އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު މިރޭ 9:00 އާ ހަމައަށް އިތުރުކޮށްފި އެވެ.
ޕާޓީގެ އެކި ދާއިރާތަކާއި ގުނަންތަކަށް ޖުމްލަ 1،100 އެއްހާ މެންބަރުން އިންތިހާބު ކުރުމަށް މިއަދު ބާއްވާ މި އިންތިހާބުގެ ވޯޓުލުން ކުރިން ނިންމަން ތާވަލުކޮށްފައި އޮތީ ރޭގަނޑު 8:00 އަށެވެ. ނަމަވެސް ބައެއް މަރުކަޒުތަކަށް ދިމާވި އިދާރީ މައްސަލަތަކާ ގުޅިގެން މެންދުރުފަހު 2:30 ގައި ފަށަން އޮތް ވޯޓުލުން ފެށިފައިވަނީ 3:00 ހާއިރު އެވެ. އަދި ބައެއް ވޯޓު ފޮށިތަކުގައި ޖެހުނު މައްސަލަތައް ގޯސްވެ، އިރުއޮސުމާއި ހަމައަށް ވެސް އޮތީ ހައްލު ނުވެ އެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 252 ވޯޓު ފޮށި ވަނީ ބަހައްޓައިފަ އެވެ.
އިންތިހާބުގައި މަގާމުތަކުގެ ތެރެއިން އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މަގާމުތަކަށެވެ. އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތަކާ ގުޅިގެން މިއީ އެންމެ ގިނަ މެންބަރުން ހިމެނޭ ގޮތަށް ގައުމީ މަޖިލިސް އިންތިހާބުކުރާ ފުރަތަމަ ފަހަރެވެ.
ގައުމީ މަޖިލީހުގެ ޖުމްލަ 359 ގޮނޑީގެ ތެރެއިން 86 ގޮނޑިއަކަށް އިންތިހާބަކާއި ނުލައި ބައެއް ފަރާތްތައް ވަނީ އިންތިހާބުވެފަ އެވެ. މިއަދު ވޯޓުލުން ކުރިއަށްދަނީ 273 ގޮނޑިއަށެވެ.
މި އިންތިހާބުގައި އެންމެ ވާދަވެރީ މާލެ ސިޓީ ތަމްސީލުކުރާ 16 ގޮނޑި އެވެ. 43 ކެންޑިޑޭޓަކު މި ގޮނޑިތަކަށް ވާދަކުރާއިރު، އޭގެ ތެރޭގައި އެމްޑީޕީގެ އިސް ސަފުގައި ފާހަގަކޮށްލެވޭ ބޭފުޅުނ ވާދަކުރެ އެވެ.
އިންތިހާބުގައި އެންމެ ބޮޑަށް ފެންނަނީ ’ބޮޑު ބަދަލު‘ އަދި ’ޓީމް އެމްޑީޕީ‘ ގެ ނަމުގައި ދެ ފެކްޝަނެއް އުފެދި އޮތް ވާދަ އެވެ.

