ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓްކޮށްފައި ނުވާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި އެޖަލްސާގައި މަޖިލީހުގެ ރައީސްގެ އަމުރުފުޅަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް އަނިޔާކޮށްފައިވާކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޯއިކޮޓް ކޮށްފައެވެ.
މިޖަލްސާގެ ހެނދުނުގެ ދަންފަޅިއަށް ޖޭޕީގެ އެއްވެސް މެމްބަރަކު ހާޒިރުވެފައިނުވާއިރު، މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ލަފާކުރެއްވޭ ގޮތުގައި ޖޭޕީއިންވެސް ޖަލްސާ ބޯއިކޮޓްކޮށްފައިކަމަށް ވިދާޅުވެފައެވެ.
މިކަމާއި ގުޅޭގޮތުން ”ސަންގު“އިން ސުވާލުކުރެއްވުމުން ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ޖޭޕީގެ އެއްވެސް މެމްބަރަކު މަޖިލީހުގެ ޖަލްސާތައް ބޯއިކޮޓްކޮށްފައިނުވާ ކަމަށެވެ.
އަލީ ސޯލިހު ވިދާޅުވީ، މަޖިލީހުގެ އެއްވެސް ޖަލްސާއަކަށް މަޖިލީހުގެ ހުރިހާ މެމްބަރުން އެއްފަހަރާ ހާޒިރުވެފައިނުވާ ކަމަށެވެ. އަދި ހެނދުނުގެ ދަންފަޅިއަށް އެކި ސަބަބުތަކާހުރެ މެމްބަރުންނަށް ހާޒިރުވެފައިނުވި ކަމުގައިވިޔަސް ކުރިއަށް އޮތް ވަގުތުތަކުގައި މަޖިލީހަށް މެމްބަރުން ޙާޒިރުވަމުންދާނެކަމުގެ ޔަގީންކަން މެމްބަރުން ދެއްވާފައިވާ ކަމަށެވެ.
މިއީ ވަރަށް ޚައްސާސް ދަނޑިވަޅެއް ކަމަށާއި އެހެންކަމުން މެމްބަރުންނަށް މަޖިލީހަށް ހާޒިރުނުވެވުމަކީ އެކަށީގެންވާކަމެއް ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
މިހާރު ތިބި ކައުންސިލަރުން ދެން އިންތިހާބެއް ބޭއްވެންދެން އެ މަގާމުގައި ތިބެވޭނެ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާގައި މެމްބަރު ޝިޔާމްގެ ނަން އިއްވުމައި ގުޅިގެން މަޖިލީހުގެ ޖަލްސާ ވަނީ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައެވެ. އަދި މެމްބަރުންގެ މެދުގައި ހަމނުޖެހުން ހިންްގައި ބައެއް މެމްބަރުންނަށް ވަނީ އަނިޔާވެފައެވެ.
ޚާއްސަގޮތެއްގައި، މެމްބަރު ޝިޔާމަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި ބުރަކަށީގެ ތރިންނާއި މޭކަށިގަނޑުގައި ރެނދެއް ލާފައިވާކަމަށް ޕީޕީއެމުން ބުނެއެވެ. އަދި އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހުމަކީވެސް އެކަށީގެންވާކަމެއްކަމަށް އެޕާޓީން ބުނެއެވެ.

