އަންނަ ހޯމަ ދުވަހުން ފެށިގެން އެއްވެސް ހުއްދައެއް ނުނަގައި ވަކި ގަޑިތަކެއްގައި މަލެ ތެރޭގައި އުޅެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، އާ އުސޫލާއި އެކު އަންނަ ހޯމަ ދުވަހުން ފެށިގެން ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ހުއްދައެއް ނުނަގައި ބޭރުގައި އުޅެވޭނެ ކަމަށެވެ. އެހެން ނަމަވެސް ތިން މީހުންނަށް ވުރެ ގިނައިން ބޭރުގައި ނޫޅެވޭނެކަމަށް ޝައިނާ ވިދާޅުވިއެވެ.
އާ ލުއިތަކާއި އެކު ވަކި ގަޑިތަކެއް އުމުރުފުރާތަކަށް ވަނީ ހާއްސަކޮށްފައެވެ.
އެގޮތުން ފަތިހުގެ 05:00 އިން ހެނދުނު 08:00 ޖެހުމާއި ހަމައަށް އުމުރުން ދުވަސްވީ ފަރާތްތަކަށް ބޭރުގައި އުޅެވޭއިރު، ހަވީރުގެ 04:00 އިން ފެށިގެން 06:00 އެއް ޖެހުމާއި ދެމެދު ކުޑަ ކުދިންނަށް ބޮޑެތި މީހުންނާއި އެކު ނިކުމެވޭނެއެވެ. މީގެ އިތުރު އިރުއޮއްސި 06:00 އިން ފެށިގެން 09:00 ޖެހުމާއި ދެމެދުގެ ވަގުތު ހާއްސަކޮށްފައިވަނީ ކަސްރަތު ކުރުމަށެވެ.
ޝައިނާ ވަނީ ލުއިތަކެއް ދިން ނަމަވެސް، އެ މީހެއްގެ މޫވްމެންޓުތައް ވީހަވެސް މަދު ކުރުމަށް އެދިވަޑައިގެންފައެވެ.

