މިމަހުގެ 14އިން ފެށިގެން ގޫގްލް ކްލާސް މެދުވެރިކޮށް އަނެއްކާވެސް ކިޔަވައިދޭން ފަށާނެ ކަމަށް ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
”ސަންގު“އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ރަޝީދު ވިދާޅުވީ ގޫގްލް ކްލާސްތައް ްމެދުކަނޑާލީ ފުރަތަމަ ޓާމް ބަންދާއި ދިމާކޮށް ޓީޗަރުންނަށްވެސް ލުޔެއް ދިނުމުގެ ބޭނުމުގައިކަމަށެވެ. އެހެންނަމަވެސް، ފުރަތަމަ ޓާމްގެ ބަންދު ނިމުމާއެކު، މިމަހުގެ 14ވަނަ ދުވހުން ފެށިގެން ޓެލިކިލާސްތަކާއެކު ގޫގްލް ކްލާސްތައް ކުރިއަށްގެންދާނެ ކަމަށެވެ.
ޓެލިކިލާސްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ޓީވީ ޗެނަލްތައް މެދުވެރިކޮށް ކްލާސްތައް ފަށައިގަންނަންޖެހުނީ ވަރަށް ކުއްލިއަކަށް ކަމަށާއި އެހެންކަމުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނު ކަމަށެވެ. ޓެލިކިލާސްތައް ނަގައިދިނުމަކީ ޓީޗަރުންނަށްވެސް އާ ކަމެއްކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރ ވިދާޅުވީ ފުރަތަމަ ދުވަސްކޮޅު ބައެއް ޓީޗަރުން ނުތަނަވަސްވިޔަސް، އެކަމަށްވެސް ޓީޗަރުން ވަރަށް އަވަހަށް ހޭނުނުކަމަށް ވިދާޅުވިއެވެ.
ޓެލިކިލާސް ފުރަތަމަ ނަގައިދިނީ ޓީވީ ސްޓޭޝަންތަކުގެ ސްޓޫޑިޔޯތަކުގައި ކަމަށާއި އެހެންނަމަވެސް މިހާރު ޓީޗަރުން ޓެލިކިލާސްތައް ނަގައިދެމުން ދަނީ ގެތަކުގައި ތިބެގެން ކަމަށެވެ. އަދި ފިލާވަޅުތައް ތައްޔާރުކޮށް ހުށައެޅުމުގައި ޖުމްލަ 500އެއްހާ ޓީޗަރުން ހަރަކާތްތެރިވަމުންދާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އަޅުގަނޑުމެން ޓެލިކިލާސްތައް ހުއްޓައެއް ނުލާނަން. ސްކޫލްތައް ހުޅުވުނީމަ މިކުރިއަށްގެންދާ އަދަދު މަދުކުރާނަން. މިހާރު ސްކޫލްތައް ބަންދުވެފައި އޮތުމާއިއެކު ކޮންމެ ދުވަހަކު ކްލާސްތައް މިނަގައިދެނީ. އެކަމަކު ސްކޫލްތައް ހުޅުވުނީމަ ޓީޗަރުންގެ މަސައްކަތްވެސް އިތުރުވާނެތީ ކްލާސްތަކުގެ އަދަދު މަދުކޮށްލާނަން.
ޓެލިކިލާސްތަކަކީ ޖުމްލަ ގޮތެއްގައި ވަރަށް ރަނގަޅު މަސައްކަތެއް ކަމަށާއި ޓީޗަރުންގެ މަސައްކަތްތައް މިފަދަ ގޮތަކަށް އާންމުކުރެވުމަކީ ޓީޗަރުންނަށްވެސް ލިބިގެންދާނެ ކުރިއެރުމެއްގެ ގޮތުގައި ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޓެލިކިލާސްތަކަށް ޓީޗަރުންގެ އިތުރަށް މައިންބަފައިންނާއި ދަރިވަރުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާކަމަށް ވިދާޅުވިއެވެ. އެގޮތުން ކްލާސްތައް އަންނަ ގަޑިތަކަށް ކުދިން ތައްޔާރުކުރުމަށް ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ބޮޑުކަންފާހަގަކުރެއްވިއެވެ. އަދި މިއީ ކުދިންވެސް ވަރަށް ޝައުގުވެރިކަމާއެކު ބައިވެރިވަމުންދާ ކްލާސްތަކެއްކަމަށާއި ކޮންމެ ދުވަހަކު އެތައް ދަރވަރުންތަކެއްގެ ފޮޓޯތައް މިނިސްޓްރީއަށް ލިބެމުންދާކަމަށް ވިދާޅުވިއެވެ.

