މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ކުރަމުން އަންނަނީ ބުރަ މަސައްކަތްތަކެއް ކަމަށާއި، ކާމިޔާބާއި ހަމައަށް ދެވެނީ މުވައްޒަފުން ދައްލާ ހިއްވަރުގެ ސަބަބުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓާރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީން ގެނެސްދޭ ”ޚަހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވުން އާޒިމް ވިދާޅުވި، އެމްޓީސީސީގެ ހަޔާތުގައި އައި 39 އަހަރުގެ ތެރޭގައި ކުއާޓާއެއްގައި އެންމެ މަތީ ޕްރޮފިޓެއް ނަގާފައިވާ ކަމަށެވެ. ހިއްވަރާއި އަޒުމާއި އެކު މަސައްކަތް ކުރާ ކޮންމެ ބަޔަކަޔަށް ކާމިބު ލިބޭނެކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މި ދުވަސްވަރު ވެސް ކުރަމުން ދާ ކޮންމެ މަސައްކަތަކީ ހިއްވަރާއި އެކު ކުރިޔަށް ގެންދާ މަސައްކަތްތަކެއް ކަމަށެވެ.
އާޒިމް ވިދާޅުވީ ކުންފުންޏާއި ގުޅޭގޮތުން މީގެ ކުރިން ދެކެވިފައި ހުރި ވާހަކަތަކަށް ނުވަތަ ތުހުމަތުތަކުގެ ވާހަކަތަކަށް ދާން ބޭނުންނުވާކަމަށާއި އެކަންކަތަކާއި ބެހޭ އޮޑިޓުތައް ކަމާއި ބެހޭ އިދާރާތްތަކުން ކުރިޔަށް ގެންދާނެ ކަމަށެވެ. އެއާއި އެކު އޭނާގެ އަމާޒަކަށް ވެގެންދާނީ ކުންފުނީގެ މެންޑޭޓުތަކާއި އަދި ހަވާލުކުރެވިފައިވާ ޒިންމާތައް ރަނގަޅަށް އަދާކޮށް ޕްރޮޖެކްޓުތައް ކުރިޔަށް ދާ ގޮތްތައް ބެލުމާއި އެކު ދީފައި އޮންނަ މުއްދަތަކަށް މަޝްރޫއުތައް ނިންމުން ކަމަށެވެ. އާޒިމް ވިދާޅުވީ އޭނާއަކީ ކާމިޔާބާއި ހަމައަށް ދިއުމަށް މަސައްކަތް ކުރާ މީހެއް ކަމަށާއި، އެންމެ ފަހުވަގުތަށް ވެސް ބަލާނީ ސަރުކާރުން ދީފައިވާ ޒިންމާ ރަނގަޅަށް އަދާ ކުރުމަށް ކަމަށެވެ.
”އެނގިވަޑައިގަންވާނެ އަޅުގަނޑުމެން ލޮކްޑައުންގެ ތެރޭގައި ވެސް، އަޅުގަނޑުމެން ވާނެ 03 ޕްރޮޖެކްޓެއް ލޮކްޑައުންގެ ތެރޭގައި ނިންމާ ފައިބައިގެން ގޮސް އެހެން ރަށްތަކަށް އަރާފަ. އޭރު އެއް ރަށުން އަނެއް ރަށަކަށް ނުއެއް ދެވޭ، އޭރުގަ ނިންމާފަ އަޅުގަމެން ރަށްތަކަށް އަރައިފިން. ދެން ރަށްތައް ހުޅުވޭ ވަރަކުން ހަމަ އެއް ރަށުން އަނެއް ރަށަށް މިދަނީ. އެހެންވީމަ ކޮންމެ ކަމަކީ އިހުލާސްތެރިކަމާއި އެކު ކުރާނަމަ، ނުކުރެވޭނެ ކަމެއް ނޫންކަން އަޅުގަނޑުމެން އެމްޓީސީސީގެ މުވައްޒަފުން އެދަނީ ދައްކަމުން. އަޅުގަނޑު އަބަދުވެސް ޝުކުރުވެރިވަން މުވައްޒަފުންގެ އިހުލާސްތެރިކަމަށް އަދި އަޅުގަނޑަށް އެދެއްވާ އެއްބާރުލުމަށް. އަދި އަޅުގަނޑު އެމްޓީސީސީގައި ނެތަސް ޝުކުރުވެރިވާނަން އަބަދުވެސް“ އާޒިމް
އެމްޓީސީސީން މިހާރުވެސް 40 އަށް ވުރެ ގިނަ މަޝްރޫތައް ކުރިޔަށް ގެންދާރު އެއް މަޝްރޫއެއްގެ ވެސް އެކި ޓީމުތައް އުޅޭނެކަން އާޒިމް ފާހަގަކުރެއްވިއެވެ. މިސާލެއް ނަންގަވާ އާޒިމް ވިދާޅުވީ ބަނދަރު ހަދާ ރަށެއްނަމަ ވިލެ ޖައްސާ ޓީމާއި، ކޮންކްރީޓް ކުރާ ޓީމުތައް ހިމެނޭނެ ކަމަށެވެ. އެގޮތުން މަޝްރޫއެއްގައި ކޮނެ ނިމުމުން، އެ ޓީމެއްގައި ހިމެނޭ މީހުން ދެން ޓްރާންސްފާ ވާނީ އެހެން ރަށަކަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެ މީހުން މަސައްކަތް ނިންމެންވާއިރަށް އެ ރަށަކަށް ދާނީ ތޮށިގަނޑު ހަނދާ މީހުން ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެކަމާއި ގުޅިގެން މަސައްކަތްތައް އަވަސް ވާ ކަމަށާއި، އެކަން އެގޮތަށްދަނީ ރަނގަޅު އިންތިޒާމުތަކެއްގެ ދަށުން ކުރިޔަށްގެންދާތީ ކަމަށެވެ.
އާޒިމް ވިދާޅުވީ ކުންފުނީގެ މަޝްރޫއުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެއްވެސް މަސައްކަތެއް ނެތި ތިބޭ ބަޔަކަށް ވާން ބޭނުން ނުވާ ކަމަށާއި، އަދި އެއްވެސް އިކުއިޕްމެންޓެއް އެއީ ބޭނުންނުކޮށް އޮންނަ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ.
އާޒިމް ވިދާޅުވީ ލޮކްޑައުންގައި ދަތިތަކެއް ދިމާވިކަމަށެވެ. އެހެން ނަމަވެސް މިއީ އުނދަގޫތަކާއި އެކު މަސައްކަތް ކުރުމަށް ފުރުސަތެއް ލިބި، އާ ކަންކަން ޕްލޭންކޮށް ތަންފީޒު ވެސް ކުރެވުނު ވަގުތެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.
”އެހެންވީމަ އެމްޓީސީސީއަށް އޮޕަޗިއުނިޓީއަކަށް ވެގެން މިދިޔައީ ކުރިޔަށް އޮތްތަނުގައި މަސައްކަތްތައް ބާރު ކުރުމަށް. އެއްވެސް ކަމަކީ އެއީ އޭގެ ރަނގަޅު ސައިޑު ނަގައިފިއްޔާ، ރަނގަޅު ސައިޑެއް ނުފެންނާނެ ކަމެއް ނޫން“ އާޒިމް
އާޒިމް ވިދާޅުވީ ކޮވިޑާއި ގުޅިގެން ގައުމުގެ އިގްތިސޯދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައި ވާ ކަމަށެވެ. އަދި ގެއްލުންތަކެއް ވެސް ލިބެމުންދާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ވިސްނުމަކީ މަޝްރޫއުތަކާއި، ޕްރޮޖެކްޓުތަކުގައި އެއްވެސް މަޑުޖެހުމެއް ނެތި ކުރިޔަށް ދިޔުންކަމށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކުންފުނީގެ ފައިނޭންސިން ރަނގަޅަށް ބެލެހެއްޓޭކަމަށާއި، އިންތިޒާމުތަކާއި އެކު މަސައްކަތަކަށް ވާނީ މިވަގުތު ހަވާލުކޮށްފައި ހުރި ހުރިހާ މަޝްރޫއެއްގެ މަސައްކަތްތައް ނިންމާލުންކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީގެ ޕްރޮޖެކްޓުތަކުގެ ތެރޭގައި ފުޓުބޯޅަ ދަނޑު ހެދުމާއި، ބަނދަރު ހެދުން، ފަޅު ފުން ކުރުން، އެއާޕޯޓުތަކުގެ މަސައްކަތް، އަދި މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިޔަށް ދާ ކަމަށެވެ. އާޒިމް ވަނީ ކުޅުދުއްފުށީގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތަށް ވެސް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވެފައެވެ. މި ޕްރޮޖެކްޓުތަކުގެ އަޕްޑޭޓު ކޮންމެ ހަފްތާއެއްގައި ބާއްވާ ބައްދަލުވުންތަކުން ހޯދާއިރު ސިސްޓަމް މެދުވެރިކޮށް ހުރިހާ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ކުރިޔަށްދޭ ގޮތް އޭނާއަށް ބެލޭކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިވަގުތު އެމްޓީސީސީއާއި 08 ބިލިއަން ރުފިޔާއާއި، 2،500 މިލިއަން ރުފިޔާގެ މަސައްކަތުގެ ޕްރޮޖެކްޓުތައް ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ.

