ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ތަޙުޤީޤުކުރަންފަށާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) ބުނެފިއެވެ.
ބުރާސްފަތިވިލެރޭ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ވާގޮތުން، ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު މުޙައްމަދު އިބްރާހިމާއި، ސިވިލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު ޢަބްދުﷲ ޢަލީއާއި، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒާ މުލްޙާ ޢަލީއާއި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުޙައްމަދާއި، މި ހަތަރު ފަނޑިޔާރުންގެ މައްސަލަތަކެއް ތަޙުޤީޤުކުރަން ނިންމާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން، އެ މައްސަލަތައް ތަޙުޤީޤުކުރަން ކޮމިޝަންގެ ކަމާބެހޭ ކޮމިޓީން ނިންމަވާފައިވާތީ، އެ މައްސަލަތައް ތަޙުޤީޤުކުރާނެ ތަޙުޤީޤު ކޮމިޓީތައް، ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 42 ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.
މި ގޮތުން، ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު މުޙައްމަދު އިބްރާހިމްގެ މައްޗަށް ތަޙުޤީޤުކުރަން ނިންމާފައިވަނީ، ޢާއިލީ ގުޅުން އޮންނަ ފަރާތެއް، އެ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް، ހަމަޖެއްސެވުމުގައި އިޙުމާލުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްކަމަށް ޖޭއެސްސީން ހާމަކޮށްފައިވެއެވެ.
ޖޭއެސްސީން ބުނި ގޮތުގައި، ސިވިލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު ޢަބްދުﷲ ޢަލީގެ މައްޗަށް ތަޙުޤީޤުކުރަން ނިންމާފައިވަނީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި، ދަޢުވާކުރާ ފަރާތުގެ ބަދަލުގައި، ކޯޓަށް ހާޒިރުވުމަށް ޢައްޔަންކުރެވިފައިވާ ފަރާތް ކޯޓަށް ހާޒިރުނުކޮށް މައްސަލަ ބާޠިލްކުރެއްވިކަމަށް ބުނާ މައްސަލައެކެވެ.
މީގެ އިތުރުން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒާ މުލްޙާ ޢަލީގެ މައްޗަށް ހަތަރު މައްސަލައެއްގެ ތަޙުޤީޤުކުރަން ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެއެވެ. ޖޭއެސްސީން ބުނީ، މެޖިސްޓްރޭޓް އަލްއުސްތާޒާ މުލްޙާ ޢަލީ، ކޯޓުގައި ހިނގާ އެކި ޝަރީޢަތްތަކުގައި ޝާމިލްވާ އެކި ފަރާތްތަކާއެކު ފަނޑިޔާރަކު ބާއްވަވަން ނުޖެހޭ ގުޅުންތައް ބާއްވަވާކަމުގެ ތުހުމަތުކުރެވޭކަމަށާއި، ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު މުއްދަތު ޖަހާފައިވަނިކޮށް ބަންދު އަމުރު މުރާޖަޢާކޮށް ގޮތް ނިންމެވި މައްސަލައަކާއި، ޢާއިލީ ވިޔަފާރީގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާކަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި،ފުލުހުންގެ އިދާރާއިން ހިންގި ތަޙުޤީޤަކަށް ހުރަސްއަޅުއްވައި ހެކި ނައްތާލައްވަން މަސައްކަތްކުރައްވައި، ފަނޑިޔާރެއްގެ ޢަމަލުތައް ބަހައްޓައިގެންނުވާނެ ގޮތަކަށް ޢަމަލުތައް ބެހެއްޓެވި މައްސަލައެއް ހިމެނޭކަމަށެވެ.
ޖޭއެސްސީން ބުނީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުޙައްމަދުގެ މައްޗަށް ވަނީ، ބަންދުގައި ބެހެއްޓުމާއިމެދު މީހަކަށް ގޮތް ނިންމެވިއިރު، ޙަޤީޤަތާއި ޚިލާފަށް، ޒިންމާދާރުކުޑަ ގޮތެއްގައި ލިބިފައިވާ މަޢުލޫމާތު އޮޅޭގޮތަށް ޢަމަލުކުރެއްވިކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެއް، ވެސް ހުށަހެޅިފައިވާކަމަށެވެ.
ޖޭއެސްސީން މި ހުރިހައި މައްސަލަތަކެއްގެ ތަޙުޤީޤު ފަށަން ނިންމާފައިވާއިރު، އެ ކޮމިޝަނުން ދަނީ ފަނޑިޔާރުންގެ މިފަދަ ސުލޫކީ މައްސަލަތަކާއިމެދު ގޮތް ނިންމައި، އެ ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅަމުންނެވެ. މި ގޮތުން، ޖޭއެސްސީގެ މި އަހަރުގެ 40 ވަނަ ބައްދަލުވުމުގައި، އެ ކޮމިޝަނުން ވަނީ، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު މުޙައްމަދު މައުޞޫމު ފާޅުގައި ރިޝްވަތު ނަންގަވާކަމަށް، ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ޕޯސްޓްތަކަކާއި ގުޅޭ މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި، އަދި އޭގެ އިތުރުން އެހެން މައްސަލަތަކެއްގެ ތަޙުޤީޤުކުރިއަށް ގެންގޮސްފައެވެ. އަދި އެ ތަޙުޤީޤުކުރިއަށް ގެންގޮސްފައިވާ ހިސާބަށް ރިޢާޔަތްކޮށް، ތަޙުޤީޤު ފުރިހަމަކޮށް ނިމެންދެން، ވަޒީފާއަށް ނުނިކުމެ 60 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި މަޑުކުރައްވަން ވެސް އަންގާފައެވެ.

