މިނިސްޓަރ އާތިފަ މަގާމުން އިސްތިއުފާ ދެއްވުމަކީ އެމްއާރްއެމްއިން ހިތާމަކުރާކަމެއްކަމަށް އެޕާޓީން ބުނެފިއެވެ.
މިނިސްޓަރ އާތިފާ އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކަމަނާ ހުންނެވި ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ މިއީ އެޕާޓީގެ އެގްޒެކެޓިވް ކޮމިޓީ އާއި ޕާޓީގެ މެންބަރުން ވަރަށް ހިތާމަކުރާ ކަމެއް ކަމަށެވެ.
އެކަމަނާ އަކީ، އެމް.އާރް.އެމް ބަދަލަށް މަސައްކަތްކުރި ޙަރަކާތެއްގެ ގޮތުގައި އޮތް މަރުހަލާ އިން ފެށިގެން މިހާތަނަށް އެމް.އާރް.އެމް އަށް ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. 2018 ގެ ރިޔާސީ އިންތިޚާބަށް ކޯލިޝަން ޕާޓީތައް ގުޅިގެން އެކުލަވާލި މެނިފެސްޓޯ ހެދުމުގައިވެސް އެކަމަނާ ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، އާތިފާ އަކީ ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރި ކަމާއެކު، ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވަމުން ގެންދެވި ތަޖުރިބާހުރި، ހީވާގި ބޭފުޅެއްކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އެމަނިކުފާނުގެ ކެބިނެޓުގެ ވަޒީރަކަށް އެކަމަނާ ޢައްޔަން ކުރެއްވުމުން، މިނިސްޓަރުކަމުގެ މަގާމުގެ ޒިންމާތައް، ނުފޫޒުން އެއްކިބާވެ ހުންނަވައިގެން، ވަރަށް ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއެކު އަދާކުރެއްވި ބޭފުޅެއް ގޮތުގައި ވަނީ ސިފަ ކުރައްވާފައެވެ. އަދި ނޮވެމްބަރ 2018 ގައި މިނިސްޓަރުކަމާ ޙަވާލުވެ ވަޑައިގެންނެވި ފަހުން މިހިނގާ ދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ ސީދާ ބެއްލެވުމުގެ ދަށުން ހައުސިންގް މިނިސްޓްރީގެ މަސައްކަތްތަކަށް ވަރަށްބޮޑެތި ކުރިއެރުންތަކެއް ގެންނަވާފައިވާކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ޒަމާންތަކެއް ވަންދެން ނުހެދި ހުރި، ދިރިއުޅުމަށް ދޫކުރާ ގެދޮރުގެ ކުލި ކަނޑައެޅުމުގެ ގާނޫނާއި، އެއްމެދު އިމާރާތްތަކާ ބެހޭ ގާނޫނުގެ ދެލިކޮޕީތައް އެކުލަވާލައްވައި ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅުއްވާފައިވުމާއި އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމާ ގުޅިގެން ގެދޮރު ލިބިފައި ނުވާ އެތައް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވިކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން، ކިޔޫ ހަދައިގެން ތޮއްޖެހިގެން ނުތިބެ ރައްޔިތުންނަށް ފްލެޓު ތަކަށް އެދެވޭނެ އޮންލައިން އިންތިޒާމު ހަމަޖައްސަވައި ދެއްވުމާއި، ރައްރަށުގައި ހުރި ގެދޮރުވެރި ކަމުގެ މައްސަލަތައް ހައްލު ކުރުމަށް ކުރެއްވި މަސައްކަތުގައި ރައްޔިތުންގެ ގާތަށް ވަޑައިގެން އެމީހުންގެ ޙިޔާލު ހޯއްދެވިކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

