ކޮވިޑާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި، އޭޑީކޭގެ ޓީމުތަކުން ވެސް ބައްޔާއި ދެކޮށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އައްފާލް ވަނީ އޭޑީކޭގެ ހިދުމަތްތަކާއި ގުޅޭގޮތުން ތަފްސީލުތައް ދެއްވާފައެވެ. އަދި އޭޑީކޭއަކީ އަމިއްލަ ހޮސްޕިޓަލަކަށްވާއިރު ކޮވިޑާއި ގުޅިގެން ބައްޔާއި ދެކޮޅަށް މަސައްކަތްކޮށް، ބައްޔަށް ޓެސްޓު ކުރުމުގެ ކަންކަން ވެސް ހޮސްޕިޓަލުން ދަނީ ކުރިޔަށް ގެންދަމުންނެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”ސަންގު“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައްފާލް ވިދާޅުވީ އޭޑީކޭއިން ކޮވިޑާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ވެސް ކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހް ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަ ދެއްކި ދުވަސްތަކުގައި އޭޑީކޭގެ ނަން ފާހަގަކުރައްވާފައިވަނީ ހޮސްޕިޓަލުގެ ފަރާތުން މި ބައްޔާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް އެމަނިކުފާނަށް ވެސް އެނގިވަޑައިގަންވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އައްފާލް ވަނީ އެކަމަށް ޝުކުރު ވެސް އަދާ ކުރައްވާފައެވެ.
އައްފާލް ވިދާޅުވީ ކުރިމަތިލާންޖެހިފައި ވަނީ ދަތި އުނދަގޫ ދުވަސްތަކަކާއި ކަމަށެވެ. ކުންފުނީގައި 800 އެއްހާ މުވައްޒަފުން ތިބިއިރު އޭގެއިން އެއްވެސް މުވައްޒަފެއްގެ ވަޒީފާ ދޫވެގެން ދިޔަ ނުދޭ ކަމަށެވެ. އަދި އެ މުވައްޒަފުން ރެއާއި ދުވާލު ހޮސްޕިޓަލުގައި ސިއްހީ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު މުވައްޒަފުންނަށް ހަމަ މުސާރަ ދީފައިވާނެ ކަމަށެވެ. އަދި މުވައްޒަފުންގެ ފުރިހަމަ މުސާރަ ފޯރުކޮށްދިނުމުގައި ލިބޭނެ މާލީ އެއްވެސް ގެއްލުމަކަށް ބަލާފައި ނުވާނެ ކަމަށް އައްފާލް ވިދާޅުވިއެވެ. އަދި މިއީ އޭޑީކޭގެ މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރަން ބޭނުންވާ ކަމެއްގެ ގޮތުގައި އައްފާލް ވިދާޅުވިއެވެ.
އައްފާލް ވިދާޅުވީ މިދަނޑިވަޅުގައި އެތައް މުވައްޒަފުންނެއްގެ ވަޒީފާތަކާއި މެދު ސުވާލުތަކެއް އުފެދިފައިވީ ނަމަވެސް އޭޑީކޭއިން ފަހުރުވެރިކަމާއި އެކު، މުވައްޒަފުންނަށް ދޭން ބޭނުންވާ މެސެޖަކީ ވަޒީފާގެ ގެއްލުމެއް ކުރިމަތި ނުވާނެ ކަމުގެ ވާހަކަ ކަމަށެވެ.
”އެއީ އަޅުގަނޑު ވަރަށް ސިގްނިފިކަންޓް ކަމެއްގެ ގޮތުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް ފަހުރުވެރިކަމާއި އެކު އޯގަނައިޒޭޝަންއަށް ވެދެވިފައި އޮތް ވަރަށް ބޮޑު ހިއްސާއެއްގެ ގޮތުގައި ދެކޭ ކަމެއްގެ ގޮތުގައި ވާތީ މިކަން ހިއްސާކޮށްލީ“ އައްފާލް
މީގެ އިތުރުން އައްފާލް ވިދާޅުވީ ފަންނީ ލަފައެއް ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް، އެ ހިދުމަތްތައް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން އޮންލައިން ފްލޫ ކްލިނިކެއް ގާއިމްކޮށް ހިލޭ ހިދުމަތް ދިނުމާއި، އަދި މިހާރު އުފެދިފައިވާ އެމްއާރްއާރްޓީ ހިދުމަތް ތެރޭގައި ބަލި މީހުން ކޮންސަލްޓު ކުރުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ބޭނުންވެއްޖެ ހާލަތެއްގައި އޭޑީކޭގެ އެމްބިއުލާންސް މެދުވެރިކޮށް ހިދުމަތް ދެވޭ ކަމަށެވެ.
އައްފާލް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭޑީކޭގެ ހައިލީ ޓްރެއިންޑް ޑޮކްޓަރުން، އެހެން މީހުންނަށް ތަމްރީނު ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ. އޭގެ ތެރޭގައި ރަށްރަށުން ވެސް އައި ޓީމުތައް ތަމްރީނު ކުރުމުގައި ބައިވެރިވެފައިވާނެ ކަމަށް އައްފާލް ވިދާޅުވިއެވެ.
އައްފާލް ވިދާޅުވީ އޭޑީކޭގެ މެޑިކަލް ޓީމުގެ ފަރާތުން، ކަރަންޓީން ފެސިލިޓީތަކުގެ މެޑިކަލް ސެލްއަށް އެކި ފަހަރު މަތިން ގޮސް މަސައްކަތް ކުރެވިފައިވާނެ ކަމަށެވެ. އަދި ސާމްޕަލް ނެގުމުމުގެ މަސައްކަތްތަކުގައި އެންއީއޯސީގެ ޓީމުތަކާއި އެކު އޭޑީކޭގެ ޓީމުތައް ވެސް ހަރަކާތްތެރިވާކަން އައްފާލް ފާހަގަ ކުރެއްވިއެވެ.
އައްފާލް ވިދާޅުވީ ކޮވިޑުގެ ހާލަތު ގޯސްވެގެން ދިޔަ ދުވަސްވަރު، އޭޑީކޭގެ ސްޓާފުން އައިޖީއެމްއެޗަށް ގޮސް ޑިއުޓީ ނަގާފައިވާނެ ކަމަށެވެ.
ކޮވިޑާއި ދެކޮޅަށް ކުރަމުން އައި މަސައްކަތްތަކުގެ ތެރެއިން މީގެ ކުރިން މީޑިއާތަކަށް އެނގިފައި ނެތް ނަމަވެސް ކޮވިޑުގެ ތައްޔާރީ ހާލަތަކަށް އޭޑީކޭއިން ސަރުކާރާއި އެކު މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އެގޮތުން 58 އެނދުގެ ފެސިލިޓީއެއް ޑރ. ޕާންޑިއަން ވިންގުގައި ގާއިމް ކުރި ކަމަށެވެ. އައްފާލް ވިދާޅުވީ އެއީ ކޮންޓިންޖެންސީ ހާލަތެއްގައި ބޭނުން ކުރުމަށްކަމަށާއި އެހެން ނަމަވެސް މިހާތަނަށް ބައްޔާއި ދެކޮޅަށް އެޅިފައިވާ ރަނގަޅު ފިޔަވަޅުތަކުގެ ދަށުން މި ފެސިލިޓީ ބޭނުން ކުރަންޖެހޭ ހާލަތަކަށް ނައީ ކަމަށެވެ.

