ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން ތިން ސިޔާސީ ޕާޓީއަކާއި މެދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިޔަވަޅު އަޅައިފިއެވެ.
ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީގެ އިތުރުން) މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްއާއި މެދުއެވެ.
އިލެކްޝަންސްއިން އެމްޑީއޭ އާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީއެވެ. އަދި އޭގެ ސަބަބުން ސިޔާސީ ޕާޓީގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން އެ ޕާޓީ 50,000 ރުފިޔާއިން އެޕާޓީ ޖޫރިމަނާކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. އީސީން ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެމްޑީއޭ ހިލާފުވެފައިވާތީ ކުރި ޖޫރިމަނާ، ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އަދި ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުން ޕާޓީގެ ގައުމީ ބައްދަލުވުން ވީ އެންމެ އަވަހަކަށް ބޭއްވުމަށެވެ. އަދި އެ ބައްދަލުވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ސިއްޙީ ކުއްލި ޙާލަތު އިއުލާނުކޮށްފައިވާ ޖުމުލަ ދުވަހުގެ މުއްދަތުކަމުގައި ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން ޑިއާރުޕީ އާ މެދު ފިޔަވަޅު އާޅާފައިވަނީ ތަކުރާރުކޮށް ސިޔާސީ ޕާޓީގެ ޤާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެ، އެ ޕާޓީ 2016 އަދި 2019 ގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައްކާފައިނުވާތީ އެވެ. އަދި ދެ ފަހަރެއްގެ މަތިން ފައިސާ ކޮމިޝަނަށް ދެއްކުމަށް ޕާޓީއަށް އަންގާފައިވީ ނަމަވެސް ނަމަވެސް މިވީ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކާފައި ނުވާތީއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް 2018 އަދި 2019 ވަނަ އަހަރުގެ އެ ޕާޓީގެ އަހަރީ ރިޕޯޓާއި އޯޑިޓް ރިޕޯޓްވެސް ކޮމިޝަނަށް ހުށަހަޅާފައިނެތް ކަމަށް އާއްމު ކުރި ބަޔާނުގައި ވެއެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕާޓީގެ އާއްމު ޖަލްސާ ބާއްވާފައި ނުވާތީ އެކަން އިސްލާހު ކުރުމަށް އަންގާފައިވާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
އެމްޓީޑީއަ މެދު އީސީން ފިޔަވަޅު އެޅީ، ޕާޓީގެ ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީ އެވެ. އަދި އެމްޓީޑީ 30،000 ރުފިޔާއިން ޖުރިމަނާކޮށް އެ ފައިސާ ދެއްކުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.

