ރައްޔިތުންގެ މަޖިލީޙުގެ ތެރެއިން ފެންނަމުންދާ މަންޒަރަކީ މަޖިލީޙުން އަދާކުރަން ޖެހޭ ޒިންމާތަކާއި ވާޖިބްތައް އަދާނުކޮށް އެހެން މީހުންނާއި ދިމާލަށް އިނގިލި ދިއްކުރާ މަންޒަރު ކަމަށާއި އެއީ ކަން ހިނގަން ޖެހޭ ގޮތެއް ނޫން ކަމަށް ރައްޔހިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
ސަރުކާރު ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅި ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ ޒާތީވެ ތިބެގެން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި ފުލުހުންގެ އިދާރާގައި މައްސަލަތައް ހުރިކަން އޭނާ ވެސް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ މުއައްސަސާގައި ތިބި މަދު ބަޔަކު ކުރާ ގޯސް ކަންތައްތަކެއްގެ ސަބަބުން މުޅި ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ޒާތީވެ ތިބެގެން ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި ހުރި މައްސަލަތައް އިސްލާހު ކުރުމުގެ ޒިންމާ މިއަދު ހަވާލުވެފައި ވަނީ އެމްޑީޕީއާއި ރައްޔިތުންގެ މަޖިލީހާއި ކަމަށެވެ. އެހެން ކަމުން ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމަށް ކުރަން ޖެހޭ ކަންކަން އެމްޑީޕީއާއި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ނުކޮށްތިބެ އެހެން މީހުންނާއި ދިމާލަށް އިނގިލި ދިއްކޮށްގެން ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޒާތީވެ ފުލުހުންގެ މަދު ބަޔަކު ކުރި ގޯސް ކަމަކާ ހެދި މުޅި އިދާރާ ތަޣައްޔަރުކޮށް އެއީ މުޅި އިދާރާގެ ނަން ހަރާބު ކުރެވޭ ގޮތަކަށް ބަހުސް ކުރުމަކީ އަޅުގަނޑުމެންގެ އަމިއްލަ ޕާޓީގެ މެންބަރުން ކުރި ކަމަކަށް ވިޔަސް އަޅުގަނޑު ތާއީދު ކުރާ ކަމެއް ނޫން،“ ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ރައްޔިތުންގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމުގެ ނަތީޖާއަކަށް ވެގެންދާނީ މުޖުތަމައުގެ ތެރޭގައި އޮތް ހަމަޖެހުން ގެއްލި ބައިބައިވުން ކަމަށާއި އެއީ ގައުމަށް ދިމާވާނެ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ފުލުހުންނަކީ ރައްޔުތުންގެ ތެރޭގައި ހަމަޖެހުމާއި އިންސާފް ގާއިމް ކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެހެން ކަމުން ކަންކަން އިސްލާހުކޮށް ހަރަދަނާ ކުރުމަށް ފުލުހުންގެ މުއައްސަސާއިން ބޭނުންވާ ހުރިހައި ބާރެއް ދޭން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަތްފައި ބުރި ކޮށްފައި ބަޔަކާއި ކަމެއް ހަވާލުކޮށްގެން ނިކުންނާނެ ނަތީޖާއެއް ނޮއޮންނާނެ ކަމަށާއި އަދި މުއައްސަސާއަކަށް ދޭން ޖެހޭ އާރާއިބާރު އަދި ވަސީލަތްތައް ނުދީ މުއައްސަސާއަކާއި ދިމާލަށް އިނގިލިދިއް ނުކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ހާއްސަކޮށް މަޖިލީހުން ހަދަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ނުހަދައި ފުލުހުންގެ މުއައްސަގައި ހުރި މައްސަލަތަކުގެ ވާހަކަ ނުދެއްކޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގައި ކުށްކުރުން އެއްދުވަހުން އަނެއް ދުވަހަށް އިތުރެވެ ކުށްކުރާ މީހުން ގެންގުޅޭ ވަސީލަތްތައް އެއް ދުވަހުން އަނެއް ދުވަހަސް އިތުވަމުންދާއިރު ފުލުހުންގެ މުއައްސަސާއަށް ބާރުނުދީތިބެ ވާހަކަ ދެއްކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިއަދު ފެންނަމުންދާ މަންޒަރަކީ އެއީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

