ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު އަނބުރާ އެ ޤައުމަށް ފޮނުވާލައިފިއެވެ.
ބަންގްލަދޭޝްގެ މި 200 މީހުން ފޮނުވާލާފައިވަނީ، މިއަދުގެ މެންދުރުފަހުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން، ބަންގްލަދޭޝްގެ ޑާކާއަށް ފުރާފައިވާ މޯލްޑިވިއަންގެ ފްލައިޓެއްކަމަށްވާ Q2 6502 ގައެވެ.
ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބަންގްލަދޭޝް މީހުން، އަނބުރާ އެ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ފަށާފައިވަނީ، ކޮވިޑް-19 އިގެ ބަލިމަޑުކަން ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެން ފެށި ހިސާބުންނެވެ. ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން ހަތަރު މީހަކު މިހާރުވަނީ ނިޔާވެފައެވެ.
ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު އެ ޤައުމަށް އަނބުރާ ފޮނުވާލާފައިވާއިރު، އެ ޤައުމުގެ 2000 އަށްވުރެ ގިނަމީހުން މިހާތަނަށް ފޮނުވާލާފައިވެއެވެ.

