ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫމަޑި މައްސަލައިގައި މުއިއްޒު އަނެއްކާ ވެސް ފުލުހަށް ހާޒިރު ކުރަނީ!

ނޫމަޑި މައްސަލައާ ގުޅިގެން މުއިއްޒަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ތުހުމަތު - ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމް އިން ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.

މުއިއްޒު ފުލުހަށް ހާއްޒިރުވުމަށް ޗިޓު ހަވާލުކޮށްފައިވަނީ މާދަމާ ރޭގެ 08:15 އަށެވެ. އަދި މިކަން އިދިކޮޅުން ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނޫމަޑި މައްސަލައިގައި މުއިއްޒު ފުލުހަށް ހާޒިރުކުރާ މިއީ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ ހާޒިރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ފުލުހަށް ޙާޒިރުކޮށް ސުވާލު ކުރުމުން އޭރު މުއިއްޒު ނޫސްވެރިންނަށް ވިދާޅުވެފައިވަނީ ނޫމަޑި މައްސަލައިގައި އޭނާއަށް ގިނަ ތުހުމަތުތަކެއް ކުރާ ކަމަށެވެ. އޭގެ ތެރޭގައި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ދައުލަތުގެ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ހިމެނޭކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.

ނޫމަޑީގެ ވާހަކަތަކަށް އެތައް ދުވަހެއް ވެފައިވާއިރު، މުއިއްޒު ސިފަ ކުރައްވާ ގޮތުން މިއީ ސިޔާސީ ދައުވައެކެވެ. އަދި އެކަމާއި ބެހޭ މައުލޫމާތުތައް ކޮމިޓީއަށް ވެސް ދީފައިވާނެކަން އޭނާ ފާހަގަކުރައްވާފައި ވެއެވެ. އޭރު ހަމަޖެހިފައި އޮތް ގޮތުން ލޯކަލް ކައުންސިލް އިންތިހާބު ބާއްވާގޮތަށް އޮތީ އޭޕްރިލް މަހުގެ 06 ގައެވެ. އެހެން ނަމަވެސް ފަހުން ކޮވިޑުގެ ސަބަބުން ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ކައުންސިލްތަކުގެ ދައުރު ދަންމާލީއެވެ. މުއިއްޒު ވިދާޅުވެފައިވަނީ ކުއްލިގޮތަކަށް އެ މައްސަލަ ނަގާފައިވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާތީ ކަމަށެވެ. އަދި ޑިމޮކްރަސީގެ ރީތި ހަމަތަކަށް ވައުދުވީ އެމްޑީޕީގެ ފަރާތުން ފެންނަމުންދަނީ ހުދުމުހުތާރު ވެރިކަމެއްގެ ގޮތުގައި ވެސް މުއިއްޒު ވިދާޅުވިއެވެ.

ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން ސެޓުލްމެންޓް ކޮމިޓީން އެ މައްސަލަ ފުލުހަށް ފޮނުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެކަން ހާމަކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ނޫމަޑި މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށެވެ. ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުންތައް އުވައިލުމުގެ ސަބަބުން ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލަަތަކުގައި އިހުމާލުގެ އަތެއް ވާ މީހުންގެ މައްސަލަތައް ބަލާނެކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

ނޫމަޑި އެއްބަސްވުންތައް ބާތިލްކުރީ ގޯސްކޮށް ކަމަށް އާބިޓްރޭޝަނަށް ހުށަހެޅުއްވި ލިއުމެއްގައި މުއިއްޒު ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވައިވާތީ ކަމަށް ވެސް ތުހުމަތު ކުރެއެވެ.

އެއީ ނޫމަޑިއާ ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް، ކުރީގެ ސަރުކާރުން އުވާލުމުގެ މައްސަލައިގައި ބަދަލު ހޯދުމަށް ނޫމަޑިން ސަރުކާރުގެ މައްޗަށް ހުށަހެޅި މައްސަލަ އާބިޓްރޭޝަންގައި ކުރިޔަށް ދިޔައިރު، ނޫމަޑިއާ އެއްކޮޅަށް ހެކިބަހުގެ ގޮތުގައި ޑރ. މުއިއްޒު ދެއްވި ބަޔާނުގެ ސަބަބުން ސަރުކާރު ފަރާތުގެ ކޭސް ވަރަށް ބޮޑަށް ބަލިކަށިވެގެން ދިއުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: