މިއަދު ދިވެހިރާއްޖޭގެ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ ފުލުހުންގެ ތަހުގީގު ޓީމް ފެންނަނީ ވަކިމީހަކު ބުނާ ގޮތަކަށް މީހުން ފްރޭމް ކުރަން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައވާި ފުލުހުންގެ ބިލަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަ ދައްކަވަމުން އިލްޔާސް ލަބީބް ވިދާޅުވީ ފުލުހުންގެ އިދާރާގައި އެކުލަވާލާފައިވާ ތަހުގީގު ޓީމުގައި އަބަދުވެސް ތިބެނީ އެއްބައެއް ކަމަށާއި އެ މީހުންގެ ފަރާތުން ފެންނަމުންދާ މަންޒަރަކީ އިސްކޮށް ހުންނަ މީހާ ބުނާ ގޮތަކަށް ވަކި ބަޔަކަށް ނުވަތަ މީހަކަށް ތަހުގީގުތައް އަމާޒްކޮށްގެން ފްރޭމް ކުރުމުގެ މަސައްކަތް ކުރާ މަންޒަރު ކަމަށް އިލްޔާސް ލަބީބް ވިދާޅުވިއެވެ.
ރިލްޔާސް ލަބީބް ވިދާޅުވީ މާޒީގެ ތެރެއިން ފުލުހުން ކަންކަން ކޮށްފައިވާ ގޮތަށް ބަލާއިރު މުޅިން ވެސް ފެންނަން ހުރީ ވަކި މީހަކު ނުވަތަ ވަކި ބަޔަކު ބުނާ ގޮތަކަށް މީހުން ހައްޔަރުކޮށްގެން ގޮސް އަނިޔާކުރުން ކަމަށެވެ. އެގޮތުން އެތައް ބައެއްގެ މައްޗަށް ޓެރެރިޒަމްގެ ތުހުމަތުކޮށް ހައްޔަރުކޮށް އެތައް އަނިޔާތަކެއް ދީފައިވާ ކަމަށް އިލްޔާސް ލަބީބް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ފުލުހުން ކުރާ ކުށްތައް ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް މިހާރަށްވުރެ ބޮޑަށް ފުލުހުންގެ ތެރޭގައި ކުރާ ކުށްތައް ބަލައި ތަހުގީގު ކުރެވޭނެ ބާރުތައް ދޭން ޖެހޭ ކަމަށާއި އަދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ނިންމާ ނިންމުންތަކަށް ފުލުހުން ތަބާވާން ޖެހޭނެކަން ގާނޫނުގައި ކަނޑައަޅަން ޖެހޭ ކަމަށް އިލްޔާސް ލަބީބް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ވެސް ފުލުހުންގެ ތެރެއިން ތަހުގީގު ނުކުރެވިގެން އުޅެނީ ހިޔާނާތުގައި ބައިވެރިވެފައިވާ ފުލުހުން ތިބުމުން ކަމަށާއި އެއީ ވެސް ބަލަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޮޑެތި މަރުގެ މައްސަލަތަކާއި އެ ނޫން ވެސް ޖިނާއީ ބޮޑެތި މައްސަލަތައް ނުބެލި ފުލުހުންގެ ތެރޭގައި ތާށިވެފައިވާ ކަމަށާއި އެކަން އެހެން ވުމުގެ މައިގަނޑު ސަބަބަކީ އެފަދަ މައްސަލަތަކުގައި ޝާމިލްވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފުލުހުން އެ މައްސަލަތައް ތަހުގީގު ކުރުމުގައި އުޅޭތީ ކަމަށް އިލްޔާސް ލަބީބް ތުހުމަތު ކުރެއްވިއެވެ. އެހެން ކަމުން އެފަދަ މީޙުން ފުލުހުންގެ އިދާރާއިން ސަސްޕެންޑްކޮށް އެ މައްސަލަތައް ބެލުމަށް އިލްޔާސް ކަބޫބް ގޮވާލެއްވިއެވެ.

