ވެސް ބޮޑު މެޖޯރިޓީއެއް އޮތުމުގެ މާނައަކީ ގަދަބާރުން ހަމަނުޖެހުން އުފެއްދުމުގެ ފުރުސަތު ނުދޭނެކަން ބުނެދިނުމަށް ކަމަށް އެ ބަޔާނުގައި ވެއެވެ.
ރައްޔިތުންގެ ހައްގާއި، ރައްޔިތުންގެ މަންދޫބުންތަކެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލާ، ޕީސީއަރުއުން ވަނީ މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުން ތަހުގީގު ކުރަންޖެހޭކަމަށް ބުނެފައެވެ. އަދި އެއީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި ބޭނުންވަނީ ދެފުށް ފެންނަ އިންސާފުވެރި ތަހުގީގެއް ކަމަށް ވެސް ބުންޏެވެ.
ޔޫރަޕިއަން ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓް ޕާޓީ އަކީ ޔޫރަޕުގެ 29 ގައުމެއް ތަމްސީލު ކުރާ ޕާޓީއެކެވެ. އޭގެއިތުރުން ޔޫރަޕުގައި ނުހިމެނޭ ދިހަ ގައުމެއްވެސް އެޕާޓީގައި ހިމެނެއެވެ.
ކައުންސިލްތަކުގެ ދައުރާއި ބެހޭގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައެވެ. އެގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގައި އިދިކޮޅުގެ އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށާއި، އަދި އެއީ ވަރަސް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޝިޔާމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވަން މަސައްކަތްކޮށް މަޖިލީހުގައި ކުރިޔަށް ދާ އެ ޖަލްސާއަކީ ގާނޫނު އަސާސީއާއި ހިލާފަށް ކުރިޔަށް ގެންދާ ޖަލްސާއެއްކަމަށް ވިދާޅުވެފައެވެ. އަދި ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވެމުން ރައީސް ނަޝީދު އޭނާގެ ނަން އިއްވުމުން މަޖިލީހުގެ އެމްޑީޕީ މެމްބަރުން ޝިޔާމް ތަޅުމުން ނެރުމަށް ކުރި މަސައްކަތުގެ ތެރެއިން ހަމަނުޖެހުން އުފެދި ޝިޔާމްއަށް އަނިޔާ ވީއެވެ.
މި މައްސަލަ އިދިކޮޅުގެ ފަރާތުން ފުލުހަށް ހުށަހަޅާ ވަނީ، މެމްބަރުން ޝީޔާމާއި ދިމާކުރީ ރައީސް ނަޝީދުގެ އެންގެވުމަށްކަމަށް ބުނެފައެވެ. އެރޭ ޝިޔާމް އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމަށްފަހު އިދިކޮޅުން ބުނެފައިވަނީ އޭނާގެ މޭކަނޑިގަނޑުގައި ރެނދެއް ލާފައިވާ ކަމަށެވެ.
މައްސަލައާއި ގުޅިގެން ބަޔާނެއް ނެރުއްވާ ޝިޔާމް ވިދާޅުވީ، ޖަލްސާގެ ތެރެއިން އޭނާގެ ނަން އިއްވާފައިވަނީ އެއްވެސް އިންޒާރެއް އަދި ނަސޭހަތެއް ވެސް ދެއްވުމެއް ނެތި ކަމަށެވެ. ޝިޔާމް ވިދާޅުވީ ތަޅުމުގައި މެމްބަރެއްގެ ނަން އިއްވާނަމަ އޭގައި އަމަލު ކުރަންޖެހޭނެ އުސޫލު ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ނަން އިއްވީ އެ މާއްދާއާއި ހިލާފަށް ކަމަށް ވާއިރު މަޖިލީހުގެ މެމްބަރުން ތަބާވާންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގާނޫނުތަކާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާއާއި އެއްގޮތްވާ ގޮތުގެ މަތީން އަންގަވާ އެންގެވުންތަކަށްކަން އެނގެން އެބައޮތް ކަމަށެވެ.

