ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު ބަލީން ރަނގަޅުވެ މިވަތުގެ އެކްޓިވް ކޭސްތަކުގެ އަދަދު 433 އަށް އަރައިފިއެވެ.
ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ތެރެއިން ބޮޑު އިންސައްތައެއްގެ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުގައި ބުދަ ދުވަހު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 27 މީހެކެވެ. އެ އަދަދާއި އެކު ރާއްޖޭގައި ކޮވިޑު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 2،120 އަށް އެރިނަމަވެސް ބަލީން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1،677 އަށް އަރާފައެވެ. އެހެން ކަމުން މިވަގުތު ކޮވިޑަށް ފަރުވާ ދެމުންދާ ތިބީ 433 މީހެކެވެ.
ބަލި ޖެހުނު މީހުންގެ ތަފްސީލު ހާމަކޮށް އެޗްޕީއޭއިން ބުނެފައިވަނީ އިއްޔެ ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 03 ދިވެހިންނާއި، ބަންގްލަދޭޝްގެ 16 މީހެއް އަދި ނޭޕާލްގެ 03 މީހެއްގެ އިތުރުން އިންޑއާގެ 03 މީހަކާއި ލަންކާގެ މީހެކެވެ.
ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުންދާ މީހުންގެ އަދަދަށް ވުރެ، ބަލީން ރަނގަޅުވި މީހުންގެ އަދަދު އިތުރެވެ. ދާދިފަހުން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ގައިޑަލައިންތަކާއި އެއްގޮތަސް ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅާ އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެ ކުރިން ބަލި ޖެހިފައި ހުންނަ މީހަކު ކޮވިޑުން ރަނގަޅުވީ ކަމަށް ކަނޑައަޅަނީ އޭނާގެ ހުރިހާ އަލާމާތެއް ނެތި ފިލުމުން ޓެސްޓު ހެދުމަށްފަހު އޭނާ އެ ޓެސްޓަށް ޑަބަލް ނެގެޓިވްވުމުންނެވެ.
މިހާރު އަމަލު ކުރާ އުސޫލުގައި ވާގޮތުން އެ މީހަކަށް ބަލި ޖެހުނުތާ 14 ދުވަސް ވެ، ހުރިހާ އަލާމާތެއް ނެތުމުން ބަލިން ރަނގަޅުވީ ކަމަށް ކަނޑައަޅައެވެ. އަލާމާތްތައް ނެތްކަމަށް ކަނޑައަޅަނީ ހުން ރޯގާގެ ކިރިޔާ ވެސް އަލާމާތެއް ނެތް ނަމައެވެ. އެގޮތުން ހުންނަ އަންނަ ނުވަތަ ކެއްސާ މީހެއްނަމަ އެ މީހެއް ބަލީން ރަނގަޅުވި ކަމަށް ކަނޑަނާޅާނެއެވެ.
ބައްޔަށް ޕޮޒިޓިވް ވެ އަލާމާތްތައް ހުރި މީހެއްނަމަ އަދި އެ މީހަކީ ކޮމިއުނިޓީ ބޭސްޑް އައިސޮލޭޝަންއެއްގައި ހުރި މީހެއްނަމަ އެ މީހަކު ދޫކޮށްލެވޭނީ އަލާމާތްތައް ފެނުމަށްފަހު އެންމެ މަދުވެގެން 14 ދުވަސް ހަމަވުމަށްފަހު އެވެ. އަދި އެ މީހެއްގެ އަލާމާތްތައް ރަނގަޅުވެފައި އެންމެ މަދުވެގެން ތިން ދުވަސް ވާންޖެހޭނެ އެވެ. އޭގެ އިތުރުން އަލާމާތްތައް ފެނުނުތާ 10 ދުވަސްވެ އެއްކޮށް ރަނގަޅުވެ، އަލާމާތްތައް ނެތި ތިން ދުވަސް ވެ އަދި ޖުމްލަ 14 ދުވަސް ހަމަވާނަމަ އެ މީހަކު ދޫކޮށްލާނީ އިތުރު ޓެސްޓެއް ހެދުމެއް ނެތި އެވެ.
ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބައްޔާއި ބެހޭގޮތުން ނެރެފައިވާ ގައިޑްލައިން ތެރޭގައި އަލާމާތްތައް ރަނގަޅުވުމަށްފަހު ތިން ދުވަސް ވެ، އަލާމާތްތައް ފެނުނުތާ ދިހަ ދުވަސް ވެފައިވާނަމަ އެ މީހަކު ޓެސްޓު ނަހަދާ ދޫކޮށްލެވޭނެކަމަށް ބުނެފައި ވެއެވެ.
ބަލި ހުރި މީހަކު 14 ދުވަސް ވާ ދަހުން ވެސް ބަލިން ރަނގަޅުނުވާނަމަ، ދުވަސް އިތުރު ވިޔަސް ބަލީގެ އަލާމާތްތައް ފިލަންދެން 03 ދުވަސް އިތުރަށް ހުންނަން ޖެހޭނެ އެވެ. އެއާއި އެކު ދެން ފުރިހަމަވާން ޖެހޭ ޝަރުތަކީ އަލާމާތްތައް ފުރިހަމަވުމަށްފަހު އެންމެ މަދު ވެގެން 03 ދުވަސް ފުރިހަމަ ވާންޖެހުމެވެ.
ލޮކްޑައުންގެ ދެވަނަ ފޭސްއެއް ތަންފީޒު ކުރަމުންދާއިރު މާލޭގެ މަގުތައް ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އަދި އެއްވެސް ސޯޝަލް ޑިސްޓެންސިންއެއް ނެތި ގިނަ ބަޔަކު ދަނީ މަގުތަކަށް ނިކުންނަމުންނެވެ.
ލޮކްޑައުންގެ ލުއިތަކާއި އެކު ބަލި ފެތުރުމަށް އައި ބަދަލުތަކާއި ބެހޭ ދިރާސާއެއް ކުރިޔަށް ގެންދާއިރު، މިވަގުތު ކޮމިއުނިޓީގައި ބަލި އޮތް މިންވަރު ދެނެގަތުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ބަލި ފެތުރުމަށް އެއްވެސް ބަދަލެއް އައިކަން ފާހަގަވެފައިވޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އަދި މިހާތަނަށް އެފަދަ އެއްވެސް ކަމެއް ފާހަގަވެފައި ނެތް ކަމަށެވެ.

