ރާއްޖޭގައި ކޮވިޑް 19 ފެތުރެމުންދާ މިންވަރު ބެލުމުގެ ދިރާސާއެއް ކުރުމަށް މައުލޫމާތު އެއް ކުރަން ފަށާފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ރިސާޗް ސެންޓަރުގެ ޑީން، ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވެފައިވަނީ ގައުމީ ޔުނިވާސިޓީގެ ދިރާސާގައި ހިމެނުމަށް ނިންމާފައިވަނީ ފުރަބަންދުގެ ލުއިތަކާއި އެކު ބަލި ފެތުރުމަށް އައި ބަދަލުތަކުގެ މައްޗަށް ކަމަށެވެ.
ރީސާޗްގެ ބޭނުމަށް ކޮވިޑާއި ދެކޮޅަށް ފްރަންޓަލައިނުގައި މަސައްކަތް ކުރާ އެކި މީހުންގެ ސާމްޕަލްތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބަލީގެ ހައިރިސްކު ކެޓަގަރީގެ ތެރޭގައި ހިމެނޭ ފަރާތްތަކާއި ބަލީގެ ނުރައްކާ ބޮޑުވެދާނެކަމަށް ބެލެވޭ މީހުންގެ ސާމްޕަލްތައް ނަގަމުން ދާނެ ކަމަށް ޑރ. ރަހީމާ ވިދާޅުވިއެވެ.
މި ރީސާޗުގައި ގައުމީ ޔުނިވާސިޓީގެ 1،200 ދަރިވަރަކު ބައިވެރިވެއެވެ. އޭގެ އިތުރުން ވެސް ރެޕިޑް ރެސްޕިންސް ޓީމް (އާރުއާރުޓީ) އާއި ސާމްޕަލް ނެގުން އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތަކާއި، މީހުން ތަމްރީނު ކުރުމުގެ އިތުރުން ހޮސްޕިޓަލްތަކާއި، ހެލްތް ސެންޓަރުތަކުގެ މީހުން ތަމްރީނުތައް ދީނުމުގެ އެކި މަސައްކަތްތަކުގައި ދަރިވަރުން ބައިވެރިވަމުން އަންނަކަން ޑރ. ރަހީމާ ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑު ބަލީގެ ތަފާތު އެކި ދިރާސާތައް ހަދަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

